ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކަމަށްވާ ކޯމަލިކާގެ ރޯލު މިހާތަނަށް ކުޅެފައިވަނީ ހީނާ ޚާން އެވެ. ނަމަވެސް މިހާރު ހީނާ ވަނީ އެ ޝޯ ދޫކޮށްލާފަ އެވެ. އެހެންވެ އެ ރޯލު ދެން ކުޅޭނެ ބަތަލާއަކާ މެދު ތަފާތު ގޮތްގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކޯމަލިކާގެ ރޯލަށް ޓީވީ އަދި ފިލްމު ބަތަލާ ގޯހަރް ޚާން މިހާރު ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް ގޯހަރްގެ ގާތް މީހަކު މި ވާހަކަ ވަނީ ދޮގު ކޮށްފަ އެވެ. އޭނާ ބުނީ ގޯހަރްގެ ޝައުގުވެރިކަމެއް އެ ރޯލަކަށް ނެތެވެ.
މި ރޯލާ ބެހޭ ގޮތުން މަޝްވަރާ ކުރަން ގޯހަރް އާއި މި ސިލްސިލާ އުފައްދާ ފަރާތާ އެކު ބައްދަލުވުމެއް ބޭއްވި އެވެ. ނަމަވެސް ގޯހަރް އެ ރޯލު ކުޅެދޭން އެއްބަސް ނުވި ކަމަށް ވެއެވެ. ގޯހަރް މިހާރު ވިސްނަނީ ބައެއް ވެބް ސީރީޒްތަކުގައި މަސައްކަތް ކުރާށެވެ.
ކޯމަލިކާގެ ރޯލު ދިނުމަށް ކަރިޝްމާ ތަންނާ އާއި އަލީޝާ ޕަންވަރް ފަދަ ބަތަލާ އިންނާ ވެސް މަޝްވަރާ ކޮށްފައި ވެއެވެ. މި ރޯލު ޖޭސްމީން ބަސީން އަށް ދީފައިވާ ކަމުގެ އަޑުތަކެއް ވެސް ތަންކޮޅެއް ކުރިން ފެތުރުނެވެ. ނަމަވެސް މި ވާހަކަތައް ޖޭސްމިން ވަނީ ދޮގުކޮށްފަ އެވެ.
"ކަސޯޓީ ޒިންދަގީ ކޭ" އަކީ ޓީއާރުޕީ ޗާޓުގެ ވަރަށް ކުރީގައި އުޅޭ ޝޯ އެކެވެ. އަދި ކޯމަލިކާގެ ކެރެކްޓާ ދައްކަން ފަށާއިރަށް ޓީއާރުޕީ އިތުރަށް ރަނގަޅުވެ އެވެ.
މިހާތަނަށް ކޯމަލިކާގެ ރޯލު ކުޅުނީ ހީނާ ނަމަވެސް ފިލްމާއި ވެބް ސީރީޒް އެއް ކުޅުމުގައި ބިޒީވެގެން ހީނާ ވަނީ މި ސިލްސިލާ ދޫކޮށްލާފަ އެވެ. މި ސިލްސިލާގައި ލީޑް ރޯލު ކުޅެނީ ޕާތު ސަމްތާން އާއި އެރިކަ ފެނާންޑީސް އެވެ.