ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ބާސެލޯނާ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކޮށްފި އެވެ.
މެސީ އާ އެންމެ ގާތުން އެ ވޯޑަށް ވާދަ ކުރީ، ފްރާންސު ފުޓްބޯޅައިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި، ލިވަޕޫލާއި ހޮލެންޑްގެ ޑިފެނަޑަރު ވާޖިލް ވެންޑައިކެވެ. އެ ވޯޑްގެ ތިން ވަނަ އަށް ދިޔައީ ޔުވެންޓަސް އާއި ޕޯޗްގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދީ އެމެރިކާއާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި މޭގަން ރަޕީނޯ އެވެ.
އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ކާމިޔާބު ކުރީ ލިވަޕޫލާއި ބުރެޒިލްގެ ކީޕަރު އަލިސަން ބެކާ އެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދީ ލިވަޕޫލްގެ ޔާގަން ކްލޮޕް އެވެ. އޭނާ ވާދަ ކުރީ ޓޮޓެންހަމްހޮޓްސްޕާސްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ އާއި މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އެވެ.
އެންމެ މޮޅު އަންހެން ގޯލްކީޕަރުގެ އެވޯޑް ހޯދީ ހޮލެންޑްގެ ސާރީ ވެން ވީނެންޑާލް އެވެ. އެންމެ މޮޅު އަންހެން ކޯޗްގެ އެވޯޑް ހޯދީ އެމެރިކާގެ ގައުމީ ޓީމުގެ ޖިލް އެލިސް އެވެ.
މެސީ އެވޯޑް ހޯދުމުން އޭނާ ވެފައި ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އަށެވެ. ފީފާގެ އެވޯޑް އޭނާ ވަނީ ހަ ފަހަރު ހޯދާފަ އެވެ. ރޮނާލްޑޯ ވަނީ ފަސް ފަހަރު ހޯދާފަ އެވެ.
މެސީއަށް އެވޯޑް ހައްގުތޯ އުފައްދާ ސުވާލު
މެސީއަށް އެވޯޑް ދިނުމުން، އެކަމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ. އެއީ ކޮންމެ އަހަރަކުވެސް އުފައްދާ ސުވާލުތަކެކެވެ. ނަމަވެސް، ފީފާ އާއި ފްރާންސް ފުޓްބޯލް ވަކިވެ ދެ ފަރާތުން ވެސް ވަކި އެވޯޑެއް ދޭން ފެށިތާ މިއީ ހަތަރު ވަނަ އަހަރެވެ. ފްރާންސް ފުޓްބޯލް މެގަޒިންއިން ދޭ އެވޯޑް ކާމިޔާބު ކުރީ ވެންޑައިކެވެ. މިދިޔަ ތިން އަހަރު ވެސް ބެލަންޑޯ އާއި ފީފާގެ "ދަ ބެސްޓް" އެވޯޑް ގެންގޮސްފައި ވަނީ އެއް ކުޅުންތެރިންތަކެކެވެ.
ސުވާލު އުފެދޭ ހިސާބަކީ މި އެވެ. ބެލަންޑޯގެ އެވޯޑް ވެންޑައިކް ކާމިޔާބު ކޮށްފައި ފީފާގެ އެވޯޑް އޭނާއަށް ނުލިބެންވީ ކީއްވެ ހެއްޔެވެ. މީގެ ކުރިން ފްރާންސް ފުޓްބޯލް އާއި ފީފާގެ އެވޯޑް ގުޅިގެންދޭއިރު އިންޓަނޭޝަނަލް ކާމިޔާބަށް ބަލަ އެވެ. މިދިޔަ ސީޒަންގައި ވެންޑައިކް ވަނީ ލިވަޕޫލާއެކު ޔޫއެފާ ޗެމްޕިއަންސް ލީގް ހޯދާފަ އެވެ. އަދި މިދިޔަ ސީޒަންގެ ޔޫއެފާ ނޭޝަން ލީގްގެ ފައިނަލަށް ހޮލެންޑް ދަތުރު ކުރުމުގައި ވެންޑައިކްގެ ހިއްސާ ބޮޑެވެ.
މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގްގެ ދެ ވަނަ މަގާމު ލިވަޕޫލަށް ލިބުނީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އެއް ޕޮއިންޓް ފަހަތުގައި އޮތުމުންނެވެ. ނަމަވެސް މުޅި ސީޒަންގައި ލިވަޕޫލްގެ ޑިފެންސްގައި ވެންޑައިކްގެ ޖާދޫ ފެނިގެން ދިޔަ އެވެ. ފޯވަޑުން ފާހަގަ ވަނީ ލަނޑު ޖަހާތީ އެވެ. ޑިފެންޑަރުން ފާހަގަ ވަނީ އެތަކެއް ބޯޅަތަކެއް ދިފާއު ކުރާތީ އެވެ. އެގޮތުން މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގްގެ މޮޅު ކުޅުންތެރެޔާގެ އެވޯޑް އޭނާ ހޯދީ ޑިފެންސްގައި އޭނާ ދެއްކި އާދަޔާ ހިލާފް މޮޅު ކުޅުމުގެ ސަބަބުންނެވެ. މިދިޔަ ސީޒަންގެ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީވެސް ވެންޑައިކް އެވެ.
ބާސެލޯނާ އާއެކު މެސީ ހޯދީ ސްޕެނިޝް ލީގް އެކަންޏެވެ. އާޖެންޓީނާ އާއެކު ކޮޕާ އެމެރިކާގައި ކުރިމަތިވީ ނާކާމިޔާބެވެ. ސުވާލު އުފައްދާ ފަރާތްތަކުން ބުނީ އިންޓަނޭޝަނަލް ލެވަލްގައި ވެސް ވެންޑައިކް ކާމިޔާބުތައް ހޯދި އިރު އޭނާއަށް އެ ވޯޑް ނުލިބުނީ ކީއްވެގެންތޯ އެވެ.
މެސީއަށް އެވޯޑް ހައްގު ކަމަށް ވާހަކަ ދައްކާ ފަރާތްތަކުން ބުނަމުން ދަނީ މިދިޔަ ސީޒަންގައި ޔޫރަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ މެސީ ކަމަށެވެ. އޭނާ ވަނީ 49 މެޗުގައި 51 ގޯލް ޖަހާފަ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ޓޮޕް ސްކޮރާއަކީ މެސީ އެވެ. އަދި އުނދަގޫ ވަގުތުގައި މެސީ ނުކުމެ ބާސެލޯނާ ސަލާމަތް ކޮށްދީފައިވާ ކިތަންމެ މެޗެއް މިދިޔަ ސީޒަންގައި ކުޅުނެވެ.