ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ފަސް ވަނަ ފަހަރަށް މިރޭ ހޯދައިފި އެވެ.
ސްވިޒަލޭންޑްގެ ޒިއުރިކްގައި މިރޭ ބޭއްވި ފީފާ އެވޯޑް ނައިޓްގައި މެސީ އަށް މިއެވޯޑް ހަވާލުކޮށްދިނީ 2007 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާ ބްރެޒިލްގެ ކަކާ އެވެ.
މެސީ އަށް ވޯޓުގެ 41 ޕަސެންޓް ލިބުނުއިރު ދެ ވަނަ ލިބުނު ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނީ 27 ޕަސެންޓް ވޯޓެވެ. ތިން ވަނަ އަށް ދިޔަ ނޭމާ އަށް ހަތް ޕަސެންޓް ވޯޓެވެ.
"މިއީ ވަރަށް ހާއްސަ ކާމިޔާބީ އެއް އަހަންނަށް. އަހަރެން ވަރަށް އުފާވެއްޖެ (މިދިޔަ ދެ އަހަރު) ކްރިސްޓިއާނޯ ރޮނާލްޑޯ އެވޯޑް ހޯދާތަން ބަލަން އިންނަން ޖެހުމަށްފަހު އަލުން މި ސްޓޭޖަށް އާދެވުމުން. މިއީ އަހަރެންގެ ފަސް ވަނަ އެވޯޑް. މި އެވޯޑް ހޯދުމަކީ އަހަރެން ކުޑަިރުވެސް ދެކޭ ހުވަފެނެއް. ފުޓްބޯޅައިގެ އެންމެނަށް އަހަރެން ޝުކުރު އަދާކުރަން،" މެސީ ބުންޏެވެ.
މެސީ މިރޭ މި އެވޯޑް ހޯދީ ޖެހިޖެހިގެން ހަތަރު އަހަރު އޭނާ އެވޯޑް ހޯދާފައިވަނިކޮށް، މިދިޔަ ދެ އަހަރު ރެއާލް މެޑްރިޑުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މި އެވޯޑް ހޯދައި މެސީއާ އަރާ ހަމަކުރަން ފައި ނަގާފައިވަނިކޮށެވެ. މިރޭ ރޮނާލްޑޯ އަށް އެވޯޑް ލިބުނުނަމަ ކޮންމެ ކުޅުންތެރިއަކަށް ވެސް ހަތަރު ފަހަރު އެވޯޑް ލިބި ދެ ކުޅުންތެރިން އެއްވަރުވާނެ އެވެ.
ނަމަވެސް މި ފަހަރު ރޮނާލްޑޯ ދިޔައީ ބާސެލޯނާގެ ބްރެޒިލް ފޯވަޑް ނޭމާގެ ކުރިން ދެ ވަނަ އަށެވެ.
މެސީ އެވޯޑް ހޯދިއިރު އޭނާ އެންމެ ފުރަތަމަ މި އެވޯޑް ހޯދީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން 2010، 2011 އަދި 2012 ވަނަ އަހަރު އޭނާ މި އެވޯޑް ހޯދައި ހަތަރު ފަހަރު މި އެވޯޑް ހާސިލްކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް މެސީ ހޯދި އެވެ.
މި ފަހަރުގެ އެވޯޑް މެސީ އަށް ލިބުނުއިރު އޭނާ ވަނީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫރަޕިއަން ސުޕަ ކަޕާއި ދުނިޔޭގެ ކުލަބު ވޯލްޑް ކަޕް މިދިޔަ އަހަރު ބާސެލޯނާ އަށް ކާމިޔާބުކޮށްދީފަ އެވެ. އަދި ކޮޕާ އެމެރިކާގެ ފައިނަލަށް އާޖެންޓީނާ ވެސް ގެންގޮސްދިނެވެ. ޗެމްޕިއަންސް ލީގުގެ މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
އުމުރުން މިހާރު 28 އަހަރުގެ ފޯވަޑް ވަނީ ހުސްވި އަހަރުގެ ލީގުގައި 43 ގޯލު ޖަހާފަ އެވެ.