މޫސުން

ވަރަށް ވިއްސާރަ: ކަނޑުދަތުރަށް ސަމާލުވޭ!

މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާތީ އާންމު ކަނޑު ދަތުރުތަކުގައި މޫސުމަށް ސަމާލުވާން ކަމާ ބެހޭ މުއައްސަސާތަކުން އިލްތިމާސް ކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ވެސް ވަނީ މޫސް ގޯސްވާނެ ކަމަށް ލަފާ ކޮށްފަ އެވެ. އެ ލަފާގައިވާ ގޮތުން ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ އެވެ. އަދި މިއަދުގެ ހެނދުނު 9:30 އިން މެންދުރުފަހު 1:30 އަށް ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ޔެލޯ އެލާޓެއް ނެރެފަ އެވެ. އަދި ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އަށް ރ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ވައިޓް އެލާޓެއް ނެރެފަ އެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ ވިއްސާރަވެފައިވާއިރު ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުން އަންނަ ކަމަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުން އޮޅުންފިލުވުމަށް ފަހު ނޫނީ ދަތުރަށް ނާރަން އެދޭ ކަމަށެވެ.

ކަނޑު ދަތުރު ކުރާނަމަ، އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށާއި ދަތުރު ކުރާ އުޅަނދު ފަހަރުގައި ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމާއި އެހެނިހެން އާލާތްތަކާއި ނިޒާމްތައް ފުރިހަމަވެފައިވޭތޯ ޗެކް ކުރަން ވެސް އެމްއެންޑީއެފުން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން މުދާ އުފުލާ ނަމަ އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި ރޭގަނޑު ދަތުރުތައް ކުރާނަމަ އިތުރަށް ސަމާލު ވުމަށާއި ޑައިވިނާއި މޫދު ކުޅިވަރުތައް ރާވާ ހިންގާ ނަމަވެސް މޫސުމަށް ބަލަން ވަނީ އެދިފަ އެވެ.