ވިކްޓަރީ

ވިކްޓަރީ 40،000 ރުފިޔާއިން ޖުރިމަނާ ކޮށްފި

ދިވެހި ޕްރިމިއާ ލީގްގައި މިދިޔަ ބުދަ ދުވަހު، ކުލަބު ގްރީން ސްޓްރީޓާ ދެކޮޅަށް ވިކްޓަރީ ސްޕޯޓްސް ކުލަބު ކުޅެން އޮތް މެޗަށް ހާޒިރު ނުވުމުން ވިކްޓަރީ 40،000 ރުފިޔާއިން ޖޫރިމަނާ ކުރަން އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުން މިއަދު އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، އެ މެޗަށް ވިކްޓަރީ ހާޒިރު ނުވުމުން ގްރީން ސްޓްރީޓަށް ތިން ޕޮއިންޓާއި ފައިދާ ދެ ގޯލް ދީފައިވާ ކަމަށެވެ.

އެ މެޗުގެ ކުރިން ވެސް ވިކްޓަރީގެ ކުޅުންތެރިން މެޗަށް ހަމަވާނެ ކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. އެ ޓީމުގެ އެސިސްޓެންޓް ކޯޗް އާދަމް އަބްދު ލަތީފް (ލައްޗޭ) ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ޓީމުގެ ޕްރެކްޓިހަށް ނުކުންނަނީ ހަ ކުޅުންތެރިން ކަމަށެވެ.

މާލީ މައްސަލަތަކާހުރެ ގަވައިދުން މުސާރަ ނުދޭތީ ވިކްޓަރީގެ ބައެއް ކުޅުންތެރިން ވަނީ ޕްރެކްޓިހަށް ނުކުތުން ހުއްޓާލާފަ އެވެ. އަދި އެ ޓީމުގެ ހަ ކުޅުންތެރިޔަކު ނޭޕާލްގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ގައުމީ ޓީމުގައި ހިމެނެ އެވެ. އަންނަން ދެން ވިކްޓަރީ ކުޅެން ހަމަޖެހިފައިވާ މެޗުތައް ފަސް ކޮށްދިނުމަށް ވިކްޓަރީން އެދުނެވެ.

ވިކްޓަރީގެ ސިޓީއަށް އެފްއޭއެމުން ފޮނުވާފައިވާ ޖަވާބުގައި ބުނެފައި ވަނީ، ފުރަތަމަ ޑިވިޝަންގެ އެހެން ކުލަބުތަކުގައި ވެސް 19 އަހަރުން ދަށުގެ ޓީމަށް ނިސްބަތްވާ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެހެންވެ ހަމައެކަނި ވިކްޓަރީގެ މެޗުގެ ޝެޑިއުލްއަށް ބަދަލު ގެނައުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

މިދިޔަ އަހަރުވެސް ދިވެހި ޕްރިމިއާ ލީގްގައި ކުޅެން އޮތް ދެ މެޗަށް ވިކްޓަރީ ހާޒިރު ވެފައެއް ނުވެ އެވެ.