ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(22 ސެޕްޓެމްބަރ 2019 އާ ގުޅޭ)

ޝިޔާނު ދަންޏާ ޔުސްރާ ދާނެއެވެ. ޔުސްރާ ދާނީ އަލްމާ ގޮވައިގެންނެވެ. ލިއަމް ގާތު ހޭޒަލް ޚިޔާލުފާޅުކުރީ އިނާޒާއި ލިއުޝާ ގޮވައިގެން އެއްރޭ ކާންދާންވާނޭ ކަމެވެ. ލިއަމް ލައްވާލީ ހޫންއެކެވެ. އޭނާ ޓީވީއަށް ބަލަން އިނެއްކަމަކު ފިލްމު ބަލަނީހެނެއް ހޭޒަލްއަށް ޔަގީނެއްނުވިއެވެ. ހީވަނީ ކަމަކާ ލިއަމް ވިސްނަނީ ހެނެވެ.

ލިއަމްއަށް ބަލަން އިރުކޮޅަކު އިނދެފައި ހޭޒަލް އޭނާގެ އުނގަށް ވެއްޓިގަތެވެ. ހޭޒަލްގެ ސަމާސާ ކުރުންތަކާއެކު ލިއަމްގެ ސީރިއަސްކަން ގެއްލުނެވެ. ހޭޒަލްގެ ސަމާސާގައި ބައިވެރިނުވެ އޭނާއަކަށް ނީނދެވުނެވެ. ދެމަފިރިން ހޭއަޑު އެޕާޓްމެންޓް ތެރޭގައި ވިއެވެ.

"ކޮންކަމަކާ ތި ވިސްނަނީ" ހޭޒަލް އަހާލިއެވެ. ސޯފާގެ ދިގަށް އޮށޯވެލައިގެން އޮތް ލިއަމްގެ އަތުތެރޭގައި ހޭޒަލް އޮތެވެ. ލިއަމްގެ މޭގައި ބާއްވާލައި އޮތް އަތްތިލައިގަ ދަތްދޮޅި ޖައްސާލައިގެން އޭނާއަށް ބަލާށެވެ.

"ކަމަކާނޫން" ލިއަމް ހިނިތުންވުމަކާއެކު ބުންޏެވެ.

"ލިއަމް ވޮރީކުރަންޖެހޭ ވަރުކަމެއް ދިމާވެއްޖެއްޔާ އަހަރެން ގާތު ބުނާނަންތަ؟" ހޭޒަލް އެއްސެވެ. ލިއަމް ހޫން ލައްވާލިއެވެ.

"ނޫން!... ނުބުނާނެ... ލިއަމް ކަންކަމާ ވިސްނާ ފިކުރުކުރާކަން އެނގޭ، އެކަމަކު ދުވަހަކުވެސް ޝެއާއެއްނުކުރާނެ... ކީއްވެތަ؟... އަހަރެން ހުރިހާ ވާހަކައެއް ލިއަމްއާ ދައްކަން، ނޫންތަ؟... ދެމީހުން އެކީގަ އުޅޭތަ ކިތައް އަހަރުމިވީ، ދުވަހަކުވެސް ލިއަމް ކަމަކާ ހާސްވެގެން، ނޫނީ ބޮޑުކަމެއް ދިމާވެގެން ނެތް އެ ވާހަކަދައްކާފައެއް" ހޭޒަލް ބުންޏެވެ.

"އެކަހަލަ ކަމަކާ ދިމާނުވަންޏާ ނުދައްކާނެއެއްނު... އަހަރެން ބޭނުމެއްނޫން ޒެއްލު ކަންކަމާ ވިސްނާ ބޯގޮވާކަށް، އަހަރެން ބޭނުންވީ ޒެއްލު އަބަދުވެސް ތިހުންނަހެން ހެޕީވެލާފަ ހިނިއައިސްފަ ހުންނަން، ޒެއްލު ނުޖެހޭނެ އެއްވެސް ކަމަކާ ހާސްވާކަށް، އަހަންނަށް ހޭންޑްލް ނުކުރެވޭނެކަމެއް ނޯންނާނެ، އައި ވިލް މެނޭޖް އެވްރިތިންގް... ޒެއްލުގެ ތި ކިއުޓްނެސް އެންޑް ޔޯ އިނެސެންސް އެކަހަލަ ބޭކާރު ކޫސަނި ކަންކަމާ ހެދި ގެއްލިއްޖެއްޔާ އަހަރެން މާ ހާސްވެ ކަންބޮޑުވާނެ، ޒެއްލުދެކެ އަހަރެން ވަރަށް ލޯބިވޭ، އެކަން ޤަބޫލުކުރައްޗޭ... ތިއަށްވުރެ ލޯބިވާނެ އެހެންމީހަކު މިދުނިޔެއަކުނެތް، ޒެއްލުގެ ހެޕިނެސް އެއްވެސް ކަމަކަށްވުރެ އަހަންނަށް މުހިންމު" ހޭޒަލްގެ ހޭވިފައި އޮތް އިސްތަށިގަނޑު މޫނު މައްޗަށް ވެއްޓުނަށް ނުދީ ރީތިކޮށްދެމުން ލިއަމް ވާހަކަދެއްކިއެވެ.

"އައި ލަވް ޔޫ ޓޫ... އަހަންނަށް އެނގޭ ލިއަމްއަށްވުރެ ލޯބިވާނޭ އެހެން މީހަކު މި ޒެއްލުއަކަށް ނުލިބޭނެކަން" ހިނިއައިސްފައި ހޭޒަލް ބުނެލިއެވެ. އެ ބުނުމުން ލިއަމް ކައިރިއަށް ވެސް ހިނިއައެވެ. އޭނާ ސޯފާއިން ތެދުވެ ހޭޒަލް އުރާލިއެވެ. ލާނެތް ހިންޏެއް އައިސްފަ ހުރެ ހޭޒަލް ގޮވައިގެން ލިއަމް އައިސް ވަނީ ކޮޓަރިއަށެވެ.

ރީތިވާ މޭޒުމަތީ ބޭއްވި ގަޑި ނަގައި ލިއަމްގެ ވައަތުގައި އަޅާލިއެވެ. އޭނާ ގަޑި ބަލާލިއެވެ. ރޭގަނޑު ނުވައެއް ޖަހަން ދެތިން މިނެޓަށް ވެއްޖެއެވެ. ގައިގާ ތުވާލިކޮޅު އޮޅާލައިގެން ހުރި ހޭޒަލްގެ ހަރަކާތްތަކަށް ލިއަމް ބަލާލީ ކުރިމަތީ ހުރި ލޯގަނޑުންނެވެ. އޭނަގެ އިސްތަށިގަނޑުގައި އަތްފުނާ އަޅަމުންނެވެ.

"ޒެއްލު!... ދެން ކޮންމެވެސް އެއްޗެއް ލާބަލަ، ނުވައެއް ޖަހަންވާއިރާއަށް ޝިޔާނު އަންނާނެ ބަލާ" އަލަމާރި ކުރިމަތީ ހެދުންތައް ހާވަން ހުރި ހޭޒަލްއަށް ލިއަމް ބުންޏެވެ.

"މި ހެދުން ލާން ބޭނުމީ... އެކަމް މަދިރިކާވަރުން ނީނދެވޭނެ..." ކުރު ކަޅު ހެދުމެއް ދައްކާލާފައި ހޭޒަލް ކުސްތަޅާލިއެވެ.

"ކުރީން ދުވަހު ގަނެދިނީމެންނު ކްރީމް ފުޅިއެއް" ލިއަމް ބުންޏެވެ. އޭނާ އައިސް އަލަމާރީގައި އަޅުވާފައި ހުރި ހޭޒަލްގެ ހެދުންތައް ބަލަން ފެށިއެވެ. ހޭޒަލް ގެނެސްފަ ހުރި ހެދުންތަކުން އަޅިކުލައިގެ އޯވާރޯލް ވައިޑްލެގް ޖަމްޕްސޫޓް ލިއަމް ނެގިއެވެ. ހޭޒަލްގެ އަތް ދަމާލައި އެ ހެދުން އޭނާގެ އަތަށް ދީފައި އެ ލާށޭ ބުންޏެވެ. ހޭޒަލް ތައްޔާރުވުމުގައި ލިއަމް އެހީތެރިވެދިއެވެ. ހޭޒަލް އެއްލާލި ތުވާލު ނަގައި އެވެސް ހުންނަޖެހޭ ތަނުގައި ލިއަމް އެޅުވިއެވެ. ހޭޒަލް ހެދުން ލައިގެން އައިސް ރީތިވާ މޭޒުކައިރީ އިށީނެވެ. އޭނާ ގެނައި މޭކަޕް ސާމާނު އެޅި ފޮށި ހުޅުވާލިއެވެ. އިސްތަށިގަނޑުން ތަރުތީބު ގެއްލިފައިވާ ފަދަ ދޫ ހުޅިއެއް ޖަހާލިއެވެ.

"ޒެއްލު، ނުނިމޭތަ..." ލަސްވެފައި ހުރިހެން ލިއަމް އަހާލިއެވެ. ޝިޔާނުގެ ކޯލު ވެސް އައީ ހަމަ އެވަގުތެވެ. ލިއަމް ފޯނުން ދެއްކި ވާހަކައިން ޝިޔާނު އެ ގެއަށް އައީކަން ހޭޒަލްއަށް އެނގުނެވެ. އޭނާ އަވަސްކޮށްލައިގެން ތެދުވިއެވެ. ދާންވީކަމުގައި ބުނެ އެނދުމަތީ އޮތް ފޯނު ހޭޒަލް ނެގިއެވެ.

"ކޮބާ ކިހިނެއް؟..." ލިއަމް ސައިކަލު ނެރެން ގޭޓު ހުޅުވާލަދިން ހޭޒަލްއަށް މަގުމަތީ ސައިކަލުގައި އިން ޝިޔާނު ގޮވާލައި އަހާލިއެވެ.

"ރަނގަޅު، މީ ކޮންކެއުމެއްތަ؟" ހޭޒަލް އަހާލިއެވެ.

"މީ ހަމަ ޒެއްލުއަށް އަހަރެންގެ ފަރާތުން ދޭ ކެއުމެއް" ޝިޔާނު ބުންޏެވެ.

"ކޮބާ ޔުސްރާ؟" ހޭޒަލް އަހާލިއެވެ. އޭރު ލިއަމް ސައިކަލު މަގުމައްޗަށް ނެރިއްޖެއެވެ. ހޭޒަލް ގޭޓު ލައްޕާލާފައި އައިސް ލިއަމްގެ ފަހަތަށް އެރިއެވެ.

"އެމީހުން ވެއްޖެ އެ ދިމާއަށް ގޮސް" ސައިކަލު ދުއްވާލަމުން ޝިޔާނު ބުންޏެވެ.

އެމީހުން އައި މަޑުކޮށްލީ ކެފޭއެއްގެ ކައިރިއަށެވެ. ދޮރުމަތީ އެކިކަހަލަ ގަސް އިންދާފައި ހުއްޓެވެ. އެތެރޭގައި ބޮޑެތި ރުއް ވެސް ހުއްޓެވެ. ފަނުން ބިތްޖަހާ ބައިބައި ވަކިކޮށްފައި ހުއްޓެވެ. ހާމަބަޔަކާއި ހިޔާކޮށްފައި އޮތް ބައެއް ވެސް އޮތެވެ. މީހުން ވަރަށް ގިނައެވެ. ތަނަށް ވެރިވެފައި އޮތީ ވަރަށް ފަނޑު އަލިކަމެކެވެ. ފަސްވޯޓު ބޮތްކަކުން ވެސް އެއަށްވުރެ އަލިވާނެކަން ޔަގީނެވެ. އެކަހެރިކޮށް އެއްބައެއް އަނެއްބައެއްގެ އުނދަގޫ ނުޖެހި ތިބެވޭނޭހެން ހަދާފައި ހުރި ތަނެވެ. ލިއަމްގެ މުލައްދަނޑީގައި ހޭޒަލް ހިފާލައިގެން ހުރެ ޝިޔާނު ދައްކާ މަގުން ކުރިއަށް އައެވެ. އެމީހުން ތިބުމަށް ހަމަޖެހިފައި އޮތް މޭޒުގެ ދޮށަށް ޝިޔާނާއެކު އާދެވުނުއިރު އެތަނުގައި ޔުސްރާއާއި އަލްމާ ތިއްބެވެ.

"މިއޮއް އައީނު ފިލައިގެން އުޅޭ ދެ މީހުން" ޔުސްރާ ބުނެލިއެވެ.

"އަހަރުން ފިލައިގެން ނޫޅެން... ދޯ ލިއަމް" ހޭޒަލް ހިނިތުންވުމަކާއެކު ލިއަމްއަށް ބަލާލިއެވެ. އޭނާ ވެސް ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

"އިށީންނަންވީނު... އެކަމަކު އަދި އެއް ގޮނޑި ބޭނުންވާނެ" ޝިޔާނު ބުންޏެވެ. ހަތަރު މީހުންނަށް ތިބެވޭ ގޮތަށް ހުރި މޭޒެކެވެ. އެތަނުގައި ތިބީ ފަސްމީހުންނެވެ. ޝިޔާނު ނުކުމެގެން ގޮސް ބިތުގެ އަނެއްފަރާތުގައި ހުރި މޭޒުގެ ދޮށުން ގޮނޑިއެއް ހިފައިގެން އޭނާ އަތުވެއްޖެއެވެ.

"އަހަރެން އިންނާނީ ލިއަމް ގާތުގަ" އެންމެން އިށީންނަން އުޅުނު ވަގުތު އަލްމާ އިންތަނުން ތެދުވެ ބުންޏެވެ. ހޭޒަލްއަށް ލިބުނީ ކުއްލި ހައިރާންކަމެވެ.

"ކަލޭ ލިއަމް ގާތު އިންނާނެކަމެއްނެތް... ދޯ ޒެއްލު" ޔުސްރާ ބުންޏެވެ.

"އަހަންނަށް ކީއްވެތަ ނީނދެވެންވީ... ދޯ ލިއަމް" އަލްމާ ބުންޏެވެ. ނަމަވެސް ލިއަމް ވަކިއެއްޗެއް ނުބުންޏެވެ. ލިއަމްގެ ފަރާތުން އިޝާރާތެއްވޭތޯ ހޭޒަލްއަށް ބަލަން ހުރެވުނީއެވެ. ލިއަމް އަނގައިން ނުބުނި ތަނުގައި އޭނާގެ މޫނުން ވެސް އެއްވެސް އަސަރެއް ފާޅެއްނުވިއެވެ.

"ޒެއްލު އިށީންނަންވީނު" ހޭޒަލްގެ އަތުގައި ހިފާލަމުން ލިއަމް ބުންޏެވެ. ޔުސްރާ ގާތު ހޭޒަލް އިށީނަން އުޅެނިކޮށް އަލްމާ ގޮނޑި ދަމާލިއެވެ. އަދި އިށީންނަން އުޅުމުގެ ތެރޭ ލިއަމްގެ އުނގުގައި އަލްމާ އިށީންތަން ފެނުނެވެ.

"އަލްމާ" ޔުސްރާ ގޮވާލިއެވެ. ހޭޒަލްގެ ޠަބީޢަތް ވަގުތުން ބަދަލުވެއްޖެއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް އަލްމާއާއި ލިއަމްއަށް ހުއްޓުނެވެ.

"މިތާ ފަސް މަޑުކަމުން އަރި އަޅާލީ" އަލްމާ ބުންޏެވެ. އޭނާ އިށީނދެ ފައި ވެސް ވަކިން ބޮޑަށް ލިއަމްއާ ގާތަށް ގޮނޑި ޖައްސާލިތަން އަލްމާއަށް ފެނުނެވެ. އެއްޗެކޭ ނުބުންޏަސް ހޭޒަލްއަށް ދަތްކުނޑިވިކާލެވުނެވެ. ލިއަމްއާ ދިމާއަށް ބަލާލެވުނު ހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ލިއަމްއަށް އެތަނުގައި ބޮޑުކަމެއް ހިނގާކަމުގެ ހިލަމެއްވާހެން ވެސް ހީނުވާ ކަހަލައެވެ. އޭނާ އިނީ ހަމަޖެހިފައެވެ. އެކަމާ ވެސް ވަކިން ބޮޑަށް ހޭޒަލް ރުޅިގަދަވެއްޖެއެވެ.

"ކޯއްޗެއް ގެންނާނީ" ޝިޔާނު އަހާލިއެވެ. އެތަނަށް ވެއިޓަރު މީހާ ގެނައި ފެންފުޅި ކަނޑާ ޝިޔާނު އޭނާގެ ތަށްޓަށް ފެންފޮދެއް އެޅިއެވެ. ޔުސްރާ މެނޫ ބަލަން އިނދެ ކާނޭ އެއްޗަކާމެދު ވާހަކަދެއްކިއެވެ. އެވަގުތު ވެސް ހޭޒަލްގެ ސަމާލުކަން އަތުލީ ޝިޔާނު މޭޒުގައި ބެހެއްޓި ފެންފުޅި އަލްމާ ނަގައި ލިއަމްއަށް ފެންއަޅައިދޭން ފެށީމައެވެ. އަދި ފެން އަޅަމުން ލިއަމްއާ ނަޒަރު ސީދާކޮށްލައިގެން އިން ގޮތެވެ.

"އަދިތަ... ފުރެންދެންތަ... ގިނައިން ފެންބޯންޖެހޭނެ..." ލިއަމްއަށް ބަލަހައްޓައިގެން އިނދެ ލަސްލަހުން ފެންއަޅަމުން ވާހަކަދެއްކިއެވެ.

"ލޯބީ... ޒެއްލުގެ އޭންކަލް ބްރެސްލެޓް ފައިކުރީގަ އަޅައިގަނެފަ ކަންނޭނގެ އިނީ... ބަލާލަދީބާ" ލިއަމްގެ އަތުގައި ހިފާލައި ގާތަށް ދަމާލަމުން ހޭޒަލް ބުންޏެވެ. ލިއަމް ވަގުތުން ގުދުވެލާއި ހޭޒަލްގެ ފައި ބަލަން އުޅުނެވެ. ހޭޒަލް ބަލާލި އަލްމާއަށެވެ. އެހިނދު ރީތިކޮށް އަލްމާގެ މޫނަށް އަރާފޭބި ކުލަވަރު ހޭޒަލްއަށް ފެނިއްޖެއެވެ.

"ޔޫ ބިޗް... ޔޫ ޗީޕް..." ހިތާހިތާ ހޭޒަލްއަށް އެއްޗެހި ކިޔުނެވެ.

ކާއެއްޗިއްސަށް އޯޑަރު ދޭންވީއިރު ވެސް އަލްމާ ތުއިތުއިވެފާ ގެންނާނޭ އެއްޗެއް ނޭނގިގެން އުޅުނެވެ. އެންމެފަހުން އޭނާ ވެސް ގެނައީ ލިއަމް ޚިޔާރުކުރި ކާއެއްޗިއްސެވެ. ޝިޔާނުގެ ވާހަކައިގައި އެންމެން ބައިވެރިވަމުންދިޔައިރު އަލްމާ ވަކި ވާހަކައެއް ލިއަމްއާ ދައްކަންފެށިއެވެ. ނިކަން މަޑުމަޑުންނެވެ. ލިއަމް އަނގައިން ނުބުންޏަސް އަލްމާ އަނގަ ހުއްޓާނުލައެވެ. ދޭތެރެއަކުން ލިއަމްގެ އަތުގައި ހިފާ ގާތަށް ދަމާލަމުން ލިއަމްގެ ކަންފަތް ދޮށުގައި ވެސް ސިއްރުން ވާހަކައެއް ބުނެލައެވެ. މޭޒުމަތީ ދެއަތް ބާއްވާލައިގެން ދެއަތްތިލަ ޖޯޑުކޮށްލައިގެން ލިއަމް އިންއިރު އަލްމާ ވާހަކައިގަ ލިއަމްގެ އަތްމަތީ އަތްބާއްވާލި ގޮތަށް އެ އަތް ދުރަށްލީ ކާއެއްޗެހި ހިފައިގެން ވެއިޓަރުމީހާ އައި ފަހުންނެވެ.

"މިތާ އެންމެންތަކުގެ ތެރޭ ކޮން ސިއްރު ވާހަކައެއްތަ ލިއަމް ގާތު ތި ދައްކަނީ" ޔުސްރާ އިނދެފައި ބުންޏެވެ. އެއާއެކު ލިއަމް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު އަލްމާ ފުންމައިގެން އައިސް އޭނާގެ ކޮނޑަށް އަރަން އުޅުނު ކަހަލައެވެ. ލިއަމްގެ ކަރުގައި އޮޅުލައިގަނެގެން އޭނާގެ އަނގަމަތީ އަތްއެޅިއެވެ. ޝިޔާނު ބާރުބާރަށް ހޭންފެށިއެވެ. ހޭން ނޭނގިފައި އިނީ ހޭޒަލްއަށް އެކަންޏެވެ. އޭނާއަށް ބެލެނީ ލިއަމްއަށެވެ. ގެނައި ކާއެއްޗެހީގަ އަތްލާން ވެސް ހާނދާންނެތިފައި ހޭޒަލް އިނެވެ.

"ޒެއްލު... ނުބައެއްނުވާނެ މިތާ އެއްޗެހި" ޔުސްރާ ބުންޏެވެ.

"އާ ޔޫ ގާއިޒް ބްލައިންޑް އޯ ޖަސްޓް ޕްރިޓެންޑިންގް... އައި ހޭވް ލޮސްޓް މައި އެޕަޓައިޓް... ވެލްޑަން އަލްމާ، ނައު އައި ކޭން ސީ ޔޯ ޓްރޫ ފޭސް" ދަތްކުނޑިވިކާލައިގެން އިނދެ ހޭޒަލްގެ ނަޒަރު މޭޒުދޮށުގައި ތިބި އެންމެނަށް ހިންގާލިއެވެ.

"ބޭބްސް... ނުކަންތަ؟" ލިއަމްއަށް ފާހަގަވީ ދެނެވެ. އޭނާ ހޭޒަލްގެ ތަށްޓަށާއި މޫނަށް ބަލާލިއެވެ.

"ވަޓް ހެޕެން" ހޭޒަލް މޫނުގައިވި އަސަރުން އޭނާއަށް ކަމެއްވެއްޖެކަން ލިއަމްއަށް އެނގުނެވެ. އަހާލީ ސިއްރުން ވިޔަސް އެ އަޑުގައި ސީރިއަސްކަން ވިއެވެ. ހޭޒަލް ދެންތިބި އެންމެނަށް ބަލާލާފައި ދެފަރާތަށް ބޯހޫރުވާލިއެވެ.

"ހޮޑުލަވާގޮތްވަނީ... ބޮލުގަ ވެސް ރިއްސަންފަށައި..." ހޭޒަލް ބުންޏެވެ. އެއަޑު ޝިޔާނަށް އިވުނެވެ.

"ކިހިނެއްވީ ޒެއްލުއަށް؟... އަނެއްކާ ޒެއްލު ބަލިކޮށް އުޅެނިކޮށްތަ އަންނާށޭ ބުނެވުނީ... ލިއަމް އެކަހަލަ އެއްޗެއް ނުބުނޭ މަ ގުޅީމަ ވެސް" ޝިޔާނު ބުންޏެވެ.

"އަނެއްހެން ބައްޔެއްނޫން..." ހޭޒަލް ބުނެލިއެވެ.

"ކާއެއްޗެހި ގެނައިމަ ދެން ކާލާ" ލިއަމް އެދުންވެ.

ހޭޒަލް ކާން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. އަލްމާގެ ޢަމަލުތައް ހުރީ ހައްދުފަހަނައަޅާފައި ހުރި ހެންނެވެ. އަލްމާ ގެނައީ ލިއަމްއާ އެއްކަހަލަ ކާއެއްޗަކަށް ވިޔަސް ލިއަމްގެ ތަށިން އޭނާ ރަހަބެލިއެވެ. އަދި އޭނާގެ ތަށިން ވެސް ލިއަމްއަށް ލަވައިދިނެވެ. އެ މޭޒުގައި ހިނގާ ކަންކަން ބަލަން މީހަކު އެވަގުތު ހުރިހަމަ ޔަގީނާ ގާތަށް އެމީހަކަށް ހީވާނީ ލިއަމް ގުޅިގެން އުޅެނީ އަލްމާއާ ހެނެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި ހޭޒަލް އަތް ދަމާލިއެވެ. ލިއަމްގެ ގާތުގައި ހުރި ކޯކުތަށި ނެގުމަށެވެ. އޭނާއަށް ތަންދެމުން ލިއަމް ކުޑަކޮށް ފަހަތަށް ވެސް ޖެހިލިއެވެ. ހޭޒަލް ތަށިނެގުމުގެ ތެރޭ އަލްމާގެ ގަޔަށް އެ ކޯކުތަށި ވައްޓާލިއެވެ. އޭނާ ފުންމައިގެން އިންތަނުން ތެދުވިއެވެ. ލައިގެން ހުރި ގަޔަށް ހިފާފައި ހުރި ޓޮޕުކޮޅުގެ ބަނޑާދިމާލުން ބަޔަކާއި ޖީންސުގެ ކުރިމަތިން އެއްފަޔާއެކު ތެމިފައި ހުއްޓެވެ.

"އޯ ނޯ... ސޮރީ... މިތާ ފާޚާނާ ހުރޭތަ... ދޮވެލަން ދާންވީނު" ހޭޒަލް ގަސްދުގައި ކަންބޮޑުވުން ފާޅުކުރިއެވެ. އެފަދަ ޑްރާމާގަނޑެއް އޭނާ ކުޅެން ޖެހިދާނޭ މުޅިއުމުރުގައި ވެސް ހޭޒަލްގެ ހިތަކަށް ނާރައެވެ. އެހެންނަމަވެސް ކުރެވުނު ކަންތަކުން ކޮންމެވެސް ވަރަކަށް ބޮލުގެ ރިހުން ކުޑަވިއެވެ. އަލްމާ ޓިޝޫ ހޯދަން އުޅުނެވެ. މޭޒުމަތީ ޓިޝޫ ނެތްކަން އެނގުނީ ވެސް ދެނެވެ. ލެއްވި ރަޙުމަތެކޭ ހޭޒަލްގެ ހިތަށް އަރާ އެތެރެއެތެރެއަށް އޭނާ ހީނލަހީނލާ އިނެވެ.

"އަލްމާ ދޭ ބަލަ ޓިޝޫކޮޅެއް ހިފައިގެން އަންނަން... މިތާ ކައިރީ ވައިޓަރެއް ވެސް ނެތެއްނު" ހޭޒަލް ބުންޏެވެ. ނަސީބު ރަނގަޅުކަމުން އޭނާގެ ބުނުމަށް ޔުސްރާ ވެސް ތާޢީދުކުރިއެވެ. ނުދާން ހުރެފައި ވެސް އަލްމާ ހިނގައިގަތެވެ. އޭނާ ދިއުމުން ހޭޒަލް ތެދުވިއެވެ.

"އަލްމާ މިކޮޅުގަ ބައިންދާނީ... ހުންނާނެ ސަޕްރައިޒްވެފަ" ގަދަކަމުން ހެމުންހެމުން ހޭޒަލް ބުންޏެވެ. އަދި ލިއަމް ގާތު އޭނާ އާއި ޝިޔާނު އިންނާނީ ކައިރިކައިރީގަކަމާއި ޝިޔާނުއާ ޖެހިގެން ޔުސްރާ އިން ފަދައިން ލިއަމްއާ ޖެހިގެން އިންނާނީ ހޭޒަލްކަމުގައި ބުންޏެވެ. އަދި އަލްމާގެ ގޮނޑިއާއި އޭނާގެ ތަށިތައް ނަގައި ހޭޒަލްއާއި ޔުސްރާއާ މެދުގައި ބެހެއްޓިއެވެ. ގިނައިރެއްނުވެ އަލްމާ އައިސް ވަނެވެ. މޭޒުދޮށުގެ ތަރުތީބު ބަދަލުވެފައި ހުރިތަން ފެނި އިތުރު ހައިރާންކަމެއް އޭނާގެ މޫނުން ފާޅުވިއެވެ.

"ކީއްވެ ބަދަލުވީ... ދެންނޫން... ލިއަމް އާދޭ މިކޮޅަށް" އަލްމާއަށް ބުނެވުނެވެ.

"ލިއަމް އިންނާނީ މިތާ... ޝިޔާނު ކައިރީ... ދޯ ލިއަމް" ހޭޒަލްގެ ދޯއަށް ލިއަމް ބޯޖަހާލިއެވެ.

ކާމޭޒުމަތީގަ އިހު އެރުވި ފޯރި ހިނދިގެން ދިޔައީ ދެނެވެ. އަލްމާ ދޭތެރެއަކުން ލިއަމްއަށް ބަލާލައެވެ. ލިއަމްގެ ފުށުން އޭނާއަށް ސަމާލުކަމެއް ނުލިބުނަސް އެވެ. މި ހުރިހާކަމެއް ހޭޒަލްގެ ލޮލުން ކަސިޔާރުވެ ނުދެއެވެ. އެންމެން ކޭއިރު ވެސް ހޭޒަލްއަށް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. ހަޤީޤަތުގައި އޭނާ އެތަނަށް އައިރު ހުރީ ވަރަށް ބަނޑުހައިވެފައެވެ. ނަމަވެސް ފެނުނު މަންޒަރުން މޭނުބައިކުރީއެވެ. މީހާގެ ހަމަޖެހުން ގެއްލުނީއެވެ.

"ހިނގާ ދަމާ" ހޭޒަލް ބުންޏެވެ. އޭރު ކައިނިމިގެން ޝިޔާނުމެން ދުފަން ވެސް ދުފައިފިއެވެ. ހޭޒަލްއަށް ނުކެވުމުން ޝިޔާނު އެތަކެތި އޭނާއަށް ޕެކްކޮށްގެން ގެނެސްދިނެވެ. އަދި ގެއަށް ގޮސް ހަމަޖެހިގެން ކާލާށޭ އޭނާ ބުންޏެވެ. އަދި ޝިޔާނު ސިނގިރޭޓެއް ބޯލަން ތެދުވެ ލިއަމްއަށް ގޮވާލިއެވެ. އޭނާ ވެސް ޖީބުގައި އޮތް ވޭޕު ހިފައިގެން ޝިޔާނާ ދެމީހުން ގޮސް އިށީނީ ކުރިމަތިން ފެންނަން ހުރި ހުސްމޭޒެއްގެ ދޮށުގައެވެ. ޝިޔާނު ބުނީ ސިނގިރޭޓުގެ ވަސް ހޭޒަލްއަށް ދުވީމަ ކަމަކު ނުދާނޭ ކަމެވެ. އެހެންވެ ސިނގިރޭޓެއް ބޯލައިގެން އެ އަންނަނީކަމުގައި ބުންޏެވެ. އެ ދެ މީހުން ދައްކާ ވާހަކަ އަޑުނީވުނަސް އެ ދެމީހުން ތިބީ ހޭޒަލް މެންނަ ފެންނަ ހިސާބުގައެވެ. ހޭޒަލް އެއްވެސް އެއްޗެކޭ ނުބުނެ އިނީއެވެ. އަލްމާއާއި ޔުސްރާ ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. ދޭތެރެއަކުން ޝިޔާނު ނޫނީ ލިއަމް ހޭޒަލްއަށް އަވަސް ނަޒަރެއް ދޭކަން ފާހަގަވިއެވެ.

ޝިޔާނު ސިނގިރޭޓު ބޯލައިގެން މޭޒުދޮށުން ތެދުވުމުން ލިއަމް ވެސް ތެދުވީއެވެ. އެތަން ފެނި ހޭޒަލް ވެސް ތެދުވެއްޖެއެވެ. ފަހުން ދިމާވާނޭ ބުނެ ޝިޔާނުގެ ކޮނޑުގައި ޖަހާލައި ހޭޒަލްއަށް އަތްދިއްކޮށްލިއެވެ. އެވަގުތު ފަހަތުން އައި ޔުސްރާ ދިއްކޮށްލީ ހޭޒަލްއަށް ޕެކުކުރި ކާއެއްޗެހި އެޅި ކޮތަޅެވެ. އެ ކޮތަޅުގައި ހިފީ ލިއަމްއެވެ. ހޭޒަލް ހުރީ އަވަހަށް ދާން ބޭނުންވެފައެވެ. އެ ދިމާއަށް އަލްމާ އަންނަ ފެށުމުން ހޭޒަލް އަވަސް އަވަހަށް ލިއަމްގެ އުނަގަނޑުގައި އަތްވަށާލައި އޭނާގެ ގައިގާ ތަތްވެގެން ކަހަލަ ގޮތަށް ހުއްޓެވެ. ލިއަމް ވެސް ހޭޒަލްގެ ބުރަކަށީގައި ފިރުމާލައި އޭނާއާ ހޭޒަލް ގާތްކޮށްލިއެވެ. އެ ދެ މީހުންނަށް އަލްމާ ފަރުވާތެރިކަމާއެކު ބަލާލިއެވެ. އޭނާ ކުރިއަށް އައިސް އައިސް ހުރެފަ ހުއްޓުނީއެވެ. އެއްވެސް ވާހަކައެއް ނުދެއްކިއެވެ.

"ޒެއްލި... މާދަން މަޖާ ހަދަންވެގެން މިއުޅެނީ... އަނައްޗޭ ހަވީރު" ޔުސްރާ ބުންޏެވެ. ހޭޒަލް ބޯޖަހާލީއެވެ.

ހޭޒަލް ގޮވައިގެން ގެއާ ދިމާއަށް ސައިކަލުގައި ލިއަމް ނައްޓާލިއެވެ. ސައިކަލަށް އެރީސުރެ ހޭޒަލް އިނީ ހިމޭންވެފައެވެ. ހަމައެއާއެކު އޭނާ އިނީ ލިއަމްއާ ވަރަށް ދުރުގައިކަން ޚުދު ލިއަމްއަށް ވެސް ފާހަގަވިއެވެ.

"ޒެއްލު... ވަޓް ހެޕަން" ލިއަމް މަޑުމަޑުން އަހާލިއެވެ.

"ކަމެއްވެއްޖެތަ..." ހޭޒަލްގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.

"އަހަންނަކަށް ނޭނގެ" ލިއަމް ހައިރާންކަމާއެކު ބުންޏެވެ.

"ޝިޔާނުއާ ކޮންވާހަކައެއްދެއްކީ..." ހޭޒަލް ސުވާލުކުރިއެވެ.

"އަނެއްހެން ބޮޑު ވާހަކައެއްނޫން... ޒެއްލު ކަމަކާ ހިތްހަމަނުޖެހިފަތޯ އިނީ އެހީ؟... ބަލީތޯ ފަހުން ވެސް އެހީ، ޒެއްލު ބަލިނަމަ އަހަންނަށް ވެސް އެނގޭނެއެއްނު، ދެން ކީއްވެތަ މޫޑީވެފަ އިނީ... ޑިނާއަށް ދިޔައީ ވެސް އަހަރެމެން ނުލާހިކު ލޯބި ޓައިމްކޮޅެއް ސްޕެންޑްކޮށްފަ... ޔޫ ލުކް ސޯ ބިއުޓިފުލް މިރޭ..." ލިއަމް ބުންޏެވެ.

"ބިއުޓިފުލްކަމެއް ނޭނގުނެއްނު... ދުރުހިލޭ މީހުންނަށް އަހަރެން ހިތްހަމަނުޖެހުހެން ހީވިއިރު އެހެން ހީވާންޖެހޭ މީހާއަށް އެއްކަމެއް ވެސް ނޭނގުނުވިއްޔަ" ހޭޒަލް ކަމަކާ ވަރަށް ނުރުހުންވެއްޖެކަން ލިއަމްއަށް އެނގުނީ ދެނެވެ. އޭނާ ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ. އަވަހަށް ގެއަށް އައެވެ.

އެޕާޓްމެންޓުގެ ދޮރު ލިއަމް ހުޅުވާލުމާއެކު ހޭޒަލް ވަގުތުން އެތެރެއަށް ވަދެއްޖެއެވެ. ލިއަމް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. ހޭޒަލްއަށް ބަލާލިއެވެ. އޭނާ ހަލުވިކޮށް ގޮސް ވަނީ ކޮޓަރިއަށެވެ. ލިއަމް އައިސް ދޮރުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ދެތިން ފަހަރަށް ހޭޒަލްއަށް ލިއަމް ގޮވާލިއެވެ. ޚަބަރެއް ނުވިއެވެ. އޭނާގެ އަތުގައި އޮތް ކާއެއްޗެހި ކޮތަޅު އެއްފަރާތުގައި ކާމޭޒުމަތީ ބެހެއްޓިއެވެ. ކޮޓަރީގެ ދޮރުހުޅުވުނު އަޑާއެކު ލިއަމް އިސްއުފުލާ ބަލާލިއެވެ. ހެދުން ބަދަލުކޮށްގެން ހޭޒަލް ނުކުތީއެވެ. އޭނާގެ މޫނުން ވެސް އެ ހުރީ ކަމަކާ ވަރަށް ބޮޑަށް ރުޅިގަދަވެފަކަން ލިއަމްއަށް އެނގުނެވެ. އެއްޗެއް ބުނަން އަނގަހުޅުވާލި ވަގުތު އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ލިއަމްއަށް ފެނުނީ ހޭޒަލް އެ އައި ގޮތަށް އައި މޭޒުމަތީ އޮތް ކާއެއްޗެހި އެޅި ކޮތަޅު އަތުން ބުރުވާލި ތަނެވެ.

"މަށެއްނޫޅެން ކާކަށް" ހޭޒަލް ނިކަން ބާރަށް ބުންޏެވެ.

"ޒެއްލު... ތިވެގެން އުޅޭގޮތެއް ބުނެބަލަ... ނުބުނެ ރުޅިގަދަވިޔަސް އަހަންނަކަށް ނޭނގޭނެ" ލިއަމް ބުންޏެވެ.

"ނޭނގޭނެ... ލިއަމްއަށް އެކައްޗެއް ވެސް ނޭނގޭނެ... އަންހެނަކު އަރާ ތި އުނގުމަތީ އިނދެގެން ކަމެއް ހިނގާއިރު ވެސް ލިއަމްއަށް ރޭކާވެސް ނުލާ، އެހެންނު!... އެއްކަމެއް ވެސް މިހާތަނަށް އައިއިރު ލިއަމްއަށް އެނގިފައެއްނެތެއްނު... ދެ ލޮލަށް ކަމެއް ފެންނަނަމަތާ ކަމެއް އެނގޭނީ ވެސް ދޯ... ތަނެއްދޮރެއް ނޭނގޭހާ ތިސިކުނޑި ޅަކަމެއް އަހަރެން ނުދެނަހުރިން... ލިއަމްއަކީ ގަމާރެއްކަމަކަށް އަހަރެން ޤަބޫލެއްނުކުރާނަން... ނޫނީ ގަސްދުގައި ކަންކަން ނޭނގޭކަމަށް ހެދިގެން ތިހުންނަނީ" ހޭޒަލް ހީވީ ފަޅައިގެން ދިޔަހެނެވެ.

"ކޮންކަމެއްތަ؟" ލިއަމް އެއްސެވެ.

"ބަލަ އަހަރެންގެ ދެލޮލަށް މިރޭ ފެނުނު ކަންކަން އެ މޭޒުދޮށުގައި ތިބި އެންމެންނަށް ވެސް ފެންނާނެކަން އެނގޭ... ދެން ވެސް ތިއަހަނީ ވީކީއްހޭ... ކަމެއްވިހޭ... ތިމަންނައަކަށް ނޭނގެޔޭ... ލިއަމް މިރޭ އަހަންނާއެކު އިނީ ހަމަހޭގަތަ؟" ހޭޒަލްގެ އަޑު ބާރުވިއެވެ.

(ނުނިމޭ)