ވިކްޓަރީ

އެކިފަހަރު އެކިގޮތް: ޖުރިމަނާ ނުދައްކަނީސް ނުކުޅެވޭނެ

ގްރީން ސްޓްރީޓް މެޗަށް ވިކްޓަރީ ސްޕޯޓްސް ކުލަބު ހާޒިރު ނުވުމުން އެ ޓީމުގެ މައްޗަށް ކުރި ޖޫރިމަނާގެ ފައިސާ ނުދައްކަނީސް ނުކުޅެވޭނެ ކަމަށް އެފްއޭއެމުން ވިކްޓަރީއަށް އަންގައިފި އެވެ.

އެފްއޭއެމުން ވަނީ ވިކްޓަރީ ހާޒިރު ނުވުމުން އަދަބެއްގެ ގޮތުން އެ ޓީމު 40،000 ރުފިޔާއިން ޖޫރިމަނާ ކޮށް ގްރީން ސްޓްރީޓަށް ތިން ޕޮއިންޓާއި ފައިދާ ދެ ގޯލް ދީފަ އެވެ. އެފްއޭއެމުން މިއަދު ވިކްޓަރީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މިހެންނެވެ.

"މި މުބާރާތުގެ [ދިވެހި ޕްރިމިއާ ލީގްގެ] ކުރިއަށް ހުރި މެޗްތައް، ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅެވޭނީ މި ފައިސާ ދައްކައި ހަލާސް ކުރުމަށް ފަހުގައި ކަމަށް ދެންނެވީމެވެ." އެފްއޭއެމުން ވިކްޓަރީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރުވެސް، ދިވެހި ޕްރިމިއާ ލީގްގައި ވިކްޓަރީން ވަނީ އެ ޓީމު ކުޅެން އޮތް މެޗަށް ހާޒިރު ނުވެފަ އެވެ. އޭރު ޖުރިމަނާ ފައިސާ ދައްކަން އެންގި ނަމަވެސް އެ ފައިސާ ނުދައްކަނީސް އެހެން މެޗެއް ނުކުޅެވޭނެ ކަމަށް އަންގާފައި ނުވާ ކަމަށް ވިކްޓަރީން ބުންޏެވެ.

ވިކްޓަރީގެ ޗެއަޕާސަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވިދާޅުވީ، މިދިޔަ އަހަރު ވިކްޓަރީގެ ބޯޑުން އެފްއޭއެމް އާއި ރަނގަޅު ގުޅުމެއް އޮތުމުން އޭރު ދައްކަން ޖެހިފައި އޮތް ޖޫރިމަނާ ފައިސާއަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިން ކަމަށެވެ. އެހެންނަމަވެސް ވިކްޓަރީ ބޯޑު ބަދަލުވެ އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއެކު ވިކްޓަރީ މަސައްކަތް ފެށުމުން ވިކްޓަރީ އާ މެދު އެފްއޭއެމްގެ ވިސްނުން ބަދަލުވީ ކަމަށް ނާޝިދު ވިދާޅުވި އެވެ.

ވިކްޓަރީންގެ ފަސް ކުޅުންތެރިޔަކު 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނުމުން 19 އަހަރުން ދަށުގެ ގައުމީ ޓީމު މުބާރާތުން އެނބުރި އަންނަން ދެން ވިކްޓަރީގެ މެޗުތައް ފަސް ކޮށް ދިނުމަށް ވިކްޓަރީން އެދިފަ އެވެ.

"އަޅުގަނޑުމެން އެފްއޭއެމްއާ ބައްދަލު ކޮށްފަ އެގޮތަށް އެދުނީމަ އެފްއޭއެމުން ވިދާލުވި އެހެން ޓީމުތައް އެއްބަސްވަންޏާ މެޗު ފަސް ކޮށްދޭނަމޭ، އެގޮތުން އަޅުގަނޑުމެން ގުރީން ސްޓްރީޓާ ވާހަކަ ދެއްކީމަ އެ ޓީމުންވެސް އޮތީ ވިކްޓަރީ އާކުޅެން އޮތް މެޗު ފަސް ކުރުމަށް އިއުތިރާޒެއް ނެތް ކަމަށް ބުނެފައި،" ނާޝިދު ވިދާޅުވި އެވެ. "އެހެންނަމަވެސް ގުރީން ސްޓްރީޓުން ރަސްމީކޮށް ސިޓީ ފޮނުވާފައި ނެތޭ ބުނެ މެޗުތައް ފަސް ކޮށް ނުދިން."

ވިކްޓަރީގެ ސިޓީއަށް އެފްއޭއެމުން ފޮނުވާފައިވާ ޖަވާބުގައި ބުނެފައި ވަނީ، ފުރަތަމަ ޑިވިޝަންގެ އެހެން ކުލަބުތަކުގައި ވެސް 19 އަހަރުން ދަށުގެ ޓީމަށް ނިސްބަތްވާ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެހެންވެ ހަމައެކަނި ވިކްޓަރީގެ މެޗުގެ ޝެޑިއުލްއަށް ބަދަލު ގެނައުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

2018 ގައި އަމަލުކުރި ގޮތް ތަފާތު

މިދިޔަ އަހަރުވެސް ދިވެހި ޕްރިމިއާ ލީގްގައި ވިކްޓަރީ ކުޅެން އޮތް ދެ މެޗަކަށް އެ ޓީމު ހާޒިރު ނުވުމުން، ޖޫރިމަނާ ކުރި އެވެ. ނަމަވެސް އޭރު މިހާ ހަރުކަށިކޮށް ކުރިއަށް އޮތް މެޗު ނުކުޅެވޭނެ ކަމަކަށް އަންގާފައި ނުވެ އެވެ.

ނާޝިދު ވިދާޅުވީ، އެކަން ވިކްޓަރީއަށް އަންގާފައި ވަނީ މިއަދުގެ މަޗަށް ހަގަޑިރަށް ވެފައި ވަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ އެފްއޭއެމުން ދޭނެ ކަމަށް ބުނެފައިވާ ފައިސާގެ ތެރެއިން ވިކްޓަރީ އަށް ލިބުނީ ދޮޅު ލައްކައެއްހާ ރުފިޔާ ކަމަށެވެ. އިތުރު ފައިސާއެއް އެފްއޭއެމުން ވިކްޓަރީއަށް ދޫކޮށްފައި ނުވާ ކަމަށެވެ.

"ބައެއް ކުލަބުތަކަށް އެކަށީގެންވާ އަދަދަކަށް ފައިސާ ދީފި، ވިކްޓަރީއަށް ލިބުނީ ދޮޅުލައްކައެއް ހާ ރުފިޔާ، އިތުރަކަށް އެފްއޭއެމުން ފައިސާއެއް ނުދޭ،" ނާޝިދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ޓީމު ހެދީ އެ ބަޖެޓަށް ފެތޭ ވަރުގެ ޓީމެއް، އެހެންނަމަވެސް އެ ފައިސާ ބަރާބަރަކަށް ނުލިބޭ."

އޭނާ ތުހުމަތު ކުރާ ގޮތުގައި، މިދިޔަ އަހަރު ވިކްޓަރީއަށް ލުއި ގޮތްތަކެއް އެފްއޭއެމުން ހޯދައިދިފައި މިއަހަރު ހަރުކަށި ގޮތަކަށް އަމަލު ކުރަނީ ވިކްޓަރީގެ މިހާރު ލީޑާޝިޕުން އެފްއޭއެމް ބަދަލު ކުރުމަށް މަސައްކަތް ކުރުމުން އެކަމުގެ ހިތްހަމަނުޖެހުން ވިކްޓަރީއާ މެދު އޮތުމުން ކަމަށެވެ.