ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުން ވެސް މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްފި އެވެ.
މިއަދު މެންދުރުފަހު ފެށި އެ ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ޓެރަރިޒަމްގެ ބިލު ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުން އެކަންޏެވެ. ކޮމިޓީގެ މެންބަރުން ނިންމެވީ އެ ބައްދަލުވުން ސިއްުރު ކުރުމަށެވެ. ކޮމިޓީގެ ބައްދަލުވުމެއް ސިއްރު ކުރާނީ ކޮމިޓީގެ މެންބަރުން ވޯޓު ދީގެން އެ ގޮތަށް ފާސްކުރުމުންނެވެ.
ގިނަ ބައެއްގެ ކަންބޮޑުވުންތައް އޮތް ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ވެސް ސިއްރު ކޮށްފައިވާއިރު، އެ ކަމާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތައް ހާޒިރުކޮށްގެން ރޭ ބޭއްވި ކޮމިޓީ ބައްދަލުވުން ވެސް ވަނީ ސިއްރު ކޮށްފަ އެވެ.
ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އެމްއެންޑީއެފްއާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ފުލުހުންގެ އިތުރުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުވި އެވެ.
އާ ބިލުގައިވާ ގޮތުން، ކޯޓު އަމުރެއް ނެތި ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އަދި އެފަދަ ކުށްތަކުގެ ތުހުމަތުގައި، ކޯޓު އަމުރެއް ނެތި މީހުންނާއި ތަންތަން ބަލައި ފާސް ކުރުމުގެ ބާރު ވެސް ލިބެ އެވެ.
ބިލުގައި ބައެއް އަސާސީ ހައްގުތައް ހިފަހައްޓާފައިވާތީ އާއި ފުލުހުންނަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް އޮތީތީވެ ބައެއް ގާނޫނީ ވަކީލުންނާއި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންގެ އިތުރުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.