ދައުލަތުގެ ބަޖެޓް

ހިންގުމުގެ ހަރަދު އިތުރު، ޕީއެސްއައިޕީ ދަށް

Sep 24, 2019

މުސާރަތަކާއި ދައުލަތް ހިންގަން ކުރި ހަރަދު ބޮޑު ތަނުން އިތުރު ވެފައިވާ ކަމަށް މިއަހަރުގެ ފުރަތަމަ ހަ މަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކުން އާއްމު ކޮށްފައިވާ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ހަރަދުގެ އަދަދު ހުރީ 11.8 ބިލިއަން ރުފިޔާގަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ މަދު އަދަދެކެވެ.

ދައުލަތުގެ ޖުމްލަ ހޭދަ ދަށްވެފައިވަނީ ކެޕިޓަލް ހަރަދު މަދުވެގެން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިވެ އެވެ. އެގޮތުން، ޕީއެސްއައިޕީގެ ދަށުން ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ ވަނީ 2.3 ބިލިއަން ރުފިޔާ ދަށްވެފަ އެވެ.

ނަމަވެސް، ރިކަރަންޓް ހަރަދު ވަނީ 735.4 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އޭގެ ބޮޑު ހިއްސާއެއް ކުރާ މުސާރަތައް 334.7 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ދައުލަތް ހިންގުމުގެ ހަރަދު ވެސް ވަނީ 120.2 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ދައުލަތް ހިންގުމުގެ ހަރަދުގެ ތެރޭގައި ސަބްސިޑީތައް ވެސް ހިމެނޭއިރު، އެ އަދަދު އިތުރުވެފައިވަނީ އާސަންދައަށް ކުރި ހޭދަ 192.9 މިލިއަން ރުފިޔާ ދަށްވެފައިވަނިކޮށްކަމަށްވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

ހިންގުމުގެ ހަރަދު މަތިވެފައިވަނީ، ތެލާއި ކާޑުގެ ބާވާތްތަކުން ދެމުން އައި ސަބްސިޑީ ކަނޑާލުމަށްފަހު އަލުން ދޭން ފެށުމުންކަމަށް ވެސް ބުނެފައިވެ އެވެ.

އެމްއެމްއޭ އިން އިތުރަށް ބުނެފައިވާ ގޮތުގައި، މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގެ ދެ ބައި ކުޅަ އެއްބައި ވެސް މިއަހަރުގެ ޖޫން މަހާ ހަމައަށް ބޭނުންކޮށްފައެއް ނުވެ އެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ހޭދަކޮށްފައި ވަނީ ދައުލަތުގެ ޖުމްލަ ބަޖެޓުގެ އެންމެ 43 ޕަސަންޓެވެ.