ރާއްޖޭގައި ތެޔޮ ސަޕްލައި ކުރުމުގެ މަސައްކަތް ކުރާ ބައެއް ފަރާތްތަކާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެސްޓީއޯއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ އިތުރުން ޕޯޓްސް އޮތޯރިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި މިހާރު މާލެ ސަރަހައްދުގައި ތެޔޮ އެޅުމުގެ ކަންކަން ކުރިޔަށްގެން ދިއުމުގައި ރަނގަޅުކުރަން ހުރި ކަންކަމާއި ތެޔޮ ސަޕްލައި ކުރާ ފަރާތްތަކުގެ ހައިސިއްޔަތުން ކަންކަން ރަނގަޅުކޮށް ހަރުދަނާ ކުރުމަށް އެ ފަރާތްތަކަށް އަދާކުރެވިދާނެ ދައުރު އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
މާލެ ސަރަހައްދުގައި މިހާރު ޕެޓްރޯލާއި ޑީސަލް ފަދަ ތަކެތި ސަޕްލައިކުރުމާއި އޮޑިދޯނި ފަހަރަށް ތެޔޮއެޅުމުގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ނައިބު ރައީސް އޮޅުންފިލުއްވި އެވެ. އަދި މިހާރު ތެޔޮ އެޅުމުގެ ކަންކަން ކުރިޔަށްގެންދާ ސަރަހައްދުތަކުގެ ހާލަތު ހުރިގޮތާއި މިހާރަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ތެޔޮ އެޅުމުގެ ކަންކަން ކުރިޔަށްގެން ދިއުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
މާލޭގައި މިހާރު ތެޔޮ އެޅުމުގެ ކަންކަން ކުރިއަށް ގެންދާ ބައެއް ސަރަހައްދުތަކުގެ އިންތިޒާމުތައް ރަނގަޅުކޮށް ކަންކަން ހަރުދަނާ ކުރަން މިހާރުން މިހާރަށް ގެންނަން ސަރުކާރުން ދެކޭ ބަދަލުތައް ނައިބު ރައީސް އެ ބޭފުޅުންނާއި ހިއްސާ ކުރެއްވި އެވެ. އަދި އުޅަނދުފަހަރަށް ތެޔޮ އުޅުމުގެ ކަންކަން މީހުން ދިރިއުޅޭ ސަރަހައްދުތަކާ ވީހާވެސް ދުރަށް ބަދަލު ކުރުމުގައި ސަރުކާރުން ވިސްނާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ތެޔޮ ސަޕްލައި ކުރާ ފަރާތްތަކާއި ނައިބު ރައީސް ފައިސަލް މިއަދު ބައްދަލު ކުރެއްވިއިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު މާލޭ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޯވި އަލިފާނުގެ ހާދިސާގައި އިތުރު ތިން ކެމިކަލް ގުދަނަކާއި ހަ ގެއެއް ރޯވި އެވެ. 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު، އެކަކު މަރުވި އެވެ.