ދިވެހި ޕްރެމިއާ ލީގް

ވިކްޓަރީގެ ޓީމު ހަމަވީ ކިރިޔާ، ނިލަންދުއަށް ބޮޑު މޮޅެއް

ބަދަލު ދެ ގޯލްކީޕަރުން ފުރަތަމަ 11 ގައި ކުޅުވައި ޓީމު ހަމަކޮށް ވިކްޓަރީން އަލުން އެނބުރި އައި މެޗުގައި ނިލަންދޫ ސްޕޯޓްސް ކުލަބުން 6-0 ން މޮޅު ވެއްޖެ އެވެ.

މެޗު ފަށަން އޮތީ 4:00 ގަ އެވެ. އޭގެ 10 ވަރަކަށް މިނެޓް ކުރިން ވިކްޓަރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވަނީ މެޗު ކޮމިޝަނާ މުހައްމަދު ޝާން އާ ބައްދަލުކޮށް 11 ކުޅުންތެރިން ހަމަވާ ކަމަށް ބުނެފަ އެވެ. ޓީމު ތައްޔާރުވާން ވިކްޓަރީއަށް އިތުރު ވަގުތު ކޮޅެއް ދިނެވެ. ޓީމު ދަނޑަށް ނެރެވުނީ 4:08 ވީއިރު އެވެ. އެގާރަ ކުޅުންތެރިން ނުކުމެ މެޗު ފެށިއިރުވެސް މެޗުގެ ޓީމު ލިސްޓް މީޑިއާއަށް އާންމު ކޮށްފައެއް ނުވެ އެވެ. ޓީމު ލިސްޓް އާންމު ކުރީ މެޗު ފެށިތާ ފަސްވަރަކަށް މިނެޓް ފަހުންނެވެ.

ވިކްޓަރީގެ ކުޅުންތެރިން މެޗަށް ނުކުތް ނަމަވެސް ބެންޗުގައި ޓީމަށް އިރުޝާދު ދޭނެ ޓެކްނިކަލް އޮފިޝަލެއް ނެތެވެ. ބެންޗުގައި ހުރީ ކިޓް މެނޭޖަރެވެ.

ޕްރެކްޓިސް ނުކޮށް މެޗަށް ނުކުތް ވިކްޓަރީގެ ބައެއް ކުޅުންތެރިން ދަނޑުމަތީގައި ހުއްޓިގެން ތިބިއިރު ބައެއް ކުޅުންތެރިންނަށް އަނިޔާވެ ފަރުވާ ދޭން އެހީތެރިން އަރަން ޖެހުނެވެ. ބައެއް ފަހަރު ނިލަންދޫގެ މެޑިކަލް އޮފިޝަލުންވެސް ވިކްޓަރީގެ ކުޅުންތެރިންނަށް އެހީވާން ދަނޑަށް އަރަން ޖެހުނެވެ.

މެޗުގައި ނިލަންދޫގެ ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކުރީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ލޫކަސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ. ދެން ނިލަްނދޫގެ ލަނޑުތައް ކާމިޔާބު ކުރީ އަހްމަދު އުޝާމް އަހްމަދު ނަބީލް އެވެ. އަދި އަނެއް ލަނޑަކީ ވިކްޓަރީ ހުސައިން ޝިހްބާން އަތުން ބައިކޯލަށް ވަން ލަނޑެކެވެ.