ކުޅިވަރު

ހަތަރު ވަނަ ޑިވިޝަން ޓީމެއް އަތުން ސްޕާސް ކަޓައިފި

އިނގިރޭސި ލީގް ކަޕް ނުވަތަ ކަރަބާއޯ ކަޕްގައި އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގައި ވާދަ ކުރާ ކޮލްޗެސްޓާ ޔުނައިޓަޑް އަތުން އިނގްލެންޑްގެ ގަދަ ބާރު ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުން ކަޓައިފި އެވެ.

މެޗުގެ ފުރިހަމަ ވަގަތުގައި، ކޮލްޗްސްޓާ އިން ވަނީ ޓޮޓެންހަމް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލާފަ އެވެ. މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީގަ އެވެ. ޕެނަލްޓީ ޖަހައިގެން ކޮލްޗެސްޓާ މެޗު ކާމިޔާބު ކުރީ 4-3 އިންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން އާއި ލޫކަސް މޯރާ ޖެހި ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެރިކްސަން ޖެހި ޕެނަލްޓީ ކޮލްޗެސްޓާގެ ކީޕަރު ޑީން ޖާކިން ދިފާއު ކުރީ އެވެ. ލޫކަސް މޯރާ ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ކޮލްޗެސްޓާއަށް ނާކާމިޔާބުވީ ޖެވާނީ ބްރައުން ޖެހި ޕެނަލްޓީ އެކަންޏެވެ.

މި ސީޒަންގައި، ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި ޓޮޓެންހަމް ބަލިވުމަކީ ވަރަށް އާންމު ކަމަކަށް މިހާރު ވަނީ ވެފަ އެވެ. މި ސީޒަންގައި އެ ޓީމު ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ފަސް މެޗުންވެސް ވަނީ ބަލިވެފަ އެވެ.

އިނގިރޭސި ލީގް ދޭއްގެ ތިން ވަނަ މަގާމުގައި އޮތް ކޮލްޗެސްޓާ އަތުން ބަލިވުމަށް ފަހު ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓީނޯ ބުނީ އެ ޓީމަށް މިހާރު ކުރިމަތިވެފައިވާ ހާލަތު ކުރިމަތި ވެދާނެ ކަމަށް ޕްރީ ސީޒަން ތެރޭގައިވެސް އޭނާ ވާހަކަ ދެއްކި ކަމަށެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ބޭނުންވާ ކުޅުންތެރިން ޓީމަށް ގެނައުމުގައި ޓޮޓެންހަމްގެ މެނޭޖުމެންޓަށް އެދެވޭ ގޮތުގައި މަސައްކަތެއް ނުކުރެވުނެވެ.

ލީގް ކަޕުގައި ރޭ އާސެނަލް ވަނީ ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް 5-0 އިން ކާމިޔާބު ހޯދާފަ އެވެ. ލީގްކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ ޕްރެސްޓަން ނޯތުއެންޑް އަތުން 3-0 އިން މޮޅުވެފަ އެވެ.