ވިޔަރެއާލްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އަލުން މޮޅުވުމުގެ ރޭހަށް ބާސެލޯނާ އައި ނަމަވެސް، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް އަނިޔާވެއްޖެ އެވެ.
ރޭ ގެ މެޗަކީ، މި ސީޒަންގައި މެސީ ފުރަތަމަ 11 ގައި ކުޅުން ނުކުތް ފުރަތަމަ މެޗެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް މެސީ ކުޅެން ނުކުތީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެ ދެ މެޗުން ވެސް ބާސާއަށް މޮޅެއް ނުވެވުނެވެ. ރޭ އެނބުރި ފުރަތަމަ 11 އަށް އައިސް މެސީ ވަނީ ބާސާ މޮޅު ކޮށްދިނުމުގައި އެހީވެދީފަ އެވެ.
މެސީ އާއި އެންޓްއާން ގުރީޒްމަން އެކުގައި ފެށި ފުރަތަމަ މެޗުގައި މެސީ އާއި ގްރީޒްމަންގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ އެވެ. ބާސާއިން ލީޑް ނެގީ އެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން ބޭނުން ކޮށްގެން ކާމިޔާބު ކުރި ލަނޑަކުންނެވެ. މެޗުގެ ހަ ވަނަ މިނެޓްގައި މެސީ ނެގި ކޯނަރު ގްރީޒްމަން ގޯލް ތެރެއަށް ފޮނުވާލީ ބޮލުން ޖަހައިގެނެވެ.
ބާސާގެ ދެ ވަނަ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އާތާ މެލޯ އެވެ. އޭނާ ޖެހި ލަނޑަކީ ސާޖިއޯ ބުސްކެޓްސް ދިން ބޯޅަ ހާފުގެ މެދެއްހާ ހިސާބުގެ ހުރެފައި ފޮނުވާލި ބާރު ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. ވިޔަރޭއާލްގެ ހަމައެކަނި ލަނޑު ސެންޓި ކާޒޯލާ ކާމިޔާބު ކުރި ލަނޑަކީވެސް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 44 ވަނަ މިނެޓްގަ އެވެ.
މެސީއަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުނީ ދެ ވަނަ ހާފު ފެށުނު ތަނުންނެވެ. ބަދަލުގައި ކުޅެން އެރީ އުސްމާން ޑެމްބެލޭ އެވެ. ހޯމަ ދުވަހުގެ ރޭ ބޭއްވި ފީފާގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަ ވަނަ ފަހަރަށް ހޯދުމަށް ފަހު މެސީ ބުނީ މި ސީޒަން އޭނާ ބޭނުންވާ ގޮތަށް އަދި ނުފެށޭ ކަމަށެވެ.
ރޭގެ މެޗުގައިވެސް ބާސާގެ ޒުވާން ފޯވަޑް އަންސޫ ފާޓީއަށް ވަނީ މެޗުން ފުރުސަތު ދީފަ އެވެ. ލުއިސް ސުއަރޭޒްގެ ބަދަލުގައި މެޗުގެ އެންމެ ފަހު 25 ވަނަ މިނެޓްގައި އޭނާއަށް ދިން ފުރުސަތުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.