މެންޗެސްޓާ ޔުނައިޓެޑް

ވުޑްވާޑްގެ ވައުދު: ޔުނައިޓެޑް ގަދަބާރަކަށް ހަދާނަން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާއަށް ފުރިހަމައަށް އިތުބާރު ކުރާކަން ހާމަކޮށް، އެ ކުލަބަކީ އަލުން ވަރުގަދަ ކުލަބަކަށް ހަދާނެ ކަމަށް އެގްޒެކެޓިޗް ވައިސް ޗެއާމަން އެޑް ވުޑްވާޑް ވައުދުވެއްޖެ އެވެ.

އިއްޔެގެ މެންދުރު ކެއުމުގައި ކުލަބުގެ ހިއްސާދާރުންނާއި އިނެވެސްޓަރުންނާއެކު ބޭއްވި ބައްދަލު ވުމުގައި ކުލަބުގެ ފައިދާ 627 މިލިއަން ޕައުންޑަށް މަތިވެފައިވާ ކަމަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން ވުޑްވާޑް ވިދާޅުވީ ޔުނައިޓެޑްގެ ޓާގެޓަކީ މާލީ ފައިދާތަކެއް ހޯދުން ނޫން ކަމަށާއި ފުޓްބޯޅައިގައި ކާމިޔާބު ހޯދާ ޓީމަކަށް ޔުނައިޓެޑް ބަދަލު ކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.

ލީގްގެ ހަ މެޗު ކުޅެ ނިމުނުއިރު ޔުނައިޓެޑް އޮތީ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ 10 ޕޮއިންޓް ފަހަތުގަ އެވެ. ސީޒަން ފެށުން ގޯސްކޮށް ދިޔަ ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ކޯޗް ސޮލްޝަޔާގެ މަސައްކަތާ މެދު ކެތްތެރިވާން ޖެހޭ ކަން ވުޑްވާޑް ފާހަގަ ކުރި އެވެ.

"އަހަރެމެންް ކުރިއަށް ދާނީ، ދުރު މުސްތގުބަލުގެ ޕްލޭނަކާއެކު، ކުރު ރާސްތާ ޓާގެޓަކަށް އެކަމުން އަސަރައް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ. "މިކުރާ އިންވެސްޓްމެންޓާ މެދު އަހަރެމެންނަށް ވަރަށް އިތުބާރު އެބައޮތް، ވަރަށް މުހިންމު ކަމެއް އޮލޭ [ސޮލްޝަޔާ] ކުރިމަގަށް ކުރާ މަސައްކަތާމެދު ކެތްތެރިވުން، އަހަރެމެން މިތިބީ އިނގިރޭސ ފުޓްބޯޅައިގެ އެންމެ އުހަށް ދެވޭނެ ކަމުގެ ޔަގީން ކަމާއެކު."

މެން ޔުނައިޓަޑްގެ ސަޕޯޓަރުންގެ ފާޑު ކިޔުން އިންތިހާއަށް އަމާޒުވެފައިވާ ވުޑްވާޑް ވިދާޅުވީ ސަޕޮޓަރުން ޑިމާންޑް ކުރަނީ ކާމިޔާބު ހޯދާ ޓީމެއް ބިނާ ކުރަން ކަމަށެވެ. ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުންގެ ގުރޫޕުން ދަނީ އޭނާގެ އިސްތިއުފާއަށް ކުރިން ގޮވާފަ އެވެ.