ބޮލީވުޑް

"ބާޣީ 3" ގައި ޝްރައްދާގެ ދައްތަގެ ރޯލަށް އަންކިތާ

"ބާޣީ" އަށް ލިބުނު ބޮޑު ކާމިޔާބަށްފަހު ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރު އަނެއްކާ ވެސް މި ފްރެންޗައިސްގެ ތިން ވަނަ ފިލްމް "ބާޣީ 3" އިން އެކުގައި ފެންނާނެ އެވެ. ދާދިފަހުން ވަނީ މި ފިލްމުގެ ޝޫޓިންގް ފަށާފަ އެވެ.

މި ފިލްމުގައި ޝްރައްދާގެ ދައްތަގެ ރޯލު ކުޅެން ހަމަޖެހިފައިވަނީ ޓީވީ ބަތަލާ އަންކިތާ ލޯކަންޑޭ އެވެ. އަންކިތާ ވަނީ މީގެ ކުރިން ވެސް ހިންދީ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ކަންގަނާ ރަނާވަތުގެ "މަނީކަރްނީކާ" އެވެ.

އަންކިތާ ބުނި ގޮތުގައި "މަނީކަރްނީކާ" އަށްފަހު އޭނާ ބޭނުންވަނީ މުޅިން ކޮމާޝަލް ފިލްމެއް ކުޅޭށެވެ. "ބާޣީ 3" ގަބޫލުކުރީ އެހެންވެ އެވެ. އަދި ޑައިރެކްޓަރު އަހުމަދު ޚާން އާއި ޓައިގާ އަދި ޝްރައްދާ އާއެކުގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުމަކީ ލިބޭނެ ރަނގަޅު ތަޖުރިބާއެއް ކަމަށް އަންކިތާ ދެކެ އެވެ.

ފިލްމުގައި އޭނާ ކުޅޭ ކެރެކްޓާއާ ބެހޭ ގޮތުން އަންކިތަ ބުނީ އެއީ ވަރަށް ޗެލެންޖިން ކެރެކްޓާ އެއް ކަމަށެވެ. އަދި އޭނާގެ ކެރެކްޓާ ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ކަމަށެވެ. "ބާޣީ 3" އަކީ މި ފްރެންޗައިސްގެ ކުރީ ދެ ފިލްމާ ވަރަށް ތަފާތު ފިލްމެއް ކަމަށް ވެސް އަންކިތާ ބުންޏެވެ. މި ފިލްމުގައި ބޮޑަށް އާއިލީ ވަރުގަދަ ގުޅުމަށް އަލިއަޅުވާލާފައިވާ ކަމަށާއި އޭނާ ކުޅެނީ ވަރަށް މަޖާކޮށް އުޅޭ އަންހެންކުއްޖެއްގެ ރޯލު ކަމަށާއި ފިލްމުގައި އޭނާ އާއި ޝްރައްދާގެ ކެރެކްޓާގެ ވެސް އޮންނަނީ ވަރަށް ލޯބިވާ ދެބެންގެ ގުޅުން ކަމަށް އަންކިތާ ބުންޏެވެ.

އަންނަ އަހަރުގެ މާޗް ހަވަ ވަނަ ދުވަހު ރިލީޒް ކުރާނެކަން އިއުލާން ކޮށްފައިވާ "ބާޣީ 3" ގެ ޝޫޓީން މިވަގުތު އިންޑިއާގައި ކުރިޔަށް ދާއިރު މޮރޮކޯ، މިސްރު، ސާބިއާ އަދި ތުރުކީގައި ވެސް މި ފިލްމުގެ ޝޫޓިން ބާއްވަން ވަނީ ހަމަޖެހިފަ އެވެ.