ޝްރައްދާ ކަޕޫރު

ޓައިގާގެ ސްކޫލު ދައުރުގެ ކްރަޝްއަކީ ޝްރައްދާ

ބޮލީވުޑް ތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރު މިހާރު ބިޒީކޮށް އުޅެނީ ހުކުރު ދުވަހު ރިލީޒްކުރާ މި ދެ ތަރިންގެ "ބާޣީ 3" ޕްރޮމޯޓް ކުރުމުގަ އެވެ. ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން މި ދެ ތަރިން ބައިވެރި ވެގެން ދިން އިންޓަވިއު އެއްގައި ޓައިގާ ވަނީ އޭނާގެ ސްކޫލު ދައުރުގެ ބައެއް ވާހަކަތައް ވެސް ކިޔައިދީފަ އެވެ.

ޓައިގާ ބުނި ގޮތުގައި ސްކޫލު ދައުރުގައި އޭނާގެ އެންމެ ބޮޑު ކްރަޝްއަކީ ޝްރައްދާ އެވެ. ނަމަވެސް ޝްރައްދާ ދެކެ ލޯބިވާ ވާހަކަ އޭނާއަށް އެ ދުވަސްވަރު ބުނަން ނުކެރުނު ކަމަށް ވެސް ޓައިގާ ބުންޏެވެ.

"އަހަރެންނަށް ޝްރައްދާ ވަރަށް ރީތި. އަދި ސްކޫލުގައި އުޅުނުއިރު އޭނާއާ އަޅައިގަނެގެން އުޅުނީ. ނަމަވެސް އަހަރެންނަކީ ވަރަށް ބިރުގަންނަ މީހަކަށް ވާތީ އެ ވާހަކަ އެއްގޮތަކަށް ވެސް ބުނާކަށް ނުކެރުނު. ދުރުދުރުން ޝްރައްދާ އުޅޭގޮތް ބަލަން ހުންނަނީ،" ޓައިގާ ބުންޏެވެ.

ނަމަވެސް ޓައިގާ އޭނާއާ އެހާ ގަޔާވާ ކަމެއް ނޭނގޭ ކަމަށް ޝްރައްދާ ބުންޏެވެ.

"އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގެ ތިކަމެއް. އެނގޭނަމަތާ ދޯ ތިކަމަށް ފިޔަވަޅެއް ވެސް އެޅުނީހީ،" އޮންލައިން އިންޓަވިއުގައި ޝްރައްދާ ބުންޏެވެ.

"ބާޣީ" ފްރެންޗައިސްގެ ފުރަތަމަ ދެ ފިލްމަށް ބޮކްސް އޮފީހުގައި ވަރަށް ރަނގަޅު ކާމިޔާބެއް ވަނީ ލިބިފަ އެވެ. އަދި "ބާޣީ 3"ގެ އިޝްތިހާރުތަކަށް ބަލާލުމުން މި ފިލްމު ވެސް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރެވެ އެވެ.
ޝްރައްދާ އާއި ޓައިގާގެ އިތުރުން ރިތޭޝް ދޭޝްމުކް އާއި ޓީވީ ބަތަލާ އަންކިތާ ލޯކަންޑޭ ވެސް މި ފިލްމުގައި މުހިއްމު ރޯލުތަކެއް އަދާ ކުރެ އެވެ.

މާޗް 6 ގައި ރިލީޒް ކުރާ މި ފިލްމަކީ ނަދިއަދްވާދާ ގްރޭންޑްސަންސް އާއި ފޮކްސް ސްޓާ ސްޓޫޑިއޯޒް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޚާނެވެ.