ބޮލީވުޑް

"ބާޣީ 3" ގެ ޑައިރެކްޓަރު ރުޅި އަތުވެއްޖެ

ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރުގެ "ބާޣީ 3" އަށް އިންޑިއާ އިން އެކަނިވެސް 90 ކްރޯޑަށް ވުރެ މަތިން މިހާރު ވަނީ ލިބިފަ އެވެ. ކޮރޯނާވައިރަސްގެ ބިރާ އެކުވެސް ގިނަ އަދަދެއްގެ ފޭނުން މި ފިލްމު ބަލަން ސިނަމާތަކަށް އަދިވެސް އެބަ ދެއެވެ. ފާޑުކިޔާ ނޫސްވެރިންގެ ތެރެއިން ގިނަ ބަޔަކު މި ފިލްމަށް ވަރަށް ފާޑުކިޔާފައިވެ އެވެ. ނަމަވެސް ފޭނުންނަކަށް މި ފާޑުކިޔުންތަކުގެ އަޑެއް ނީވެ އެވެ.

ޓައިގާގެ އެކްޝަން މަންޒަރުތައް މޮޅުކަމުން ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރަމުން ދާއިރު ސޯޝަލް މީޑިއާގައި މި ފިލްމާ ބެހޭ ގޮތުން ކުރެވޭ ބަހުސްތަކުގައި ވަރަށް ބޮޑަށް އެއްބަޔަކު އަނެއް ބަޔަކާ ވަނީ ޚިޔާލު ތަފާތުވެފަ އެވެ. އެއްބަޔަކު ބުނަނީ ފިލްމުގައި ޕްލޮޓެއް ނެތް ކަމަށާއި ހަމައެކަނި ކަމުދަނީ ޓައިގާގެ އެކްޝަން ކަމަށެވެ. އަދި ފިލްމުގެ ޕްލޮޓް ކޮބައިތޯ ވަރަށް ގިނަ މީހުން ވަނީ ސުވާލު އުފައްދާފަ އެވެ.

މި ކަމާ ބެހޭ ގޮތުން އިންޑިއާގެ ނޫހަކަށް ޑައިރެކްޓަރު އަހުމަދު ޚާން އާ ސުވާލު ކުރުމުން އޭނާ ވަރަށް ރުޅިގަދަވެފައި ޖަވާބު ދީފައި ވެއެވެ. ޑައިރެކްޓަރު ބުނީ "ބާޣީ 3" އަކީ އެކްޝަން މަންޒަރުތައް ބަލަން ލޯބިކުރާ މީހުންނަށް ޚާއްސަ ކޮށްގެން އުފައްދާފައިވާ ފިލްމެއް ކަމަށެވެ. މި ފިލްމަށް ކްރިޓިކްސް ފާޑުކިޔަސް އޯޑިއަންސް ފިލްމު ބަލައިގެންފިކަން ޔަގީންވަނީ ފިލްމަށް ބޮކްސް އޮފީހުގައި ލިބެމުންދާ ބޮޑު ތަރުހީބުން ކަމަށް ވެސް ޑައިރެކްޓަރު އަހުމަދު ޚާން ބުންޏެވެ.

ޑައިރެކްޓަރު ބުނި ގޮތުގައި ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން އެއްޗެއް ބުނުމުގެ އިޚްތިޔާރު އޮންނާނެ އެވެ. އަދި މީހުން ކިޔާ އެއްޗިއްސަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނާ ބުނި ގޮތުގައި "ބާޣީ" ގެ ދެ ވަނަ ފިލްމަށް ވުރެ ތިން ވަނަ ފިލްމުގެ އެކްޝަން މަންޒަރުތައް މާ މޮޅުކަމަށް ގިނަ ބަޔަކު ބުނާ ކަމަށާއި އެ ވާހަކަ ތަކުން ވެސް "ބާޣީ 3" އާ މެދު ބެލުންތެރިން ހިތްހަމަޖެހޭ ކަން ހާމަވާ ކަމަށެވެ.

ލޮޖިކަށް ވިސްނާފައި މިފަހަރުގެ ފިލްމު އުފެއްދިނަމަ "ބާޣީ 2" އަށް ވުރެ މި ފިލްމު މޮޅު ކަމަކަށް މީހުންނެއް ނުބުނީސް ކަމަށާއި ހޮލީވުޑް ފިލްމުތައް ކަމަށްވާ "ފާސްޓް އެންޑް ފިއުރިއަސް" އާއި "ހޮބްސް އެންޑް ޝޯ" ފަދަ ފިލްމުތަކުގައި ވެސް ތިބުނާ ލޮޖިކެއް ނެތް ކަމަށާއި ނަމަވެސް އެފަދަ ފިލްމުތަކާ މެދު މީހުން ސުވާލު ނޫފައްދާ ކަމަށް އަހުމަދު ބުންޏެވެ. އޭނާގެ ފިލްމަކީ އިންޑިޔާގައި އުފެއްދި ފިލްމަކަށް ވާތީ ފާޑުކިޔުންތެރިން އެ ފިލްމަށް ފާޑުކިޔައި ސުވާލުތައް އުފައްދަނީ ކަމަށް އަހުމަދު ތުހުމަތު ކުރި އެވެ.

"ބާޣީ 3"ގައި ދައްކާ އެކްޝަން މަންޒަރުތަކުގެ ތެރެއިން ގިނަ މަންޒަރުތަކަކީ ޓައިގާ އަމިއްލައަށް ކުޅެފައިވާ މަންޒަރުތަކެވެ. ވީއެފްއެކްސް ވެސް ބޭނުންކޮށްފައި ވަނީ ވަރަށް މަދު މަންޒަރެއްގަ އެވެ. އެހެންވީމާ ފިލްމު އުފެއްދުމަށް ކޮށްފައިވާ ބުރަ މަސައްކަތް ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

"ބާޣީ 2" އާއި "ބާޣީ 3" ޑައިރެކްޓްކުރީ އަހުމަދު ޚާނެވެ. ނަމަވެސް މި ފްރެންޗައިސްގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރީ ސައްބީރް ޚާނެވެ. އަދި މީގެ ހަތަރު ވަނަ ފިލްމެއް އުފެއްދުމުގެ ވިސްނުން ވެސް އެބަ ގެންގުޅޭ ކަމަށް އަހުމަދު ވަނީ ހާމަކޮށްފަ އެވެ.