އިންޑިއާގެ ސެންސަރު ބޯޑުން މިހާރު އަމަލުކުރަމުންދާ ގަވާއިދުންގެ ދަށުން ހުތުރު ބަސްތައް ބޭނުންކޮށްފައި ހުންނަ ޑައިލޯގްތައް އެއްވެސް ފިލްމެއްގައި ބޭނުމެއް ނުކުރެވޭނެ އެވެ. އަށާރަ އަހަރުން މައްޗަށް ހުންނަ ފިލްމަކަށް ވިޔަސް ހަޑި ހުތުރުބަސްތައް ކިޔާ ޑައިލޯގްތައް ބަދަލުކުރަން މިހާރު ސެންސަރު ބޯޑުން އަންގަ އެވެ. ބައެއް ފިލްމުތަކުގައި މިފަދަ ޑައިލޯގްތަކުގެ އަޑު ބީޕް ކުރާއިރު އަނެއްބައި ފަހަރު އަޑު ކަނޑާލާފައި ވެސް ހުރެ އެވެ. އެގޮތުން އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ޝްރައްދާ ކަޕޫރާއި ޓައިގާ ޝްރޮފްގެ "ބާޣީ 3" އަށް ވެސް މި މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެ ބައެއް ޑައިލޯގްތައް ބަދަލުކުރަން ވަނީ ޖެހިފަ އެވެ.
"ބާޣީ 3"ގައި ޝްރައްދާ ކުޅެނީ ވަރަށް ހުތުރު ބަސްތައް ބޭނުންކުރާ އަންހެންކުއްޖެއްގެ ރޯލު ކަމުން އޭނާ މި ފިލްމުގައި ކިޔާ ޑައިލޯގްތަކުގެ ތެރެއިން ގިނަ ޑައިލޯގްތައް ބަދަލުކުރަން ޖެހުނެވެ. މި މައްސަލަ ދިމާވެދާނެތީ ފިލްމުގެ ޑައިލޯގު ލިޔުނު ފަރާތުން ވަރަށް މޮޅު ޚިޔާލެއް ކޮށް ހުތުރު ބަސްތައް ބޭނުންކުރާ ޑައިލޯގްތަކަށް އެ ބަސްތަކުގެ ބަދަލުގައި ބީޕް ލައިގެން ބޭނުންކުރާ ގޮތަށް ހަދާފައި ވެއެވެ. ނަމަވެސް މިއީ ވެސް ސެންސަރު ބޯޑުން ހިތްހަމަޖެހުނު ކަމަށް ނުވެ ޑައިލޯގް ބަދަލުކުރަން ވަނީ މަޖްބޫރު ކޮށްފަ އެވެ.
ސެންސަރު ބޯޑުން "ބާޣީ 3"ގެ ޕްރޮޑިއުސަރުންނަށް އަންގާފައިވަނީ މި ފިލްމަކީ ކުޑަކުދިންނަށް ޚާއްސަކޮށް އުފައްދާ ފިލްމަކަށް ވާތީ މި ފަދަ ގޮތަކަށް ވެސް ހުތުރު ބަސްތައް ހިމެނޭ ޑައިލޯގްތައް ހުރެގެން ނުވާނެ ކަމަށެވެ. އެންމެ ފަހުން ފިލްމު ފާސްކޮށްދިނީ ޑައިލޯގްތަކަށް ބަދަލު ގެނެސްގެންނެވެ.
"ބާޣީ 3"އަށް ޔޫ/އޭ ސެޓްފިކެޓެއް ދީފައިވީ ނަމަވެސް ސެންސަރު ބޯޑު ހިތްހަމަނުޖެހޭ ބައެއް މަންޒަރުތައް ވެސް މި ފިލްމުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރާ މަންޒަރު ހިމެނެ އެވެ. މިހާރު މި މަންޒަރަށް ވަނީ ޑިސްކްލެއިމާ އެއް ލާފަ އެވެ. އަދި އިންސާނެއްގެ ގައިގައި ރޯވެ އަނދާ މަންޒަރު ވެސް ވަނީ ކުރިން ދައްކަން ހަމަޖެހިފައިވާ ވަރަށް ވުރެ ދެބައިކުޅަ އެއްބައި އުނިކޮށްފަ އެވެ. އަދި ދިޝާ ޕަޓްނީގެ "ޑޫ ޔޫ ލަވް މީ" ލަވައިގައި ދިޝާގެ ހަށިގަނޑު ކައިރިން ފެންނަ ބައެއް މަންޒަރުތައް ވެސް ލޯންގް ޝޮޓް ތަކަކަށް ބަދަލުކުރަން ޖެހުނެވެ.
ފިލްމު ފެބްރުއަރީ 26 ގައި ފާސްކޮށްދީފައިވަނީ މި ބަދަލުތައް ގެނައުމަށް ފަހުގަ އެވެ. މިހާރު މި ފިލްމުގެ ދިގުމިނަކީ 147 މިނިޓެވެ.
ޝްރައްދާ އާއި ޓައިގާގެ އިތުރުން "ބާޣީ 3" ގައި ރިތޭޝް ދޭޝްމުކް އާއި އަންކިތާ ލޯކަންޑޭ ވެސް މުހިއްމު ރޯލު ތަކަކުން ފެންނާނެ އެވެ. ފިލްމުގައި ދިޝާ ކުޅެފައިވަނީ ހަމައެކަނި އެންމެ ލަވަ އެކެވެ. އަދި ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ވަރަށް ޚާއްސަ ރޯލެއް މި ފިލްމުގައި ވަނީ ކުޅެފަ އެވެ.
އަހުމަދު ޚާން ޑައިރެކްޓްކޮށްފައިވާ "ބާޣީ 3" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.