ޗައިނާ

ޗައިނާގެ 11 ބިލިއަން ޑޮލަރުގެ އަގު ބޮޑު އެއާޕޯޓް ހުޅުވައިފި

ޗައިނާގައި މިހާތަނަށް ތަރައްގީކުރި އެންމެ އަގު ބޮޑު އެއާޕޯޓް ކަމަށްވާ ޑެކްސިން އެއާޕޯޓް ބެއިޖިންގައި ހުޅުވައިފި އެވެ. މި އެއާޕޯޓް ހުޅުވައިދިނީ ޗައިނާގެ 70 ވަނަ އަހަރީ ދުވަހު އެގައުމުގެ ރައީސް ޝީ ޖިންޕިންގް އެވެ.

މި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާއިން ވަނީ ފަސް އަހަރު ވަންދެން ކޮށްފަ އެވެ. ޑެކްސިން އެއާޕޯޓުގެ ސަބަބުން މަޑު ޖެހިފައިވާ ޗައިނާގެ އިގްތިސޯދު އިތުރަށް ކުރި އަރައިގެންދާނެ އެވެ. ފަހުގެ ރިޕޯޓްތައް ދައްކާ ގޮތުން ޗައިނާގެ ސިނާއީ ދާއިރާއިން ލިބޭ ފައިދާ ވަނީ ދަށްވެފަ އެވެ. އެހެން ކަމުން ޑެކްސިން އެއާޕޯޓު ވެގެންދާނީ މި ގެއްލުން ފޫބައްދައިދޭ ތަނަކަށެވެ.

ޑެކްސިން އެއާޕޯޓަކީ އަހަރަކު 72 މިލިއަން މީހުނަށް ހިދުމަތް ދެވޭނެ ގޮތަށް ތަރައްގީކުރި އެއާޕޯޓެކެވެ. އެއާޕޯޓުގެ ތަރައްގީގެ ދެވަނަ މަޝްރޫއަކީ 2025 ވަނަ އަހަރުގެ ނިޔަލަށް 100 މިލިއަން މީހުނަށް އަހަރަކު އެއާޕޯޓުން ހިދުމަތް ދިނުމުގެ އޮޕަރޭޝަން ކެޕޭސިޓީ އިތުރު ކުރުމެވެ.

ޗައިނާގެ ޑެކްސިން އެއާޕޯޓް ތަރައްގީކުރީ އެމެރިކާގެ އެވިއޭޝަން ފަހަތަށް ޖައްސާލުމުގެ ބޭނުމުގަ އެވެ. އަދި ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަކީ ޗައިނާގެ އެއާޕޯޓަކަށް ހެދުމުގެ ބޭނުމުގަ އެވެ. ޗައިނާއިން އަމާޒު ހިފާފައި ހުރީ 2022 ވަނަ އަހަރުގެ ނިޔަލަށް އެވިއޭޝަން ދާއިރާގައި އެންމެ ކުރިއަށް ދިޔުމަށެވެ.

ޗައިނާގެ ދެ އާއިލާނެއްގެ އިތުރުން ބޭރު 50 އެއާލައިނެއް މިހާރު ވަނީ ޑެކްސިން އެއާޕޯޓް ބޭނުންކުރަން ފަށައިފަ އެވެ. އެއާޕޯޓް ތަރައްގީކުރީ ބެއިޖިންގެ ޕްރައިމް ސަރަހައްދަގަ އެވެ. އެގޮތުން އެއާޕޯޓުގެ ރެއިލްވޭ އެކްސްޕްރެސްއިން 20 މިނިޓުގެ ތެރޭގައި ބެއިޖިންގް މައި ޑިސްޓްރިކްޓަށް ދެވެން ހުންނާނެ އެވެ.