ޕީޕީއެމްގެ އޭދަފުށީ ގޮތްޕެއް "ރަޖިސްޓްރީ ކޮށްފައެއް ނޯންނާނެ" ކަމަށް އެ ޕާޓީގެ އޭދަފުއްޓަށް ނިސްބަތްވާ ބައެއް އިސްފަރާތްތަކުން ވިދާޅުވާއިރު، އެއަށް "ރައްދު ދެއްވައި" ހަމަ މި ޕީޕީއެމްގެ އެހެން އޭދަފުށީ މެންބަރުން ވިދާޅުވަނީ ބ. އަތޮޅުގެ "ލާމަރުކަޒީ ވެރިރަށް" ކަމަށްވާ އޭދަފުށީގައި އެ ޕާޓީގެ ފަރާތްތަކުން ހަރަކާތްތެރިވަނީ "ހަމަ އެއް ބައެއް" ކަމަށާއި އަދި މިހެންވެ ގޮފި ރަޖިސްޓްރީ ވެފައި އޮތުމާއި ނޫނީ ނުއޮތުމަކީ މި ކަހަލަ ކަމެއް ރޭވުމަށް އޮތް "ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނޫން" ކަމަށެވެ.
"ޑިމޮކްރެސީ ގެނަޔަސް ޕާޓީ ނިޒާމު ގެންނާކަށް ނުޖެހޭ. މިއީ ރާއްޖެއަށް ޑިމޮކްރެސީ ތައާރަފު ކުރެއްވުމުގައި ރައީސް މައުމޫން އެޅުއްވި ހަމައެކަނި ޅައެއްޗަކީ،" މިދިޔަ ރިއާސީ އިންތިހާބުގައި ހުރިހާ ބުރެއްގައި ވެސް ރައީސް ޔާމީނަށް ވޯޓު ދެއްވި އަދި ރައީސް މައުމޫނަށާއި ޕީޕީއެމްއަށް ވެސް ތާއީދު ކުރައްވާ ދެކުނަށް ނިސްބަތްވާ، ނަމަވެސް މިހާރު މާލެއަށް ދިރިއުޅުން ބަދަލު ކުރައްވާފައިވާ "ކަމުވޮށިގެންވާ" އަދި "ދޮށީ އުމުރުގެ" ފިރިހެން ބޭފުޅަކު ވިދާޅުވި އެވެ.
މި ފަދަ ހިޔާލުތައް ހުންނަ މީހުންގެ ނަޒަރުގައި ޕާޓީ ސިސްޓަމެއް ނެތަސް، ފަރުދީ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުން ރައީސްއަށް ލަފާ އަރުވައިގެން ގައުމު ހިންގިދާނެ އެވެ. ނަމަވެސް ރާއްޖޭގެ ކޮންމެ ކަންކޮޅަކުން މިހާރު ފެންނަ ސިޔާސީ އަދި ހަމައެހެންމެ އިޖުތިމާއީ މަންޒަރަށް ބަލައިލި ނަމަވެސް ދޭހަވާ ކަމަކީ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ ސިކުނޑި ތަރައްގީވެފައިވާ މިންވަރަށް ބަލާއިރު ރަސޫލު ޒަމާނުގައި ޕާޓީ ނުހަދާ ނަމަވެސް ސަހާބީން މަޝްވަރާ އަރިސްކޮށްގެން މަދީނާ ހިންގެވި ގޮތަކަށް ރާއްޖެ އަދި ހިންގެން ނެތް ކަމެވެ!
ސަލީމް އޭދަފުށީގައި ބާއްވަވަން ތައްޔާރުވެ ވަޑައިގަންނަވަމުން އަންނަ ބަށި މުބާރާތުންނާއި މާލޭގައި ރައީސް ޔާމިން ބޭއްވެވި މިނިވަން 50 ގެ ހަރަކާތްތަކާމެދު ޕީޕީއެމްގެ މެންބަރުގެ މެދުގައި އުފެދިފައިވާ "ހިތްހަމަ ނުޖެހުމުގެ" ފަހަތުގައި ފޮރުވިފައިވާ "ނަފުސާނީ އަދި ޖަޒުބާތީ ސަބަބު"ން މި ސުވާލަށް ޖަވާބު ލިބެއެވެ.
އާއިލާއެއް ވިޔަސް އަދި އެއަށްވުރެ ދުރަށް ވިސްނާ ނަަމަ މުޅި މި ދުނިޔެއަށް ބެލި ނަމަވެސް، ހުރިހާ ހަމަނުޖެހުމެއްގެ އަސްލަކީ އަދި ސިއްރަކީ އިންސާނާގެ "އީގޯ" އެވެ. މާނައަކީ ކޮންމެ ފަރުދަކަށް އެ މީހެއްގެ އަމިއްލަ ނަފުސުގެ މުހިންމުކަން ބޮޑުވުމުގެ ސިފައެވެ. ނަފުސާނީ އިލްމްވެރިންނާއި ބުއްދިވެރިން ފާހަގަ ކުރައްވާފައިވާ ފަދައިން މި އީގޯ އޭގެ ރަނގަޅު ގޮތުގައި ބޭނުން ހިފިއްޖެ ނަމަ، ލިބޭ ކާމިޔާބާއި ކުރިއެރުމާއި ހަމަޖެހުން ބޮޑެވެ. ސަބަބަކީ ކޮންމެ މީހަކު ވެސް އަބަދުވެސް ކާމިޔާބާއި ކުރިއެރުމަށް މަސައްކަތް ކުރުމުގެ ނަފުސާނީ އަދި ރޫހީ ބާރަކަށާއި ހިތްވަރަކަށް މި އީގޯ ވާނެތީއެވެ. އާއިލާއިން ފެށިގެން އަވަށުން، ރަށުން، އަތޮޅުން، ގައުމުން އަދި މުޅި ދުނިޔެއާ ވެސް ހިސާބަށެވެ. ނަމަވެސް ތިމާގެ އީގޯ އަމިއްލައަށް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، ތިމާއަށް ތިމާ ވިސްނާ ގޮތާއި އަމަލު ކުރެވޭ ގޮތް މާ މަތިވެރި ކަމަށް ދެކެވި ގަބޫލު ކުރެވުމުން ނަތީޖާއަކަށް ވަނީ ގޮތްދޫނުކުރުމާއި ބޯހަރުކަމާއި ހުރިހާ ކަމެއް އަމިއްލައަށް އެނގިގަނެގެން އުޅެވި، "ނުބައި" ޖަޒުބާތުތައް ކަމަށްވާ "ޖެލަސީ" ނުވަތަ ހަސަދަވެރިކަން ފާޅުވާން ފަށައި، ލިބޭ ހުރިހާ ކާމިޔާބަކާއި އަމާންކަމެއް އިސާހިތަކު އެފުށްމިފުށަށް ޖެހިގެން ދިއުމެވެ. އާއިލާއިން ފެށިގެން މުޅި މުޖުތަމައު ފިތުނައިގެ ވަޅުގަނޑަކަށް ވެއްޓުމެވެ.
މިނިވަން 50 ގެ ހަރަކާތްތަކާމެދު މާލެ އާއި އަތޮޅުތަކުގެ ނޫސްތަކުގެ ވެބްސައިޓްތަކުގައި ޕީޕީއެމްގެ މެންބަރުން ކޮށްފައިވާ ކޮމެންޓްތަކުން ވެސް އެނގެނީ އެއް ބަޔަކަށް "މާ ރަނގަޅަށް" ކަމެއް ކުރެވޭއިރަށް އަނެއް ބަޔަކު އެ ކަމާ "ހިތާމަ ކުރާ" ކަމެވެ. ނަމަވެސް 21 ވަނަ ގަރުނުގެ ފަސްބައިކުޅަ އެއްބައި ކަމަށްވާ "ވިހިވިހީގެ ތަސައްވަރު" އަޅުގަނޑުމެން ކަނޑައަޅައިގެން އެއް ދުވަހަކަށް ފަހު އަނެއް ދުވަހެއް އެ 2020 އާ ގާތްވަމުން އަންނައިރު އަޅުގަނޑުމެންގެ މި ގައުމަށް މިހާރު އައިސްފައި މިވާ ތަރައްގީއާ އެއް ދުވެއްޔެއްގައި އަޅުގަނޑުމެންގެ ނަފުސު ވެސް ތަހުޒީބު ކުރަން ޖެހިއްޖެއެވެ. އިސްލާމީ ރިވެތި އުސޫލަކީ ރުޅިހަދާފައި ނަމަވެސް ތިން ދުވަހަށްވުރެ ގިނަ ދުވަހު އެކަކު އަނެކަކާ އަނގައިން ނުބުނެ ނުހުރުމެވެ. އަދި މިދިޔަ މޭ ޑޭއަށް ފަހު ޖިސްމާނީ ގޮތުން އަނިޔާ ކުރުމުގެ ރޫހު ދިވެހިންގެ ކިބައިން ފިލައިގެން ގޮސްފި ކަމަށް ފެނެއެވެ. ރައީސް ވަހީދު އާއި އަދި އެއަށްވުރެ ވެސް ކުރީ ޒަމާނުން ފެށިގެން ފުލުހުންނާއި އާއްމު ރައްޔިތުން އެއްބަޔަކު އަނެއްބަޔަކަށް ދޭ އަނިޔާތައް ސޯޝަލް މީޑިއާއިން ފެނިފެނި އެ ކަމާ "ސިކު"ވީއެވެ. "ފުދިއްޖެ!" އެވެ.
މިހެންވެ، މިދިޔަ މަސައްކަތްތެރިންގެ ދުވަހުން ފެނިގެން ދިޔަ މި އިބުރަތްތަކާއި ފިލާވަޅުތަކުގެ ސަބަބުން މި ކަހަލަ އަނިޔާވެރިކަން ފަޅައިގެން ގޮސްފާނެ މުޒާހަރާއަކަށް ނުކުންނަން މައި އިދިކޮޅު ނުވަތަ "މެއިން އޮޕޮޒިޝަން" ޕާޓީ ކަމަށްވާ އެމްޑީޕީގެ ވެސް ގިނަ އާއްމު ރައްޔިތުން ނުކުންނަން، މޭ ޑޭގެ "ކަންތައްގަނޑަށް" ފަހު އަލުން ބޭނުން ނުވީއެވެ. މިއީ ރައީސް ޔާމީން ކޮންމެހެން އިދިކޮޅު ޕާޓީތަކުގެ "ނިގޫ ފިއްތާލައިގެން" ވީ ކަމެއް ނޫނެވެ. އެހެން ނޫން ނަމަ، އަދާލަތު ޕާޓީން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ހަމައެކަނި މެންބަރު ކަމަށްވާ އަނާރާ ނައީމްގެ ފޭސްބުކް ސްޓޭޓަސްތަކުގައި ރައީސް ޔާމިންގެ ޒައާމަތުގައި ދުލުގެ މިނިވަންކަމެއް ނެތޭ ލިޔުއްވިޔަސް، ދާހިލީ ވަޒީރު އުމަރު ނަސީރަށާއި ފުލުހުންގެ ކަމިޝަނަރު ހުސައިން ވަހީދަށް ފޭސްބުކުންނާއި ޓްވިޓަރއިންނާއި އިންސްޓަގްރާމުންނާއި ސްނެޕްޗެޓުންނާއި ޑަބްސްމާޝް އާއި މި ނޫން ވެސް މިފަދަމިފަދަ ސޯޝަލް މީޑިއާއިން ޖެއްސުން ކުރާ އެތައް ސަތޭކަ ދިވެހިންނެއް މިހާރު ތިބޭނީ އަދާލަތުގެ ރައީސް ޝައިޚް އިމްރާން ފަދައިން މާފުއްޓާއި ގޭބަންދާ ދޭތެރޭގައި "ތާށިކޮށްލާފައި" ނޫން ހެއްޔެވެ!
ބުއްދީގެ ބޭނުންކޮށްގެން ވިސްނާލައިފި ނަމަ، ހަސަދަވެރިކަމަކީ ހަމަ ކޮންމެ އިންސާނެއްގައި ވެސް ގުދުރަތީ ގޮތުން ލައްވާފައި ހުންނަ ސިފައެކެވެ. ނަމަވެސް އީގޯގެ ރަނގަޅު ފަރާތް ބޭނުން ނުކުރެވިއްޖެ ނަމަ، ނުވަތަ ތިމާގެ ފަރާތުން އެހެން މީހުންނަށް ލޯތްބާއި އަޅާލުމާއި އިހުތިރާމާއި ހިތްތިރިކަން ނުފެތުރިއްޖެ ނަމަ، "އަހުލީ ހަނގުރާމަ"އެއް ހިނގާނީ ހަމައެކަނި ގައުމީ ފެންވަރުގައި އެކަންޏެއް ނޫނެވެ. ތިމާގެ މުޅި އާއިލާ ވެސް އޮންނާނީ ހައިޖާނުގަނޑެއްގެ ތެރޭގައެވެ. ވަކި ހިސާބަކުން ދެބެން ދެބެންނަށް އިތުބާރު ނުކުރެވޭލެއް ބޮޑުވެގެން ދިޔަދިޔައިނުން އަމިއްލަ ދިފާއުގައި ބާލީސް ދަށުގައި ވަޅިއެއް ބާއްވައިގެން ނިދަން އޮންނަ ހިސާބަށް ވެސް، މިފަދަ އިންސާނީ ހަގީގަތްތައް ރޭކާ ނުލާ މުޖުތަމައުތަކުގައި ނުވަތަ ގައުމުތަކުގައި ގޮސްފައިވެއެވެ. އަދި ރާއްޖެއަށް ބެލި ނަމަވެސް، އެމްޑީޕީ އާއި ޕީޕީއެމްގެ ކޯޅުންތަކުގައި ކިތައް ދެމަފިރިން ވަރިވެފައި އެބަތިބި ހެއްޔެވެ. އަދި މިހާރު ކަންތައްތައް މިދާ ވާދަވެރި ހަލުއިމިނުގައި ދެން ވަރިފަށަށް އަރަން ފަށާނީ ޕީޕީއެމް ފިރިމީހާ އާއި އެމްޑީޕީ އަނބިމީހާ ނުވަތަ އެމްޑީޕީ ފިރިމީހާ އާއި ޕީޕީއެމް އަނބިމީހާއެއް ނޫނެވެ. ނަމަވެސް ޕީޕީއެމް ދެމަފިރިން ނުވަތަ އެމްޑީޕީ ދެމަފިރިން ކަންނޭނގެއެވެ!
ކޮންމެއަކަސް، މިފަދަ އިންސާނީ ނުބައި ޖޯޝްތައް މައިތިރިކޮށް މަތަކުރެވެން އަންނަނީ ކޮންމެ އިންސާނަކަށް ވެސް ތަނަވަސްކަމާއެކު ފައިސާގެ ފިކުރެއް ނެތި ހަމަޖެހިލައިގެން ދިރިއުޅެވެން ފެށުމުންނެވެ. ރައީސް ނަޝީދު ވެސް އަދި ރައީސް ޔާމީން ވެސް އެއްގޮތްވާ އެއް ސިފައަކީ މި ދެންނެވި "އިކޮނޮމިކް ޕްލޫރަލިޒަމް" ފަލްސަފާގެ ފަހަތުން ވަޑައިގަންނަވާ ކަމެވެ. ހަމައެކަނި ތަފާތަކަށްވީ ރައީސް ނަޝީދު މި ލަފުޒު ސީދާ އާއްމުކޮށް ބޭނުން ކުރެއްވި ކަމެވެ. ނަމަވެސް އެއް ގޮތްކަމަކީ ރައީސް ޔާމީން ވެސް ޑިމޮކްރެސީ "ގުރުބާން" ކުރައްވައިގެން މިހާރު ގައުމު ތަރައްގީ ކުރުމުގެ މަޝްރޫއުތައް "މެކުހަށް ޖަހާފައިވާ" ފަދައިން އެމްޑީޕީން ވެސް ޑިމޮކްރެސީ "އެއް ފަރާތް ކޮށްފައި" ރަށްރަށުގެ ފެނާއި ނަރުދަމާ އާއި ދަތުރުފަތުރުގެ ވިޔުގަ ފަދަ މަޝްރޫއުތަކަށް އިސްކަން ދިން ކަމެވެ. ކޮންމެ ދިވެއްސަކަށް ވެސް ވިސްނުންތެރިކަމާއެކު ވިސްނާލުމުން އެނގޭނީ ޕީޕީއެމްގައި ހުއްޓަސް ނުވަތަ އެމްޑީޕީގައި ހުއްޓަސް އާހިރުގައި އަހަރެމެން ހުރިހާ ދިވެހިން މިސްރާބު ޖަހާފައި މިވަނީ އެއް މަންޒިލަކަށް ކަމެވެ. ނަމަވެސް އަހަރެމެންގެ މައްސަލައަކީ ރައީސް ނަޝީދު ވިދާޅުވިހެން "އަމިއްލަ ނޭފަތު ކުރިއަށްވުރެ ދުރަށް" ނުބެލުމެވެ.
މިހެންވެ، އިންޑިއާ ކަނޑުގެ "ސިންގަޕޫރަ"ށް ނުވަތަ "މެލޭޝިޔާ"އަށް ރައީސް ޔާމީން ދިވެހި ރާއްޖެ ހައްދަވާނެ ކަމުގެ އުފާވެރި ވާހަކަ މިއީ މިހާރު ދިވެހިންގެ ދޫމަތީ ބަހަކަށް ވީ ނަމަވެސް، ހުރިހާ އެންމެންގެ ވެސް ފޯކަސް މިހާރު ގެއްލި، އެއް ޕާޓީ އަނެއް ޕާޓީއާ ކޯޅުމުގެ ބަދަލުގައި މިހާރު ޕާޓީތަކުގެ ތެރޭގައި ވެސް "ހަމަނުޖެހުން" ބޮޑު ކަމަށް ފެންނަނީ ސިންގަޕޫރު އަދި މެލޭޝިޔާގެ ހަގީގީ ހާލަތާއި މިސާލު އަހަރެމެން ހަނދާން ނެތުނީމައެވެ. ރައީސް ނަޝީދު ނުވަތަ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމަވެސް، "ޑިމޮކްރެސީ"އަކުން ސީދާ އަޅުގަނޑުމެންގެ ބަނޑުފުރާނަ މުއްތި ނުކުރެވޭނެ ކަމެވެ. ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި ނުކުތް ދިވެހިންގެ ތެރޭގައި ވެސް އެއިރު ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު އަމީތާބު ބައްޗަން އާއި ޒީނަތު އަމަން އާއި މަނޯޖް ކުމާރުގެ ހިންދީ ފިލްމް "ރޯޓީ، ކަޕްޅާ، އައުރު މަކާން" ("ރޮށި/ފޮޅި، އަންނައުނު އަދި ގެ") އިޝާރާތް ކުރާ ފަދައިން ރާއްޖެއަށް ވެސް ހަމަޖެހުމާއި ކާމިޔާބާއި ކުރިއެރުން އައުން އޮތީ، އެސް.އީ.ޒެޑް ވިޔަސް ނޫނީ ބިން "ހިއްކައިގެން ވިއްކައިގެން" ކަމަށް ވިޔަސް، ހަމަ ކޮންމެ ދިވެހި ފަރުދެއްގެ ވެސް އަސާސީ ހައްގުތައް ކަމަށްވާ "ކާބޯތަކެތި، ލާނެ ހެދުން އަދި ބޯހިޔާވަހިކަން" ފޯރުކޮށްދެވިގެން ކަމެވެ.
އެކަށީގެންވާ ގޮތެއްގައި ޕާޓީ ނިޒާމާއި ޑިމޮކްރެސީ ނުހިނގާ، ނަމަވެސް ކޮންމެ ރައްޔިތެއްހެން މުއްސަނދިކަމުގައި އުޅެމުން އަންނަ، އަދި އޯ ލެވެލް ނިންމާތާ ހަ މަސް ދުވަހުގެ ތެރޭގައި އަމިއްލަ ފްލެޓާއި ކާރާއި ވަޒީފާ ލިބޭނޭ ގޮތްގޮތް ހަމަޖެހިފައިވާ ޒުވާން އާބާދީއެއް އޮންނަ މެލޭޝިއާ އަދި ސިންގަޕޫރުގެ ޒުވާން ފިރިހެން ނުވަތަ އަންހެން ކުއްޖަކާ މިއަދު ޑިމޮކްރެސީއާ ގުޅޭ ގޮތުން ސުވާލެއް ކޮށްލައިފި ނަމަ ބުނާނީ މިހެންނެވެ: "ޑިމޮކްރެސީއަކާ ޑިމޮކްރެސީއެކެވެ. ތިޔައީ އަހަރެމެންނަށް ކޮން އެއްޗެއް ހެއްޔެވެ؟ ތިޔަ ބުނާ ޑިމޮކްރެސީއެއް ގިރައިގެން ބޯލާށެވެ!"
ހަގީގަތުގައި ދިވެހިންނަށް ކުއްލިއަކަށް ޑިމޮކްރެސީއެއް މާ މުހިންމުވެގެން މިއުޅެނީ ރާއްޖޭގެ ހާލަތް އެއިރު އޮތް ގޮތުން ރައީސް މައުމޫންގެ ތަރައްގީގެ ޕްރޮގްރާމް މާ ދިގުދެމިގެން ދިޔައިމައެވެ. އަދި ވަގުތުން ނަތީޖާ ހޯދުމުގެ އާދައަކީ ކުރު ހަޔާތެއް މި ދުނިޔެ މަތީގައި ލިބިފައިވާ އިންސާނުންނަށް ގުދުރަތީ ގޮތުން ލިބިފައިވާ ނަފުސާނީ އެދުމަކަށް ވާތީ، ފަގީރުކަމުގައި މާ ގިނަ ދުވަސް ވޭތު ކުރަން ޖެހުމުން، އެ ކަމާ ހިތްހަމަ ނުޖެހިގެން ހަޅޭއްފަޅޭއްލަވަން ފަށާ "ހައިވާނު ބަގީޗާ"އަކަށް ރާއްޖެ ބަދަލުވެ ކޮންޓްރޯލް ނުކުރެވިދާނެތީ ރައީސް މައުމޫން ހުރިހާ ދިވެހިންގެ ޑިމޮކްރެސީގެ އެދުންތަކުގައި އެއިރު ކަސްތޮޅު އަޅުވާފައި އޮތީމައެވެ.
ނަމަވެސް ދުނިޔޭގެ ހާލަތާއި ވަރަށް ބޮޑަށް ރާއްޖޭގެ ހާލަތު ގުޅިފައިވުމުން، އެ މަނިކުފާނުގެ ވެރިކަން 30 އަހަރަށް ދެމިގެން ދިއުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ރާއްޖެއަށް ޓޫރިޒަމް ސިނާއަތް އެކަށީގެން ނުވާ ކަމަށް ރައީސް ނާސިރުގެ ޒަމާނުގައި ދުނިޔޭގެ ސުލްހަ ބަލަހައްޓާ ޖަމިއްޔާ އދ.ގެ ގޮތްޕެއް ކަމަށްވާ ޔޫ.އެން.ޑީ.ޕީން ބުނެފައިވާއިރު، "ލަގްޒަރީ ޓޫރިޒަމް" ނުވަތަ ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ފަތުރުވެރިކަމުގެ ދާއިރާ ރާއްޖެއަށް ޝައުގުވެރިވާން ފެށީވެސް ނުހަނު ފަހުން ކަމަށްވާތީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި މަލްޓި މިލިއަން ޑޮލަރުގެ އަގުހުރި ރިސޯޓްތައް ހުޅުވަން ފެށީ ދާދި ފަހުން ކަމަށްވުމީ ރައީސް މައުމޫންގެ ކުށެއް ނޫނެވެ.
ހަގީގަތުގައި ރާއްޖެއަށް މިހާރު މި އަންނަމުންދާ އަދި އިރާދަކުރެއްވިއްޔާ އިތުރަށް އަންނާނެ ތިޔާގިކަމާއި ތަނަވަސްކަމަކީ ރައީސް ނާސިރަށް ނުވަތަ ރައީސް މައުމޫނަށް އޭގެން "ފައިދާ ނެގޭނެ" ފުރުސަތެއް އެއިރު އޮތް ކަމެއް ނޫނެވެ. މިއީ ހަގީގަތުގައި ރައީސް ނަޝީދަށާއި ރައީސް ޔާމީނަށް މިހާރު "ވާރުތަވެވޭ" ރަނުގެ ފުރުސަތްތަކެވެ! އެހެންކަމުން އަހަރެމެން ދިވެހިންނަށް ދެން އެންމެ އައުލާކަން ބޮޑީ 2020 ވަނަ އަހަރުގެ ބޮޑު މަންޒަރަށް ދަތުރު ކުރުމަށްޓަކައި އެ އަހަރުގެ "ނިއު އިޔާ" މުނާސަބާ ފާހަގަ ކުރާ ޖަވަނަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ މެންދަމު ބާރަ ޖަހާއިރު "މަލްޓި-ޕާޓީ ޑިމޮކްރެސީ" ނުވަތަ އެތައް ޕާޓީއެއް ހިމެނޭ ޑިމޮކްރެސީގެ ނިޒާމު "ގިރައިގެން ބޯލަން އާ އަހަރުގެ ގަރާރެއް" ކަނޑައެޅުމެވެ!