ޕާކިސްތާން

ދިވެހިންގެ ހަމްދަރުދީ، ޕާކިސްތާނަށް

ޕާކިސްތާނަށް އައި ބިންހެލުމެއްގައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެ ގައުމުގެ ފޮރިން މިނިސްޓަރު މަޚްދޫމް ޝާހު މަހްމޫދު ޤުރޭޝީއަށް، ރާއްޖޭގެ މިނިސްޓަރު އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ޝާހިދުގެ މެސެޖުގައި ވިދާޅުވީ ޕާކިސްތާނުގެ އުތުރުގެ ހިސާބުތަކަށް އައި ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެ އަދި އިމާރާތްތަކަށް ގެއްލުންތައް ލިބުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކު ކަމަށެވެ.

އަދި އެ ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަމަށް ވިދާޅުވެ، ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެވުމަށް އެދިވަޑައިގެންނެވި އެވެ.

ރެކްޓާ މިންގަނޑުން 5.9 ބާރުމިނުގެ އައި ބިންހެލުމުގައި ޕާކިސްތާނުގެ ހަތަރު ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އަޕަ ދީރް، ލޯވާ ދީރް، ސްވަތު އަދި ބަޖައުރު އަވަށުގެ ގިނަ އިމާރާތަކަށް ބޮޑެތި ގެއްލުންތައް ލިބި، ބައެއް ސަރަހައްދުތަކުގެ މަގުތައް ވަނީ ވަަރަށް ބޮޑަށް ހަލާކުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން 22 މީހަކު މަރުވެފައިވާކަމަށް ރަސްމީ އިދާރާތަކުން މިހާރު ވަނީ ބުނެފަ އެވެ. އަދި އެކިވަރުގެ އަނިޔާތައް ލިބުނު މީހުންގެ އަދަދު އުޅެނީ 200 މަތީގައިކަމަށް ޕާކިސްތާނުގެ ސިއްހަތާބެހޭ އިދާރާތަކުން ބުނެ އެވެ.