އިންޑިއާގެ ޗެންނައީގެ ދެމަފިރިއެއްގެ ދޮޅު އަހަރުގެ ފިރިހެންދަރިފުޅު އަވީނާޝް ބަޔަކު ވަގަށް ނަގައިގެން ގެންދިޔަ ފަހުން އޭނާގެ ޚަބަރެއް އޭނާގެ މައިންބަފައިންނަކަށް ނުލިބެ އެވެ. ގޭގެ ބޭރުގައި ކުޅެން އުޅެނިކޮށް އޭނާ ކިޑްނެޕް ކުރީ ކާކު ކަމެއް ވެސް ނުހޯދުނެވެ. އަވީނާޝް ވަގަށް ނެގީ ފެބްރުއަރީ 18، 1999 ގައެވެ.
މި ތާރީޚަށް 20 އަހަރު ފުރުނު ފަހުން އަވީނާޝް ވަނީ އޭނާގެ އަސްލު މައިންބަފައިން ހޯދާ އެމީހުންނާ ބައްދަލުކޮށްފަ އެވެ. މިހާޜު 22 އަހަރު ފުރިފައިވާ އަވީނާޝް މިހުރިހާ ދުވަހު އުޅުނީ އޭނާ އެޑޮޕްޓްކުރި އެމެރިކާގައި ދިރިއުޅޭ ދެމަފިރިއަކާ އެކުގައި އެމެރިކާގަ އެވެ.
އޭނާގެ މައިންބަފައިންނާ ފުރަތަމަ ފަހަރަށް ބައްދަލުވުމުން ކުރެވުނު އިހްސާސްތައް ކިޔައިދެމުން އަވީނާޝް ބުނީ މަންމަ އާއި ބައްޕަ ހެޔޮ ހާލުގައި ދިރިއުޅޭތަން ފެނުމުން ވަރަށް އުފާވި ކަމަށެވެ. އަދި އޭނާގެ އަސްލު މަންމަގެ އަތުން ކައްކާފައިވާ ކާއެއްޗެތި ވަރަށް މީރުވި ކަމަށެވެ.
ދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކޮށްދިނީތީ އަވީނާޝްގެ ބައްޕަ ވަނީ އޭނާ އެޑޮޕްޓްކުރި ދެމަފިރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަވީނާޝް ކިޑްނެޕްކުރި މީހާ އޭނާ މެލޭޝިޔަން ސޯޝަލް ސާވިސް (އެމްއެމްއެސް) އަށް ވިއްކާލީ އެވެ. އެތަނުގައި އޭނާ ހުންނަތާ އަހަރެއް ފަހުން އޭނާ އެޑޮޕްޓް ކޮށްގެން އެމެރިކާއަށް ގެންދިޔައީ އެވެ.
އަވިނާޝްގެ މައިންބަފައިންގެ ގާނޫނީވަކީލު ބުނި ގޮތުގައި އަވީނާޝް ހޯދަން އެމީހުން ވަނީ ވަރަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވެ އޮއްވާ އެމްއެމްއެސްގެ މައްސަލަތަކެއް އިންޑިއާގެ ސީބީއާއި އިން ބަލަމުން ދިޔައިރު އަވީނާޝް އެމެރިކާއަށް ގެންދިޔަކަން އެނގުނީ އެވެ.
ފަހުން އެމީހުން ވަނީ އަވީނާޝް އެޑޮޕްޓްކުރި ދެމަފިރިންނަށް ވެސް ސިޓީ ލިޔެ ކަންވީ ގޮތް ކިޔައިދީފަ އެވެ. ނަމަވެސް އަވީނާޝް އަށް 18 އަހަރު ފުރެންދެން މަޑު ކުރުމަށް އެމީހުން އެދުނެވެ. އަށާރަ އަހަރުވުމުން އެމީހުން ވަނީ އަވީނާޝް އަށް އޭނާ އަށް ދިމާވި ކަންތައްތައް ކިޔައިދިފަ އެވެ. އޭނާގެ އަސްލު މައިންބަފައިންނަކީ ކޮބައިކަން އެނގުމުން އަވީނާޝް އެމީހުންނާ ބައްދަލު ކުރަން ބޭނުން ވެގެން އިންޑިއާއަށް ދިޔައީ އެވެ.