ހޮލީވުޑް

އޭކަންގެ އާ ލަވަތަކެއް ނެރެފި

އޭކަންގެ އާ އަލްބަމް "ސްޓޭޑިއަމް" ގެ ފަސް ލަވައެއް އޭނާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އާންމުކޮށްފި އެވެ. އޭނާގެ މި އަލްބަމް ވެގެންދާނީ 2008 ވަނަ އަހަރަށް ފަހު ނެރޭ ފުރަތަމަ އަލްބަމަށެވެ.

"ސްޓޭޑިއަމް" އަކީ އާދައިގެ އަލްބަމެއް ނޫނެވެ. އޭކަން ބުނާ ގޮތުން މިއީ މިއުޒިކްގެ ފަސް ވައްތަރަކަށް ބަހާލައިގެން އުފައްދާފައިވާ "ފަސް އަލްބަމެވެ." އެގޮތުން މި އަލްބަމްގައި ޕޮޕް ޖޮންރާގެ ބަޔަކާއި އާބަން އަދި ވޯލްޑް އާއި ޔޫރޯގެ އިތުރުން އައިލެންޑް ޖޮންރާގެ ބައެއް ހިމެނެ އެވެ.

ވެބްސައިޓް މެދުވެރިކޮށް އާންމުކޮށްފައިވާ ފަސް ސިންގަލް އަކީ މި އިން ކޮންމެ ޖޮންރާއަކުން ހޮވާލާފައިވާ ލަވަތެކެވެ.

އޭކަންގެ މި އަލްބަމް މި ޖެނުއަރީ މަހު ނެރުމަށް ހަމަޖެހިފައިވިޔަސް ރަސްމީ ތާރީޚެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ. އެންމެފަހުން އޭނާ ނެރުނު އަލްބަމަކީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގެނެސްދިން "ފްރީޑޮމް" އެވެ.

"ސްޓޭޑިއަމް" ވެގެންދާނީ އޭނާގެ ހަތަރު ވަނަ ސްޓޫޑިއޯ އަލްބަމަށެވެ.

އޭކަން އަށް މިއުޒިކް ދުނިޔޭގެ ސަމާލުކަން ލިބުނީ 2004 ވަނަ އަހަރު ނެރުނު އޭނާގެ އަލަތު އަލްބަމް "ޓްރަބްލް" އާ އެކުގަ އެވެ. އޭނާ އަކީ ކާމިޔާބު ލަވަކިޔުންތެރިއެއްގެ އިތުރުން އެހާމެ ކާމިޔާބު މިއުޒިކް ޕްރޮޑިއުސަރެއް ވެސްމެ އެވެ.

އާ އަލްބަމަކާ އެކު އޭކަން އެނބުރި އަންނައިރު އޭނާގެ ހާއްސަ ޝޯއެއް ގަލޮޅު ރަސްމީ ދަނޑުގައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު އެބަ އޮތް ވެސް ހަނދާން ނައްތާލައިގެން ނުވާނެ އެވެ.