ކުޅިވަރު

ބްރެޒިލްގެ ތަރިން ރެއާލް އެއް ވަނައަށް ގެންގޮސްދީފި

ބްރެޒިލްގެ ޒުވާން ދެ ފޯވަޑުން ކާމިޔާބު ކުރި ލަނޑުތަކުން 2-0 ން އޮސަސޫނާ ބަލިކޮށް ރެއާލް މެޑްރިޑް ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރެއާލް އެއްވަނައިގައި އޮތީ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެނެވެ. އެތުލެޓިކޯ ވަނީ ރޭ މަޔޯރުކާ އާ ދެކޮޅަށް ކުޅުނު މެޗުން 2-0 މޮޅުވެފަ އެވެ.

އަމިއްލަ ދަނޑުގައި އޮސަސޫނާ އާ ދެކޮޅަށް ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ކާމިޔާބު ކޮށްދިނީ ބުރެޒިލްގެ ވިނީސިއުސް ޖޫނިއާ އާއި ރެއާލް މެޑްރިޑް ޖޯޒީގައި މުޅިން އަލަށް ކުޅެން ނުކުތް ރޮޑްރީގޯ ގޮއިސް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވިނީސިއުސް ލަނޑު ޖެހީ، ޓޮނީ ކްރޫޒް ދިން ބޯޅަ އޭރިއާގެ ބޭރުގައި ހުރެފައި ގޯލްގެ ތެރެއަށް ފޮނުވާލައިގެނެވެ. މިދިޔަ ސީޒަންގައި އުނދަގޫ ހާލަތެއްގައި އޮތް ރެއާލްގެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ވިނިސިއުސް މި ސީޒަންގައި ޖެހި ފުރަތަމަ ލަނޑަކީ ރޭގެ ލަނޑެވެ. އެ ލަނޑަށް ފަހު އޭނާ ވަނީ ވަރަށް ބޮޑަށް ސެލެބެރޭޓް ކޮށްފަ އެވެ. ލަނޑު ޖެހުމާއެކު އުފަލުން އޭނާގެ ލޮލުން އޮހުރުނީ ކަރުނަ އެވެ.

ރެއާލް ލީޑް ނެގުމުގެ ކުރިން، ލޫކަ ޔޯވިޗަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭނާ ރެއާލްއަށް ބަދަލުވި ފަހުން އަދި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވެ އެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފުގައި އޭނާ ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އެހެން ނަމަވެސް ވީއޭރު ޓެކްނޮލަޖީން ދެއްކީ ލަނޑު ޖެހުމުގެ ކުރިން އޭނާ އޮފްސައިޑްގައި ހުރި ކަމަށެވެ.

ރޮޑްރީގޯ ކުޅެން ނުކުތީ ވިނިސިއުސްގެ ބަދަލުގައި މެޗުގެ 71 ވަނަ މިނެޓްގަ އެވެ. ކުޅެން ނުކުތްތާ 90 ސިކުންތު ތެރޭގައި އޭނާ ވަނީ ރެއާލް އަށް މެޗުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިފަ އެވެ. ކެސެމީރޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ކެެސެމީރޯ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ގޯލް ތެރެއަށް ވައްދާލީ އޮސަސޫނާގެ ޑިފެންޑަރު ކަޓުވާލުމަށް ފަހު އެވެ.

މަޔޯރުކާ އާ ދެކޮޅަށް އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބު ކުރީ ޑިއޭގޯ ކޮސްޓާ އާއި ޒުވާން ފޯވަޑް ޔޯއަ ފެލިކްސް އެވެ. މެޗުގައި އެތލެޓިކޯގެ އަލްވާރޯ މޮރާޓާއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ މެޑްރިޑް ޑާބީގައި މޮރާާ އަށް ނުކުޅެވޭނެ އެވެ.