(24 ސެޕްޓެމްބަރ 2019 އާ ގުޅޭ)
"ބަލަ އަހަރެންގެ ދެލޮލަށް މިރޭ ފެނުނު ކަންކަން އެ މޭޒުދޮށުގައި ތިބި އެންމެންނަށް ވެސް ފެންނާނެކަން އެނގޭ... ދެން ވެސް ތިއަހަނީ ވީކީއްހޭ... ކަމެއްވިހޭ... ތިމަންނައަކަށް ނޭނގެޔޭ... ލިއަމް މިރޭ އަހަންނާއެކު އިނީ ހަމަހޭގަތަ؟" ހޭޒަލްގެ އަޑު ބާރުވިއެވެ.
"އަހަންނަށް ޒެއްލު ކިޔާ އެއްޗެއް ނޭނގެންޏާ ބުނާނީ ނޭނގެއޭ ދޯ... އަދިވެސް ތިހާ ރުޅިއެއް އައިސްގެން ތިއުޅެނީ ކީއްވެކަމެއް ނުބުނަމެންނު" ލިއަމް ބުންޏެވެ. އޭނާގެ ސިކުނޑީގައި ހިނގާ ޝުޢޫރުތަކެއް ނޭނގެއެވެ. މޫނުމަތިން ފާޅުވަނީ އޭނާ ހޭޒަލްއާ މެދު ސުވާލު އުފެދިފައި ހުރިހެންނެވެ. ހަޤީޤަތުގަ ވެސް އެ ވެގެން އުޅޭ ގޮތެއް ނޭނގޭ ކަހަލައެވެ.
"ދުނިޔެމަތީގަ ގޮތެއްފޮތެއްނެތް މީހުން އުޅޭކަން އެނގޭ... އަހަރެންގެ ހަޔާތުގަ ވެސް މިވަރުގެ ލަދުހަޔާތްކުޑަ މީހަކު ނުދެކެން" ދެބުމަގޮށްޖަހާލައިގެން ހުރެ ފަކުރުގަނެފަވާ މީހަކު ފަދައިން ހޭޒަލް ބުންޏެވެ.
"ކާކުތަ؟... ޒެއްލު ޕްލީޒް... ރީތިކޮށް ބުނެބަލަ" ލިއަމް އާދޭހުގެ ރާގެއްގަ ބުންޏެވެ.
"އެ އަލްމާ... މިހެން ބުނީމަ ވެސް ހިޔެއްނުވޭ ކަލެއަށް އެނގޭނެހެން، ކަލޭ ކުޅުދުށްފުއްޓަށް އައީމަ މިއޮއްބޮޑު ރަށުން ވެސް ކަލޭގެ ގާތް ރަޙުމަތްތެރިއަކަށްވި ޝިޔާނު... އަނތްބަކާއި ދަރީން ތިއްބަ ކަލޭ ގޮވައިގެން ހިލޭ އަންހެނެއްގެ ގާތަށް ވަންނަންދާ ޝިޔާނު... އެ ޝިޔާނު ހިތާވެގެން އުޅޭ ޔުސްރާގެ އެންމެ ގާތް މީހާ ކަމަށް ބުނާ އަލްމާ... މިހާރު އެނގިއްޖެތަ؟ ކޮން އަލްމާއެއްކަން އެނގިއްޖެތަ؟ އަދިވެސް ދައްކާ ވާހަކަ ސާފެއްނުވޭ ދޯ" ހޭޒަލް ބުންޏެވެ. ލިއަމް އަނގައިން ނުބުންޏެވެ. އޭނާއަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ހޭޒަލްއާއެކު މިހާ ދުވަހު އޭނާ އުޅުނުއިރު ދުވަހަކުވެސް މިނޫނީ ލިއަމްއާ ދިމާއަށް އޭނާ ކަލޭއޭ ކިޔާ މުޚާޠިބު ނުކުރެއެވެ. އަދި ކަމަކާ އެހާ ރުޅި އައިސްފަ ހުއްޓާ ވެސް ނުދެކެއެވެ.
"އަހަރެން މިރަށަށް އައީސުރެން އަލްމާގެ ހުރިހާކަމެއް ފާހަގަވޭ، އެއްޗެކޭ ނުބުނަން ވަރަށް ކެތްކޮށްފިން، ވަރަށް ގިނަ ގޮތްގޮތަށް އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނައިދިނިން، އެހެންވިޔަސް ދެން ހެޔޮ... އަހަންނަކަށް މިކަމެއް ހަޖަމެއްނުވާނެ... ލިއަމް ދުށީންތަ އަހަރެންގެ ރަޙުމަތްތެރިއަކު ދުވަހަކުވެސް ލިއަމްގެ ގަޔަށް ލޮލަށް ބޮލަށް އަރާތަން، ނޫނީ ފިރިހެނަކު އަހަރެންގެ ގަޔަށް އެގޮތަށް އަތްފޯރުވާތަން... މީހުންނާ ވާހަކަނުދައްކާ ގުޅުން ބަދަހި ނުކުރާށެކޭ އަހަރެން ނުބުނަން، އެކަމަކު މީހަކާ އިނުމުން އެކަންކަމަށް ވަކި އިމެއް އޮންނާނެ، ފެންނަ ކޮންމެ އަންހެނަކު އައިސް އަހަރެންގެ ފިރިމީހާގެ އުނގަށް އަރާ އިންނައިރު ވެސް އަހަރެން ހުންނަންވީ ލިއަމްހެން އެއްވެސް ކަމެއް ނޭނގޭކަމަށް ހަދާލައިގެން... އެއީ ދޯ ލިއަމް ބޭނުންވާ ގޮތަކީ... އެކަހަލަ ކަންކަމަށް ލިއަމް ޤަބޫލުވާނަމަ އަހަރެންގެ ފަރާތުން އެކަހަލަ ކަމެއް ފެނުނީމަ ވެސް ކެއްކޮށްލައިގެން ތި އަނގައިން ޗުއްޕު ވެސް ނުބުނެ މީގެ ފަހުން ހުންނަންޖެހޭނީ" ހޭޒަލް ބުންޏެވެ. ލިއަމް މާޔޫސްވިއެވެ. އޭނާ ކުރިއަށް ޖެހިލީ ހޭޒަލްގެ އަތުގައި ހިފާލާށެވެ.
"މިރޭ ވާވާރަށް ކަލޭގެ ގައިގާ އަންހެނަކު އުނގުޅިއްޖެ... ކޮންމެހެން އަހަރެންގެ ގައިގަ އަތްލަން އުޅޭނެކަމެއް" ހޭޒަލް ފަހަތަށް ޖެހިލުމާއެކު ހަޅޭލަވައިގަތެވެ.
"ޒެއްލު!... ބޭބީ ޕްލީޒް... އަލްމާއާ އަހަންނާ ދެމެދު ތިހީކުރާ ކަހަލަކަމެއް ނެތޭ، މިހާރު ތިހުރީ މާބޮޑަށް ރުޅިގަދަވެފަ، ޕްލީޒް ޒެއްލު، ރުޅިމަޑުކޮށްބަލަ... އަހަރެން ޒެއްލު ބުނާ ކޮންމެ ސުވާލަކަށް ޖަވާބުދޭނަމޭ، ޒެއްލުނޫން އެއްވެސް އަންހެނަކާ އެއްވެސް ގުޅުމެއް ނޯންނާނެ... ބޭބީ ޕްލީޒް ލިސެން" ލިއަމް ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.
"ކަމެއްނެތްނަމަ އަލްމާ އެހެން އުޅެންވީ ކީއްވެ؟ ތަނެއްގަ ފިރިހެނަކު ހުއްޓޭ ކިޔާފަ އެމީހެއްގެ ގައިގަ ތަތްވެގަންނާކަށް ނޫޅޭނެ އޭނާ ވެސް ފުރުޞަތު ނުދެންޏާ، އެހެންނޫނީ ޝީޔާނު ގަޔަށް ވެސް އަތްފޯރުވާންވީތާ... އަހަރެންގެ ލޮލުން ފެނުނު ކަންކަން ވެސް ދޮގުކުރަންތަ ލިއަމް ތިއުޅެނީ... އެ އަލްމާގަނޑު މިރޭ ހުރީ ވަކިން ހައްދުފަހަނައާޅާފަ، އަހަންނަށް އެނގޭ އޭނާ ގަސްދުގަކަން ލިއަމްގެ އުނގުމައްޗަށް ވެއްޓިގަތީ، އަނގައިން ދެބަސް ބުނަންވާއިރަށް އޭނާގެ އަތް އޮންނަނީ ލިއަމްގެ ގައިގަ... ދެން ކޮންހާ ސިއްރުވާހަކަތަކެއް ކަންފަތްދޮށުގަ ދައްކާކަށް، އެވަގުތު ވެސް ލިއަމްގެ ގައިގަ އޮޅުލައިގަނެގެން އުޅުންއިރު ހީވަނީ ކަލޭމެން ދެމީހުން ހިތާވެ ތަތްތެޅިގެން އުޅޭހެން، ކަލޭ ހަނދާން ހުރިތަ އެތަނުގައި ކަލޭގެ އަނބިމީހާ އިންކަން، އޭނާ ހިތްހަމަޖެހޭނެތޯ ނޫނީ ނުޖެހެނޭތޯ... އެންމެ ކުޑަމިނުން އެ ސުވާލު ހިތަށް އެރިތަ؟... އެ ލަދުހަޔާތްނެތް ގޮތްކުޑަ އަންހެންމީހާ އުނގުޅޭނެ ވަރަކަށް އުނގުޅެން ރުހި ޤަބޫލުވެގެން ކަލޭ އިނީ... ކަލޭ ކާއެއްޗެއް ނޫނީ އޭނާއަށް ކެވޭކަމަކަށްނުވި، ސަމްސަލުން އެކަކުއަނެކަކަށް ކާންދީ... އެވަރުން ވެސް މިބުނަނީ ވީ ކީއްހޭ؟ ކަމެއްވެއްޖެކަމެއް ނޭނގެޔޭ... އެހެންވެއޭ އަހަރެން އެހީ ކަލޭ އިނީ ހަމަހޭގަހޭ، މިރޭ ވަރަށް ހިތްހަމަޖެހިފަ ހުންނާނީ ކަލޭމެން ދެ މީހުން ވެސް" ހޭޒަލްގެ ރުޅި މަޑުވާގޮތެއް ނުވިއެވެ.
ލިއަމްއާ ގުޅިގެން އެފަދަ ވިޔާނުދާ ޚިޔާލުތަކެއް ދުވަހަކުވެސް ކުރަން ޖެހިދާނޭ ހޭޒަލް ހިޔެއްނުކުރެއެވެ. އަލްމާ ކަހަލަ ވިޔާނުދާ އަންހެނެއްގެ ޢަމަލުތައް ލިއަމްއަށް ފާހަގަނުވާންވީ ކީއްވެތޯ ހޭޒަލްގެ ޟަމީރާ ތަކުރާރުކޮށް އޭނާ ސުވާލުކުރިއެވެ. ނަމަވެސް އެ ސުވާލަށް ޖަވާބުދެވޭނީ ޚުދު ލިއަމްއަށްކަން އޭނާއަށް އެނގެއެވެ. ލިއަމް އިސްޖަހާލި ގޮތަށް ހުރީ ހިމޭނުންނެވެ. ހީވީ ހޭޒަލް ކިޔާނެ އެއްޗެއް ކިޔަން ފުރުޞަތު ދީގެން ހުރީހެންނެވެ. އޭނާ ވާހަކަދެއްކީ ހޭޒަލް ހުއްޓާލުމުންނެވެ.
"ޒެއްލުނޫން އެއްވެސް އަންހެނަކާ މެދު އަހަރެން ނުވިސްނަމޭ އަބަދުވެސް ބުނަން، އަލްމާ އެއީ ކާކުތަ؟... އަހަރެން އޭނާއާ ގުޅުމެއް ބާއްވަންވީ ކީއްކުރަން، އަހަރެން ހީކުރީ އެއީ އޭނާ އުޅޭގޮތް ކަމަށް، ޕްލީޒް ބޭބީ... އަލްމާއާ އެއްވެސް ގުޅުމެއްނެތޭ، އޭނާއަކީ މީހަކާ އިނދެގެން ދަރިއަކު ވެސް ހުންނަ މީހެއް، އަހަރެން...." ލިއަމްގެ ވާހަކަ ފުރިހަމަ ނުވަނީސް ހޭޒަލް ވާހަކަދެއްކިއެވެ.
"މީހަކާއިނދެގެން އުޅެންޏާ ހިލޭ ފިރިހެނަކާ އެހާ ގާތްވެގެން ނުވާނެއެއްނު... އެވަރު ވެސް ލިއަމްއަށް ނުވިސްނުނީ، އޭނާ މީހަކާ އިނދެގެން ހުރިކަން އެނގޭ، އެކަމަކު އަންހެނަކަށްވީމަ ހުއްޓުވަން ހިތަށް ނޭރީ ދޯ... ކޮންމެ ގޮތަކަށް ހުއްޓަސް އަންހެނެއްވިއްޔާ ވަރިހަމަވިއްޔަ" ހޭޒަލް ބުންޏެވެ. ލިއަމްއަށް ނުރުހުމުގެ އަޑެއް ލައްވާލެވުނެވެ. ހޭޒަލް މިވަގުތު އޭނާ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާނޭކަން އެނގުނެވެ. އިތުރު ވާހަކައެއް ނުދައްކާ އޭނާ ހީމެންވީ އެހެންވެއެވެ. މަޑުން މަޑުން އައިސް ސޯފާގައި ލިއަމް އިށީނެވެ. އޭނާއަށް ބަލަން ހޭޒަލް ހުއްޓެވެ. ލިއަމް ހިމޭންވުމުން ވެސް ހޭޒަލްއަށް ކަމަކު ނުދިޔައެވެ. އޭނާގެ ރުޅި ހައްތަހާވީ ގަދައެވެ. ދަތްކުނޑިވިކާލެވުމާއެކު ދެއަތް އުރާލައިގެން ހޭޒަލް ހުރީ ލިއަމްއަށް ކަޅިއަޅައިގެންނެވެ. އޭނާގެ ފަރާތުން އިޝާރާތެއް ވާނެކަމަށެވެ. ނަމަވެސް ލިއަމް ދެކަކުކުލުގައި އުޅަންބޮށިކޮޅު ވިއްދާލައި ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވާލީއެވެ. ތުންއަނބުރާލުމާއެކު ހޭޒަލް ފައިން ތަޅުންމަތީ ޖަހާލިއެވެ. އަދި އެނބުރި ކޮޓަރިއަށް އޭނާ ގޮސްވަނީއެވެ. ލިއަމް ދެއަތުގެ ތެރެއިން މޫނު ހިއްލާލައި ބަލާލިއެވެ. ހޭޒަލް ނެތުމުން އޭނާ ފިނިނޭވާއެއް ދޫކޮށްލިއެވެ. އަދި ދެފަރާތަށް މަޑުމަޑުން ބޯހޫރުވާލެވުނީ ލިބުނު ނުތަވަސްކަމެއްގެ ބޮޑުކަމުންނެވެ.
"ޝިޓް..." ލިއަމްއަށް މަޑުމަޑުން ބުނެލެވުނެވެ. އަދި މޫނުގައި ދެއަތްތިލަ ހާކާލާފައި ސޯފާއަށް ހަށިގަނޑު ދޫކޮށްލަމުން ކަނދުރާގައި ޖޯޑުކޮށްލެވިފައިވާ ދެއަތްތިލަ އަޅުވާލިއެވެ. އޭނާ ވިސްނަމުންދިޔައީ ހޭޒަލް ރުއްސާނޭ ގޮތަކާމެދުއެވެ. ހޭޒަލް އެ ދެއްކި ވާހަކައެއް އެ ދެއްކީ އޭނާއަށް އެކަމުން ވަރަށް ބޮޑު އަސަރުތަކެއްކޮށްގެންކަން ލިއަމްއަށް ވެސް އެނގެއެވެ. ވީއިރު ހޭޒަލްއާ ވާހަކަދައްކަން ޖެހޭނީ ވަރަށް ވިސްނައިގެންކަން ލިއަމްއަށް އެނގެއެވެ.
ކޮޓަރިތެރޭ ދެކޮޅަށް ހިނގަހިނގާ ހުރި ހޭޒަލް ދެއަތުން ލޯ ފުހުނެވެ. އޭނާ ރުޅިގަދަވެގެން ގޮސް ރޮވެނީއެވެ. އޭނާގެ ހިތުގައި ލިއަމްއާ މެދު އޮތީ އެންމެ ޝަކުވާއެކެވެ. އަލްމާއަކީ އެއްވެސް މީހަކަށް ނުވާއިރު އޭނާގެ ޢަމަލުތައް ލިއަމް ނުހުއްޓުވީ ކީއްވެ ހެއްޔެވެ. ލިއަމްއާމެދު ދުވަހަކުވެސް ޝައްކުކުރާކަށް ހޭޒަލް ބޭނުމެއްނޫނެވެ. އެފަދަ ފުރުޞަތެއް ވެސް މިހާތަނަށް ލިއަމް ނުދެއެވެ. އޭނާގެ ވާހަކަ ޤަބޫލުކުރަން ހޭޒަލް ބޭނުންވެއެވެ. ނަމަވެސް ހިތަށް އުނދަގޫވަނީއެވެ. ލިއަމްއަކީ އޭނާގެ ހައްޤަކަށްވާއިރު ހިލޭ އަންހެނަކު އޭނާގެ ފިރިމީހާއާ އެހާ ގާތްވެގެން އުޅޭތަން ދުށުމަށް ކެތްކުރާނޭ ގޮތެއް ނޭނގެއެވެ. މަޑުންމަޑުން އައިސް އެނދުގައި ހޭޒަލް އޮށޯތެވެ. ބޮލާއެކު ރަޖާއަޅާލުމާއެކު މޫނުގައި ދެއަތް އަޅައިގެން އޮވެ އޭނާއަށް ބާރަށް ރޮވިއްޖެއެވެ. ވަހުމްތައް ހިތާއި ސިކުނޑި ކަމުންދިޔައިރު ޚިޔާލަށް އަންނަނީ ލިއަމްއާއި އަލްމާގެ ހުތުރުހާ މަންޒަރުތަކެވެ. އެ ޚިޔާލުތައް ހާވިޔާވޭތޯ އެތައް ފަހަރަކު ހޭޒަލް ބޯހޫރުވިއެވެ.
ކޮޓަރިތެރޭގައި ހުރި އޭސީއިން މަޑު ބޫން އަޑެއް އިވިއިވި ހުއްޓެވެ. އެނޫނީ އިވެނީ ދޭތެރެއަކުން ހޭޒަލް ނޭފަތް ދަމާލާ އަޑެވެ. ކަރުނައިގެ ސިފައިގަ ހިތުގެ އުދާސްތައް ބޭރުކޮށްލެވުމުން ހޭޒަލް އައިސްފަ ހުރި ގަދަ ރުޅި ވަނީ މަޑުވެފައެވެ. ހިސާބަކަށް މީހާ ހަމައަކަށް އެޅިފައެވެ. ގަޑިން ވީއިރަކާއި ލިއަމްވީ ތަނެއް ބަލާލަން ހޭޒަލް ހިތަށް އެރިއެވެ. ބޮލާއެކު އަޅާފައި އޮތް ރަޖާ ހޭޒަލް ހިއްލާލީ ދެނެވެ. އެހިނދު އޭނާގެ މަގަތުގައި އެނދުކައިރީ ކާޕެޓުމަތީ އިށީނދެ އިން ލިއަމް ފެނުނެވެ. ހޭޒަލްގެ ފުށުން ހިލަމެއް ވެގެން ލިއަމް ވެސް އެނދުމަތީ ދަމާލައިފަ އޮތް އަތްމަތިން ބޯހިއްލާލާ ބަލާލިއެވެ. ލިއަމްގެ ލޮލުން އޭނާ ރޮއިފަ ހުރިކަމުގެ އަސަރު ހޭޒަލްއަށް ފެނުނެވެ. ހޭޒަލްގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ނަމަވެސް ހިތްހަރުކޮށްލާފައި އޭނާގެ މޫނު ލިއަމްއާ ދުރަށް އަނބުރާލިއެވެ.
"ޒެއްލު ޕްލީޒް... ޒެއްލު ދެރަވެގެން އުޅޭތަން ދުށުމަށް އަހަންނަށް ކެތެއްނުވާނެ، ޕްލީޒް... އައި އޭމް ސޮރީ... އައި އޭމް ސޯ ސޮރީ ބޭބީ، ޕްލީޒް... އަލްމާއާ އެއްވެސް ގުޅެއްމެއްނެތް، ގޯޑް ޕްރޮމިސް... ﷲ ގަންދީ ހުވާކުރަން، ޒެއްލުނޫން އަންހެނަކާ އަހަރެން ގާތެއްނުވާނަން، އައި ލަވް ޔޫ ސޯ މަޗް، އަހަރެން ލޯބިވާ މީހަކީ ތީ، ޔޫ އާ މައި އެވްރިތިންގް، ޕްލީޒް ބޭބް... ޕްލީޒް..." ލިއަމްގެ އަޑުވަނީ ކުރެހިފައެވެ. އޭނާ ހޭޒަލްގެ ގާތަށް އައީ ކޮންއިރަކު ކަމެއް ވެސް ނޭނގެއެވެ. ލިއަމްގެ ވާހަކަތަކުން ހޭޒަލް މަޑުމަޑުން އޭނާއާ ދިމާއަށް އެނބުރިލިއެވެ. އަދި އެނދުން ތެދުވެ އިށީނެވެ. ހޭޒަލްގެ ދެއަތްތިލައިގަ ހިފާލުމާއެކު އޭނާގެ ދެކަކުލާ ދިމާގަ ލިއަމްގެ ނިތް ޖައްސާލިއެވެ.
"ލިއަމް ކީއްވެ އޭނާ ނުހުއްޓުވީ، ތީ ވެސް މީހެއްގެ ފިރިއެއް، އެއީ މީހެއްގެ އަނތްބެއް، އޭނާއާ އެއް ދަރަޖައަކަށް ލިއަމް ވެއްޓެންވީ ކީއްވެ، ލިއަމްއަށް އެނގެއެއްނު އަހަރެން ލިއަމްއަށް ޓްރަސްޓު ކުރާވަރު، މިނޫނީ ދުވަހަކުވެސް އަހަރެން މިކަހަލަ ޝަކުވާއެއް ލިއަމްއާ ކުރިންތަ؟... އެއްވެސް ކަމަކާ ޝައްކުކުރިންތަ؟... ލިއަމް ޖެހޭނެއެއްނު އަލްމާ އެހެންއުޅުނަސް އޭނާގެ އެކްޝަން ހުއްޓުވަން" ހޭޒަލްއަށް ވެސް ރޮވެނީއެވެ.
"އައި ނޯ ބޭބީ... ޔޫ އާ ރައިޓް... އައި އޭމް ސޮރީ... އަހަރެން ޖެހޭނެ އޭނާ ހުއްޓުވަން... ޔޫ އާ ރައިޓް... ދެން ނުވާނެ އެހެން، ޕްރޮމިސް... އަހަރެން އޭނާ އަތްލާކަށް ފުރުޞަތެއް ނުދޭނަން، އަހަންނަކީ ހަމައެކަނި ޒެއްލުގެ މީހެއް، އެންޑް ޔޫ އާ މައި އެވްރިތިންގް، ޒެއްލު ގެއްލޭވަރުކަމެއް އަހަރެން ނުކުރާނަން.... ދުވަހަކުވެސް ނުކުރާނަން، އައި އޭމް ސޮރީ ބޭބީ... ޕްލީޒް... މަޢާފްކުރޭ..." ލިއަމްގެ ލޮލުން ފައިބާ ކަރުނުން އޭނާގެ ކޯތާފަތް ވެސް ތެމިއްޖެއެވެ.
"އަލްމާއަކީ ރަނގަޅު އަންހެނެއްނޫން، ރަނގަޅު އަންހެނުންނެއް އެގޮތަކަށް ނޫޅޭނެ، ތި ދެމެދުގައި ގުޅުމެއްނެތްނަމަ އޭނާ އެ އުޅެނީ ލިއަމްއާ އަޅައިގަނެގެން، އަހަރެމެން ދެމެދަށް އޭނާ ވަންނަން ފުރުޞަތު ލިބޭނީ އެ ފުރުޞަތު ލިއަމް ދިނިއްޔާ، އެކަހަލަ ކަމެއް ވެއްޖެނަމަ، އެ ދުވަހަކުން އަހަރެން ލިއަމްދެކެ ކިތަންމެ ލޯބިވިޔަސް ނުހުންނާނަން، އަހަންނަށް ޔަގީންކަން އެބައޮތް އަހަރެންގެ ފަރާތުން ލިއަމްއަށް އެފަދަ މަންޒަރެއް ދުވަހަކުވެސް ނުފެންނާނޭކަން" ހޭޒަލްގެ ކަނާއަތްތިލަ ނަގައި ލިއަމްގެ ބޮލުގައި ފިރުމާލިއެވެ.
"އަހަންނަށް މަޢާފުކޮށްދީ... އަހަރެން ދެން އެވަރު ވިސްނައިގެން އުޅޭނީ... މި ދެމެދަށް އެކަކަށް ވެސް ނުވަދެވޭނެ، އެ ފުރުޞަތެއް އަހަރެން ނުދޭނަން، އަހަރެންގެ މުޅި ދިރިއުޅުން ޒެއްލުއަކީ، ޕްލީޒް، ދެން ނުރޮއެ، އަހަންނަށް ހެދުނު މިސްޓޭކެއް އެއީ އޭނާގެ ކަންކަން އަޅާނުލާ ދޫކޮށްލެވުން... އައި ޕްރޮމިސް ޒެއްލު، ދެން އެހެނެއްނުވާނެ... ބްލީވް މީ" ލިއަމް އިސްއުފުލާލައި ހޭޒަލްގެ ކޯތާފަތް ދެއަތުން ފުހެލަ ދިނެވެ. އޭނާ ދެއްކި ވާހަކައަށް ހޭޒަލް ބޯޖަހާލިއެވެ.
"ލިއަމްގެ ބަހުގައި ހިފެހެއްޓެނީ ކިހާ ދުވަހަކުތޯ އަހަރެން ބަލާނަން، ކިތަންމެ ފަހަރަކު އަހަރެން ބުނިން، އަންހެނުން ނިކަން ފާޑެއްވާނޭ... ލިއަމް އެއްޗެއް ހީނުކުރިޔަސް ލިއަމް އޯކޭވެފަ އެމީހުންގެ ސަކަރާތުގައި ބައިވެރިވާނަމަ އެމީހުންނަށް ހީވެދާނޭ ލިއަމް ފުރުޞަތު ދެނިއްޔޭ، ސަމާސާ ކުރުމުގަ ވެސް ހައްދެއް އޮންނަންވާނެ، އަހަރެން އެއްގޮތަކަށް ވެސް ލައިކެއްނުވޭ ތި ޝިޔާނާއި ޔުސްރާމެންނަކާ، އެމީހުންގެ އުޅުން ހުރި ގޮތް އެހުރީ، ވީއިރު އެމީހުންގެ ރަޙުމަތްތެރިއެއްގެ ކޮންއުޅުމެއް ހުންނާނީ..." ހޭޒަލް ބުންޏެވެ. ލިއަމް އޭނާގެ ކޮންމެ ވާހަކައަކަށް ބޯޖަހަމުން ދިޔައީ ހޭޒަލް ދައްކާ ހުރިހާ ވާހަކައެއް އޭނާ ޤަބޫލުކުރަމޭ ބުނާ ފަދައިންނެވެ.
ހޭޒަލް ގޮވައިގެން ލިއަމް އެނދުގައި އޮށޯތެވެ. އެއަތުގެ ތެރޭގައި އަނބިމީހާ ގާތްކޮށްލައިގެން ލިއަމް އޮތެވެ. ދެ މީހުންކުރެ އެކަކުގެ ލޮލުގައި ވެސް ނިދީގެ އަސަރެއް ނެތެވެ. ފާޅުވާން ހުރީ ކަރުނައިގެ ތެތްކަމެވެ.
"ޔޫ ހާޓް މީ ލިއަމް... ފޯ ދި ފަސްޓް ޓައިމް އިން އަވާ ލައިފް ޔޫ ހާޓް މީ، އައި ވިލް ނެވާ ފޮގެޓް" ލިއަމްގެ މޭގައި މޫނު ޖައްސާލައިގެން އޮވެ މަޑުމަޑުން ހޭޒަލް ބުންޏެވެ.
"އައި އޭމް ރިއަލީ ސޮރީ... ގަސްދުގައެއްނޫން، ދެން ދުވަހަކުވެސް އެވަރުގެ ކަމެއްނުވާނެ، އަހަރެން އުޅޭނީ ބަލައިގެން" ހޭޒަލްގެ ބޮލުގައި ލިއަމް ތުންފަތް ޖައްސާލައި ބޮސްދިނެވެ.
* * * * *
ނިދިފައި އޮތް ލިއަމްއަށް ހޭލެވުމުން އުޅާހަށް ދެމެމުން އެނދުމަތީ ފެތުރިލިއެވެ. ހޭޒަލް އެނދުގައި ނެތްކަން އެނގުނީ ދެނެވެ. ފާޚާނާއާ ދިމާއަށް ލޯ ދަތުރުކޮށްލިއެވެ. ބޮކި ނިވާލާފައިކަން ހުރީ ސުވިޗު ބޯޑުން އެނގުނެވެ. ފުންމައިގެން އެނދުން ތެދުވި ގޮތަށް ލައިގެން ހުރި ބޮކްސާ ކޮޅުގައި ލިއަމް ކޮޓަރިން ނުކުމެއްޖެއެވެ. ސިޓިންރޫމުގެ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކަހާލާފައި ހުރިތަން ފެނުނެވެ. އެވަގުތު އެއްޗެއް ފޮޅާލި އަޑުއިވުނީ ބަދިގެ ފަރާތުންނެވެ. ލިއަމް އެދިމާއަށް އައެވެ. ބިއްދޮށަށް ހުންނަ ބެލްކަންޏަށް ނުކުންނަ ދޮރު ހުޅުވާލާފައި ހުރިއިރު އެ ހިސާބަށް ލިއަމްއަށް އާދެވެންވީ އިރަށް ހޭޒަލް ފެނިއްޖެއެވެ. އޭނާ އެއްޗެހި ދޮވެ ހިއްކަން އަޅާނީއެވެ.
"ތި ހޭލީތަ؟" ހޭޒަލްއަށް ލިއަމް ފެނުމުން އަހާލިއެވެ. ލިއަމް ހޫނލައްވާލުމާއެކު ފަރުވާތެރިކަމާއެކު ހޭޒަލްއަށް ބަލާލިއެވެ. ރޭގައި ހިނގައިދިޔަ ކަންތައްތައް މަތިން ލިއަމް ހަނދާނެއްނުނެތެއެވެ. ހޭޒަލް އަދިވެސް މުޅިއަކުން އެއްކޮށް ހަމައަކަށް ނޭޅޭހެން ލިއަމްއަށް ހީވިއެވެ. ޢާންމުކޮށް ހޭޒަލްއަށް ލިއަމް ފެނުމުން ފާޅުވާ އުފާވެރި ކަމެއް އެ މޫނާއި ހަރަކާތްތަކުގައި ނެތެވެ. ލިއަމްގެ ހިތަށް ތަދުވިއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. ހޭޒަލްއާ ވަކިވާކަށް އޭނާ ބޭނުމެއްނެތޭ ބުނީ އެއީ ހަޤީޤަތް ވީމައެވެ. އޭނާ އެންމެ ލޯބިވާ މީހަކީ ހޭޒަލްއެވެ. ހޭޒަލް ދެރަވެފައި ހުންނާކަށް ވެސް ބޭނުމެއްނޫނެވެ. އެހެންވިޔަސް ކުށެއްކުރެވިއްޖެކަމުގެ އިޚްސާސް އޭނާގެ ޟަމީރު ތަކުރާރުކޮށް ހަނދާންކޮށްދެމުންދިޔައެވެ. ނިތްކުރީގައި އިނގިލިތަކުގެ ކުރިން ފިރުމާލެވުނީ މަޑު ރިހުމެއް އުފެދެމުން އައީމައެވެ.
"ކާއެއްޗެއް ހަދައިދެންވީތަ؟" ލިއަމް އިސްޖެހިފައި ތަޅުމަށް ނަޒަރު ހުއްޓާލައިގެން ހުރިތަން ފެނި ހޭޒަލް އަހާލިއެވެ.
"ޒެއްލު ކައިފިންތަ؟ ގަޑިން ކިހާއިރެއް ވެގެން އެއުޅެނީ" ލިއަމް އަހާލިއެވެ.
"މެންދުރުވެއްޖެ... އަހަރެން ކޮފީއެއް ބޯލައިގެން މިހުރީ، ބަނޑުހައެއްނޫން" ހޭޒަލް ބުންޏެވެ. ހިސާބެއްގެ ދުރުކަމެއް އިޙްސާސްވުމުން ލިއަމްއަށް ދުރަކު ނުހުރެވުނެވެ. އުސް އޮޅި ގިރާކޮށް ބެލްކަންޏަށް ލިއަމް ނުކުތެވެ. އަދި ހޭޒަލްގެ އަތުގައި ހިފާ ގާތަށް ދަމާލުމާއެކު ބައްދާލިއެވެ. ލޯބިން ހޭޒަލްގެ ކޯތާފަތުގައި ބޮސްދިނެވެ.
"ހިނގާ ބޭރަށް ކާންދާން، ދެމީހުން އެކަނި" ލިއަމް ބުންޏެވެ. ހޭޒަލް ބޯޖަހާލީއެވެ.
"ޒެއްލު ރެޑީވެލާ، އަހަރެން ފެންވަރައިގެން މިނިކުންނަނީ" ލިއަމް ބުންޏެވެ. އަދި އަވަސް އަވަހަށް އޭނާ އެނބުރި ދިޔައީ ފެންވަރާށެވެ. ލިއަމް ދިޔަ ދިމާއަށް ހޭޒަލްއަށް ބަލަން ހުރެވުނެވެ. ދޮވެފައި ހުރި އެއްޗެހި ހިއްކަން އަޅާ ނިމިފައި ހުރުމުން ހޭޒަލް ވެސް ހިނގައިގަތީ ކޮޓަރިއަށް ދާށެވެ.
ކެފޭއަކުން ކައިގެން ލިއަމްއާއި ހޭޒަލް އައީ ގެއާ ދިމާއަށެވެ. ފޯނުކޯލެއް އަންނާތީ އަޅާނުލާން ލިއަމް އިނެއް ކަމަކު ހޭޒަލް ބުނުމުން ސައިކަލު އެއްފަރާތެއްގަ މަޑުކޮށްލާ ލިއަމް ފޯނު ނެގިއެވެ. ގުޅަނީ ޝިޔާނުކަން އެނގި ލިއަމް ކުޑަކޮށް އެނބުރިލާ ހޭޒަލްއަށް ބަލާލިއެވެ.
"ޝިޔާނު... އެކޮޅަށް އަންނާށޭ ބުނަންވެގެން ކަންނޭނގެ އެގުޅަނީ" ލިއަމް ބުންޏެވެ.
"ކީއްވެ ނުދާންވީ... ހަމަދާންވީ..." ހޭޒަލް ބުނެލިއެވެ.
"ޒެއްލު!... އަލްމާ..." ލިއަމް ބުނަން އުޅުނު އެއްޗެއް ހޭޒަލް ދެނެގަތެވެ.
"ހިނގާ ދާން... އަހަރެން އޯކޭ، އަހަރެން ބުނަންވީ އެއްޗެއް ރޭގަ ލިއަމް ގާތު ބުނެފިން، މިހާރު ދެން ނުގޮސް ހުރުމުގެ ބޭނުމެއްނެތް" ހޭޒަލް ބުންޏެވެ.
ޝިޔާނުގެ ކޯލު ލިއަމް ނެގިއެވެ. ޝިޔާނު ގުޅީ ޔުސްރާ ބުނެގެންނެވެ. އަލްމާމެންގޭގައި މަޖާ ހަދާތީ ހޭޒަލް ގޮވައިގެން އަންނާށޭ ބުނުމަށެވެ. ލިއަމް ކޯލު ނިންމާލާފައި ޝިޔާނު ދެއްކި ވާހަކަތައް ހޭޒަލްއަށް ކިޔައިދިނެވެ. ދެން ވެސް ހޭޒަލް ބުނީ އެގެއަށް ދާންވީ ކަމަށެވެ. އެހާ ގަޔާނުވި ނަމަވެސް ލިއަމް ސައިކަލު ދުއްވާލިއެވެ.
(ނުނިމޭ)