ހަބަރު

ބިން ހުސްކޮށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ނިއުޕޯޓަށް ޖެހިއްޖެ

Sep 26, 2019
1

ނިއު ޕޯޓް ވިއު ހިންގަމުން ގެންދިޔަ ބިމަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ބްރިޖްގެ މަސައްކަތްތައް ނިމެންދެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލައި އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުކޮށްފައި ވަނީ ސްޓާރާޑާ ކުންފުންޏާ އެވެ. އެކުންފުންޏާއި ހަވާލުކުރީ ތިން އަހަރަށެވެ. ނަމަވެސް ފަހުން ވަނީ އެ މުއްދަތު އަށް އަހަރަށް އިތުރުކޮށްފަ އެވެ.

ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދިޔުމުގެ ސަބަބުން، މިދިޔަ މާޗް މަހު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ. ނަމަވެސް، އޭގެ ފަހުން ވެސް އެ ބިން ސްޓާރާޑާ ކުންފުންނިން ބޭނުންކޮށްފައިވާކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި، އެކަމަށް އަރާފައިވާ ޖޫރިމަނާގެ އިތުރުން ބަދަލު ނަގައިދިނުމަށްއެދި ޕްލޭނިންގް މިނިސްޓްރީން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި މިއަދު ސްޓާރާޑާ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ބިން ހަވާލުކޮށް، ކުއްޔާއި، ޖޫރިމަނާގެ އިތުރުން ބަދަލުގެ ގޮތުގައި ޖުމްލަ 1،149،271 ރުފިޔާ ދައުލަތަށް ދެއްކުމަށެވެ.

އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށްވެސް ނިއުޕޯޓް ހިންގާ ސްޓްރާޑާ ކުންފުނީގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.