ހަބަރު

ވާދީގެ މެނޭޖަރަކު ބޭނުންކުރި 12.9 މިލިއަން ރުފިޔާ ވާދީއަށް ދައްކަން ހުކުމްކޮށްފި

Oct 23, 2020
2

ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑްގެ "ވާދީ ހާޑްވެއާ 1" ގެ އިސް ވަޒީފާއެއް އަދާކުރި މީހަކު ވާދީ ޓްރޭޑާސްގެ ފައިސާގައި ޖެހި، ބޭނުން ކޮށްފައިވާ ކަމަށް ޝަރީއަތަށް ސާބިތުވެ، 12،949،774.41 ރުފިޔާ ދައްކަން ސިވިލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފި އެވެ.

ދަށު ކޯޓުގެ މި ނިޔާ އައީ މަޝްހޫރު ވިޔަފާރިވެރިޔާ މ. ވާދީރޯސް، މުހައްމަދު އަހުމަދު ދީދީ (ވާދީ މުހައްމައިދީ) ގެ ހާޑްވެއާ ފިހާރަ، "ވާދީ ހާޑްވެއާ 1" މެނޭޖަރެއްގެ ވަޒީފާ އަދާކުރި ފުވައްމުލަކު ސިޓީގެ ދޫޑިގަން އަވަށު، ނިޔާ / ނިޒާރު އަހުމަދުގެ މައްޗަށެވެ.

ވާދީ ޓްރޭޑާސް އިން ނިޒާރުގެ މައްޗަށް މި ދައުވާ ސިވިލް ކޯޓްގައި އުފުލީ "ވާދީ ހާޑްވެއާ 1" ގެ މެނޭޖަރަކަށް ނިޒާރު ހުރެ، އޭނާ ސޮއިކޮށްފައިވާ ފެންނަން އޮތް 112 ޕޭމަންޓް ވައުޗަރަކުން ވާދީ ޓްރޭޑާސް ފައިސާއިން 20،886،828.16 ރުފިޔާ، ދިގު މުއްދަތެއްގައި އޭނާ ބޭނުން ކުރުމުން ވާދީ ޓްރޭޑާސްއަށް ލިބުނު ގެއްލުމުގެ ބަދަލަށް އެެ ފައިސާގެ 30 ޕަސެންޓަށްވާ 6،266،048.44 ރުފިޔާ އާއި މައްސަލައިގެ ޝަރީއަތުގައި ވަކީލު ފީއަށް ދޭން ކަނޑައަޅާ 15 ޕަސެންޓަށްވާ 3،133،024.22 ރުފިޔާއައެކު ޖުމްލަ 30،285،900.82 ރުފިޔާ ޝަރީއަތް މެދުވެރިކޮށް ނަގައި ދިނުމަށް އެދި އެވެ.

މި މައްސަލާގައި ވާދީ މުހައްމައިދީގެ ވާދީ ޓްރޭޑާސް އިން ދައުވާ އުފުލީ ޖޫން 26، 2019 އިގަ އެވެ. ސިވިލް ކޯޓަށް އެ ދައުވާ ވެއްދުމުން އެ މައްސަލައިގެ މައްޗަށް ޝަރީއަތް ހިންގައި މިދިއަ އަންގާރަ ދުވަހު ގާޒީ އަލީ ނަސީރު ވަނީ ހުކުމް ކުރައްވާފަ އެވެ.

ގާޒީ އަލީ ނަސީރު އިއްވެވި ހުކުމުގައި ބުނަނީ ވާދީ މުހައްމައިދީގެ "ވާދީ ހާޑްވެއާ 1" ގެ މެނޭޖަރަކަށް ނިޒާރު ހުރެ، ވާދީ ޓްރޭޑާސްގެ ފައިސާ އޭނާ ބޭނުން ކޮށްފައިވާ ކަމަށް ފެންނަން ހުރި ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި ނިޒާރުގެ އަތުން އެ ފައިސާ ހޯދަން ވާދީ ޓްރޭޑާސް އިން ކުރި ދައުވާ ސާބިތު ކުރަން ހުށަހެޅި ލިޔުންތަކުގެ ތެރޭ 101 ޕޭމަންޓް ވައުޗަރެއް ހިމެނޭ ކަމަށެވެ.

އެ ޕޭމަންޓް ވައުޗަރުތަކުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ 12،949،774.41 ރުފިޔާ އަކީ ވާދީ ޓްރޭޑާސްގެ ނަމުގައި ދިވެހި ބޭންކް، ބޭންކް އޮފް މޯލްޑިވްސް އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ބްރާންޗާއި މޮރިޝަސް ބޭންކްގެ މާލޭ ގޮތްޕާއި ހޮންކޮންްގް އެންޑް ޝަންހާއީ ބޭންކް ކޯޕަރޭޝަން ލިމިޓެޑް (އެޗްއެސްބީސީ) ގައި ހުޅުވާފައިވާ ވާދީ ޓްރޭޑާސްގެ އެކައުންޓްތަކުން ދޫކޮށްފައިވާ ފައިސާކަން އެނގޭ ކަމަށެވެ.

ޝަރީއަތަށް ހުށަހެޅި އެ ޕޭމަންޓް ވައުޗަރުތަކަށް ބެލި އިރު ނިޒާރު ސޮއިކޮށް ދޫ ކޮށްފައިވާ ފައިސާއަކީ އޭނާގެ ނަމުގައި ހިފާފައިވާ ތަންތަނުގެ ކުއްޔާއި އެޑްވާންސް ފައިސާ އާއި އެތަންތަން އިމާރާތް ކުރުން ފަދަ ކަންކަމަށާއި އެނޫން ވެސް އެފަދަ އެކި ކަންކަމަށް ނިޒާރުގެ ނަމުގައި އެކި ފަރާތްތަކަށް އޭނާ ދޫކޮށްފައިވާ ފައިސާކަން ވައުޗަރުތަކުންނާއި އެހެން ލިޔެކިޔުންތަކުން އެނގޭ އިރު އެ ފައިސާ ނިޒާރުގެ ބޭނުމަށް ހަރަދު ކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ލިބިގެން ވާކަން ޝަރީއަތަށް ސާބިތުކޮށް ދެވޭނެ ކާފީ އެއްވެސް ހެއްކެއް ނިޒާރަށް ދެއްކިފައި ނުވާ ކަމަށް ވެސް ހުކުމުގައި ބުނެ އެވެ.

ބައްތިރީސް ފޮޅުވަތުގެ ހުކުމްުގައި ދެން ބުނެފައި ވަނީ ވާދީ ޓްރޭޑާސްްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކުން ނިޒާރު ދޫކޮށްފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ 12،949،774.41 ރުފިޔާ އަކީ ނިޒާރު ވާދީ ޓްރޭޑާސްއަށް ދައްކަން ޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ޝަރިއަތަށް ސާބިތުވާތީ އެ ފައިސާ އޮކްޓޫބަރު 20، 2020 އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭ އަދަދު ސިވިލް ކޯޓާ ހަވާލުކޮށް، 12،949،774.41 ރުފިޔާ އެކަށް ވާދީ މުހައްމައިދީގެ ވާދީ ޓްރޭޑާސްއަށް ދައްކާ ހަލާސް ކުރަން އަންގާ ކަމަށެވެ.

މި ގޮތަށް މި ހުކުމް ކޮށްފައިވާއިރު އެ ދައުވާ ވާދީ މުހައްމަދީގެ ފަރާތުން ހިމަނާފައިވާ ވަކީލު ފީގެ އަދަދު ކަމަށް ކަނޑައަޅާފައިވާ 3،133،024.22 ރުފިޔާ އާއި ނިޒާރު، އެ ފައިސާގައި ޖެހުމުގެ ސަބަބުންވި ގެއްލުމުގެ ބަދަލަށް ނަގައިދޭން އެދުނު 6،266،048.44 ރުފިޔާ ޝަރީއަތުން ނަގައިދެވެން ނެތް ކަމަށް ވެސް ގާޒީ އަލީ ނަސީރުގެ ނިޔާގައި ކަނޑައަޅުއްވާފައި ވެއެވެ.

ދަށު ކޯޓުން ނިޒާރުގެ މައްޗަށް މި ނިޔާ އައި ނަމަވެސް އެޕީލް ކޯޓް، ހައިކޯޓްގައި އޭނާއަށް މި މައްސަލަ އިސްތިއުނާފު ކުރެވޭނެ އެވެ. އަދި ދަށު ކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފިނަމަ ޝަރުއީ ފަހު މަރުހަލާ، ސުޕްރީމް ކޯޓުގައި ވެސް އޭނާއަށް އިލްތިމާސް ކުރެވޭނެ އެވެ. ހައިކޯޓުގައި މައްސަލަ ނިޒާރުގެ ކޮޅަށް އެނބުރިއްޖެ ނަމަ ވާދީ މުހައްމަައިދީއަށް ވެސް މި މައްސަލަ ފަހު މަރުހަލާގައި އިލްތިމާސް ކުރެވޭނެ އެވެ.