ހަބަރު

ފެނަކަ އަށް 35 މިލިއަންގެ ފައިދާ އެއް

ފެނަކަ ކޯޕަރޭޝަނަށް ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކައިން މިއަދު ނެރުނު މީޑިއާ ބްރީފެއްގައި ބުނީ، 2012 ވަނަ އަހަރު އުފެދިގެން އައި ފެނަކަ ކުންފުނި 2018 ވަނަ އަހަރާ ހަމައަށް ހިންގަމުން އައީ މާލީ ގޮތުންނާއި އުމްރާނީ ގޮތުންނާއި ހިންގުމުގެ ގޮތުން އަދި އިޖްތިމާއީ ގޮތުން ލަދުވެތި ޙާލަތެއްގައި ކަމަށެވެ. މިއަދު އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އެ ދާއިރާތަކުން ކާމިޔާބު ހޯދާފައިވާ ކަމަށެވެ.

އެގޮތުން، 49 އާ އިންޖީނުގޭގެ މަސައްކަތް މުޅިން އަލަށް ފަށާ، 20 އިންޖީނުގެ އެއްކޮށް ނިންމާ އަދި ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވިފައިވާ ކަމަށާއި ކަރަންޓު ވިއުގަ އަޕްގްރޭޑް ކޮށް ނަރުދަމާ އާއި ފެނުގެ ހިދުމަތް ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ، މިދިޔަ އަހަރުގެ ރިޕޯޓަކީ އެ ކުންފުނީގެ ތާރީހުގައި މިހާތަނަށް ލިބުނު ހަމައެކަނި ސާފު އޮޑިޓް ރިޕޯޓު ކަމަށެވެ. އަދި އެ ރިޕޯޓުގައި ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ނެރެވުނުކަން ހާމަވާ ކަމަށެވެ.

"ވައްކަމާއި ފަސާދަ އާއި ކޮރަޕްޝަނާއި އިސްރާފުގެ މުޑުދާރުކަމުން ކުންފުނި ސަލާމަތްކުރެވި، މިއަދުގެ މި ނަތީޖާ ދައްކުވައިދެނީ ކުންފުނީގައި ނަޒާހާތްތެރިކަން އޮތް މިންވަރު. އަދި ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެން މި ދިޔައީ ފުރިހަމަ ޖަވާބެއް" ބަޔާނުގައި ވެ އެވެ.

އެ ކުންފުނިން ވަނީ ރައްޔިތުންނަށް ކުރާ ސައްކަތްތައް މަޑުޖެހުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.