ހަބަރު

ވައިގެ ދަތުރުތަކުގެ އެއްބަސްވުމެއްގައި ރާއްޖެއިން ބަހުރެއިނާއެކު ސޮއިކޮށްފި

Sep 26, 2019
5

ރާއްޖެއާ ބަހްރެއިނާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ކެނެޑާގެ މޮންޓްރިއޯލްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ) ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ބަހުރެއިންގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓޭޝަން އެންޑް ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މރ. ކަމާލް ބިން އަހުމަދު މުހައްމަދެވެ.

މިއީ ރާއްޖެ އާއި ބަހްރައިނާ ދެމެދު ވައިގެ ދަތުރުތައް ފަށަން މަގު ފަހި ކުރުމުގެ ގޮތުން ޖެނުއަރީ 18، 1995 ގައި ސޮއިކުރި އެމްއޯޔޫގެ ދަށުން ވި އެއްބަސްުވުމެކެވެ.

ބަހްރެއިންގެ ގައުމީ އެއާލައިންކަމަށްވާ ގަލްފް އެއާ އިން ބަހްރެއިނާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމުގެ ހުއްދައަށް ވަނީ އެދިފައެވެ. ގަލްފް އެއާ މިއަންނަ އޮކްޓޯބަރު މަހުގެ 28 އިން ފެށިގެން ފަށާ ފްލައިޓްތައް އޮޕަރޭޓް ކުރާނީ ބަހްރެއިން އިން މާލެ އަދި ކޮލަމްބޯ މަގުން ހަފްތާއަކު ހަ ފްލައިޓެވެ.

ރާއްޖެ އާއި ބަހްރެއިނާ ދެމެދުވި އެއްބަސްވުމާއެކު މިހާތަނަށް ރާއްޖެއިން ބޭރުގެ 47 ގައުމަކާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ވަނީ ގާއިމުވެފަ އެވެ. މި އެއްބަސްވުންތަކުގެ ދަށުން 21 ގައުމެއްގެ 29 އެއާލައިނެއް ރާއްޖެއަށް އޮޕަރޭޓް ކުރެ އެވެ.