ހަބަރު

ގޭބިސީތަކުގެ އާމްދަނީއާއި ހަރަދު ހުރި ގޮތުގެ ސާވޭ ހޮނިހިރު ދުވަހު ފަށަނީ

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން މި އަހަރު ކުރާ ގޭބިސީގެ އާމްދަނީއާ ހަރަދު ހުރި ގޮތުގެ ސާވޭ އަންނަ ހޮނިހިރު ދުވަހުން ފަށަން ހަމަޖައްސައިފި އެވެ.

އެންބީއެސްއިން ބުނީ ކޮންމެ ފަސް އަހަރަކުން ކުރާ އެ ސާވޭގައި އަންނަ ހޮނިހިރު ދުވަހު މާލޭގެ ފުރަތަމަ ބުރުގައި ހޮވާލެވިފައިވާ ސަރަހައްދުތަކުގައި ތަންތަނުގެ ލިސްޓް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ގުރުއަތުން ހޮވާލެވޭ ގޭބިސީތަކެއްގައި ސާވޭގެ އިތުރު ސުވާލު ކަރުދާސްތައް ފުރުމުގެ މަސައްކަތް އާދީއްތަ ދުވަހު ފަށާނެ ކަމަށެވެ.

އަންނަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އަތޮޅުތަކުގެ ރަށްރަށުގައި ސާވޭގެ މަސައްކަތް ފަށާނެ އެވެ. އަދި ސާވޭގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކުރާނެ އެވެ.

އެންބީއެސްއިން ބުނި ގޮތުގައި، މާލޭގައި ސާވޭ ކުރާނީ ހޮވާލެވޭ 1080 ގޭބިސީއަކުންނެވެ. އަދި އަތޮޅުތަކުގެ 20 އަތޮޅުން ހޮވާ 4760 ގޭބިސީއެއް ސާވޭގައި ހިމަނާނެ އެވެ.

މި ސާވޭއަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ކުރާ ސާވޭ އެކެވެ. އެ ސާވޭއިން އެއް ކުރާ ވަކި ފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތު ސިއްރެއްގެ ގޮތުގައި ހިފަހައްޓާނެ އެވެ.