ހަބަރު

ގޭބީސީތަކުގެ އާމްދަނީއާ ހަރަދު ބެލުމުގެ ސާވޭ މި މަހު ފަށަނީ

Sep 5, 2019
1

ގޭބީސީތަކުގެ އާމްދަނީ އާއި ހަރަދުތައް ހުރި ގޮތުގެ ސާވޭއެއް ހަދަން މިމަހުގެ 28 ވަނަ ދުވަހު މުޅި ރާއްޖޭގައި ފަށަން ނިންމާފައިވާ ކަމަށް ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.

ގޭބީސީތަކަށް އަމާޒުކޮށް ހަދާ މި ސާވޭގައި، ހޮވާލެވޭ ގޭބީސީތަކަކަށް ޒިޔާރަތްކޮށް އެ ގެތަކުގެ އާމްދަނީ އާއި ހަރަދު ހުރި ގޮތުގެ މައުލޫމާތު ނަގާނެ އެވެ.

ގޭބީސީތަކުގެ އާމްދަނީ އާއި ހަރަދު ކުރުން ހުރި ގޮތުގެ ސާވޭއެއް އެންމެ ފަހުން ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.

އެ ސާވޭގެ ނަތީޖާއަށް ބާލާއިރު ހަރަދު ކުރުމުގައި ގޭބިސީތަކުގެ މެދުގައި ބޮޑެތި ތަފާތު ހުރިކަން ފާހަގަ ކުރެވިފައި ވާއިރު، މާލެއާއި އަތޮޅުތަކުގައި އެތަފާތު ބޮޑު ކަމަށް ވެސް ވަނީ ދައްކާފައި ވެއެވެ.

މިގޮތުން އާބާދީގެ 46.5 ޕަސަންޓް މީހުންނަކީ މަހެއްގެ މައްޗަށް 4514 ރުފިޔާ ނުވަތަ ދުވާލަކު ބޮލަކަށް 148 ރުފިޔާ އަށްވުރެ ދަށުން ހޭދަކުރާ މީހުނެވެ. އަދި އާބާދީގެ 8.2 ޕަސަންޓް މީހުންނަކީ މަހެއްގެ މައްޗަށް 2257 ރުފިޔާ ނުވަތަ ދުވާލަކަށް ބޮލަކަށް 74 ރުފިޔާ އަށްވުރެ ދަށުން ހޭދަކުރާ މީހުނެވެ.

ގައުމީ ފެންވަރުގައި އެކުލަވާލެވޭ މި ނަތީޖާއަކީ ކޮންމެ ފަސް އަހަރުން އެއްއަހަރު ކުރިއަށް ގެންދެވޭ ގޭބިސީގެ އާމްދަނީއާއި ހަރަދުކުރުން ހުރިގޮތުގެ ސާވޭއިން ނެގޭ މައުލޫމާތެކެވެ.