އޮފްބީޓް

މަތިންދާބޯޓު ނައްޓާލަނިކޮށް އިމަޖެންސީ ދޮރު ހުޅުވައިފި

ފްލައިޓް ތެރޭގައި ބުނާގޮތް ނަހަދާ މީހުން ތިބޭނަމަ ފްލައިޓް އެޓެންޑެންޓުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ އެވެ. ފްލައިޓް ތެރޭގައި އަޖައިބު ކުރުވަނިވި ކަންތައްތައް ކުރާ މީހުން މިހާރަކަށް އައިސް ދަނީ ވަރަށް ބޮޑަށް އިތުރު ވަމުންނެވެ.

އެގޮތުން ދާދިފަހުން ޗައިނާ މީހަކު ވަނީ އެއްވެސް ބިރެއް ޖެހިލުމެއް ނެތި އިމަޖެންސީ ދޮރު ހުޅުވާފަ އެވެ. ފްލައިޓްތެރެ ނުތަނަވަސް ކަމުން ރަނގަޅަށް ނޭވާ ނުލެވޭ ކަމަށް ބުނެ އެވެ. އޭޜު ފްލައިޓް ނައްޓާލަން ރަންވޭ މަތީގައި ދިޔައީ ދުއްވަމުންނެވެ.

މި އަންހެންމީހާ އަކީ ބަންދުވެފައި ހުންނަ ތަންތަނަށް ވަންނަން ބިރުގަންނަ މީހެކެވެ. އެހެންވެ ފްލައިޓް ތެރޭގައި އޭނާއަށް ނޭވާ ހާސްވާ ކަހަލަ ގޮތްތަކެއް ދިމާވީ އެވެ.

މި މައްސަލަ ބެލުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެ އަންހެންމީހާ މިދިޔަ ހޯމަ ދުވަހު އަރާ އިނީ ޒިއަމެން އެއާލައިންގެ ބޯޓަކަށެވެ. ބޯޓު ދަތުރު ކުރަން ހަމަޖެހިފައި އޮތީ ޗައިނާގެ ވުހާން އާއި ލަންޒޫ އަށެވެ. ފްލައިޓަށް އެރުމަށްފަހު އެމީހާއަށް މާ ބޮޑަށް އޭގެ ތެރެ ބަންދުވެފައިވާ ކަމަށް އިހްސާސްވެ އުނދަގޫވާން ފެށީ އެވެ. އެހެންވެ އިމަޖެންސީ ދޮރު ހުޅުވާލީ ވައި ޖައްސާލާށެވެ.

މި މީހާ ދޮރު ހުޅުވިތަން ބަލަން ފެނިފައި ބައެއް ފަސިންޖަރުންނަށް ޝޮކް ޖެހުނުއިރު އޭނާ ކައިރީގައި ހުރި ގޮނޑިތަކުގައި ތިބި ބައެއް މީހުން ތިހެން ނުހަދާށޭ ކިޔާފައި ހަޅޭއްލަވަމުން ދިޔަ އެވެ. އަނެއް ބަޔަކު އެމީހާ ކައިރީ އެހެން ނަހަދާށޭ ކިޔައި ހަޅޭއްލަވަމުން ދިޔަ އެވެ.

އެމީހާ މިގޮތަށް ކަންތައް ކުރުމުން ފްލައިޓް އެއްގަޑިއިރަށް ޑިލޭ ވިއެވެ. އަދި ފުލުހުން އެމީހާ ބޯޓުން ބަލައިގެން ގެންދިޔައީ އެވެ. ބެލެވޭ ގޮތުގައި މި މީހާއަށް އުމުރު ދުވަހަށް ފްލައިޓަށް އެރުން މަނާ ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިކަހަލަ އެހެން އަންހެނަކާ ވެސް ދާދިފަހުން އެހެން ފްލައިޓަކުން ދިމާވި ކަމަށް މި ޚަބަރަށް ސޯޝަލް މީޑިއާގައި ކޮމެންޓު ކުރި މީހަކު ބުންޏެވެ. އެ އަންހެންމީހާ އޮތީ ގޮނޑިތަކުގެ ދަށުގައި ރަނގަޅަށް ހަމަޖެހިލައިގެން ނިދާފަ އެވެ. މި މީހާއަށް އެއްވެސް އަދަބެއް އައި ކަމެއް ނޭނގެ އެވެ. ފްލައިޓްތެރޭގައި ހިނގާ އެއްވެސް ކަމެއް ނޭނގޭ ހާލުގައި އެމީހާ ގިނައިރުތަކެއް ވަންދެން އެތާ ނިދިފައި އޮތް ކަމަށް ވެއެވެ.