އަމީތާބު

އެކްސިޑެންޓަށް 37 އަހަރު: އަމީތާބަށް ޝަރަފުވެރި އެވޯޑެއް!

މިއަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހަކީ ބޮލީވުޑް ސުޕަސްޓާ އަމީތާބް ބައްޗަން އާއި އޭނާގެ ފޭނުންނަށް ވަރަށް ޚާއްސަ ދުވަހެކެވެ. އިންޑިޔާ ސަރުކާރުން ދޭ ވަރަށް ޝަރަފުވެރި އެވޯޑެއް ކަމަށްވާ ދާދާ ސާހަބް ޕާލްކޭ އެވޯޑް މި އަހަރު ލިބޭ މީހުންގެ ތެރޭގައި އަމީތާބު ހިމެނޭކަން އިއުލާން ކުރުމުންނެވެ. މި އެވޯޑަކީ އެކްޓަރެއްގެ މުޅި ކެރިއަރުގައި ވެސް ލިބޭނެ އެންމެ ފަޚުރުވެރި އެވޯޑެވެ.

ނަމަވެސް އިއްތިފާގުން މި ދުވަހަކީ އަމީތާބުގެ ހަޔާތުގެ ވަރަށް ފާހަގަ ކޮށްލެވޭ ދުވަހެކެވެ. އެހެން ގޮތަކަށް ބުނާނަމަ ސެޕްޓެމްބަރު 24 އަކީ އޭނާ ދެ ވަނަ ފަހަރަށް ދުނިޔެއަށް އައި ދުވަސް ކަމުގައި އޭނާގެ ފޭނުން ގަބޫލުކުރެ އެވެ. ސަބަބަކީ އެ ދުވަހަކީ "ކޫލީ" ކުޅެނިކޮށް އަމީތާބަށް ލިބުނު ވަރަށް ބޮޑު އަނިޔާއަކަށް ފަރުވާ ކުރުމަށް ދެ މަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮތުމަށްފަހު އޭނަ ގެއަށް އައި ދުވަހެވެ.

އަމީތާބު ހޮސްޕިޓަލުން ގެއަށް އައި މަންޒަރުތައް ފެންނަ ވީޑިއޯއެއް މިހާރު އިންސްޓަގްރާމްވަނީ ވަނީ ވައިރަލް ވެފަ އެވެ. މި ވީޑިއޯ އިން ފެންނަނީ އަމީތާބު ކާރުން ފައިބައިގެން ގެޔަށް ވަންނަން ދާއިރު އޭނަގެ އިސްތިގްބާލުގައި މީޑިއާގެ ގިނަ ބަޔަކާއި އާއިލާގެ މެމްބަރުން އަދި ގިނަ އަދަދެއްގެ ފޭނުން އެތާ ތިއްބަ އެވެ. އެ ވީޑިއޯގައި އަމީތާބުގެ މަންމަ އާއި ބައްޕަ ވެސް ތިއްބެވެ. އަމީތާބު ގޮސް އޭނާގެ ބައްޕަގެ ފައިގައި އަތްލާ ބައްޕަ އާ ސަލާމަތްކޮށްލަ އެވެ. މި ފޮޓޯ އިންސްގްރާމްކުރަމުން އަމީތާބު ލިޔެފައިވާ ގޮތުގައި ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާގެ ބައްޕަ ރުއިތަން އެ ދުވަހު ފެނުނެވެ.

އަމީތާބު ދެން ސަލާންކުރަނީ އޭނާގެ މަންމަ އާއެވެ. މަންމަ ލޯބިން އަމީތާބުގެ ނިތްކުރިއަށް ދޮނެއް ދޭތަން ވެސް ފެނެ އެވެ. މި ވީޑިއޯގައި އަމީތާބުގެ ދެ ދަރިން ކަމަށްވާ ޝްވޭތާ އާއި އަބީޝެކް ބައްޗަން ވެސް ތިބެނީ ވަރަށް ކުޑަ ކުދިންގެ ގޮތުގަ އެވެ.

ޖުލައި 26، 1982 ވަނަ ދުވަހު "ކޫލީ" ގެ ތަޅާފޮޅާ މަންޒަރެއް ޕުނީތި އިއްސަރް އާއެކު ޝޫޓް ކުރަނިކޮށް އަމީތާބުގެ ބަނޑަށް ދަގަނޑު މޭޒެއްގެ ކަން ވަދެ ވަރަށް ބޮޑެތި ޒަޚަމްތައް ލިބުނެވެ. އަދި ޒަޚަމްތަކުން ފޭބި ލޭ ގިނަ ކަމުން އެތައް ދުވަހެއް ވަންދެން ހޮސްޕިޓަލުގައި ހޭ ނެތިފައި އޮތެވެ. އެ ދުވަސްތަކުގައި އަމީތާބުގެ ފުރާނަ ސަލާމަތް ކޮށްދެއްވުން އެދި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އޭނާގެ އެތައް މިލިއަން ފޭނުންނަށް ރެޔާ ދުވާލު ދުއާ ކުރަމުން ދިޔަ އެވެ. އަމީތާބު ހޭ އެރީ އެކްސިޑެންޓް ވީތާ ހަފުތާއެއްހާ ދުވަސް ފަހުން އޮގަސްޓް ދެވަނަ ދުވަހު އެވެ.

ދެ މަސް ދުވަހު ހޮސްޕިޓަލުގައި އޮތުމަށްފަހު ގެއަށް އައިސް ސެޕްޓެމްބަރު ފަހު ހަފުތާގައި އަނެއްކާވެސް ޝޫޓިންގްތަކަށް އަމީތާބު ދާން ފެށި އެވެ. އޭނާ ދެ ވަނައަށް އުފަންވީ ދުވަސްކަމަށް ފޭނުން ގަބޫލުކުރާ ދުވަސް ހަނދާން ކުރަމުން މިއަހަރުގެ އޮގަސްޓް މަހު އަމީތާބު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފޭނުންގެ ހެޔޮ ދުއާ އަކީ އޭނާއަށް ދުވަހެއްގެ ކޮޅުން ވެސް އަދާ ނުކުރެވޭވަރުގެ ދަރަންޏެއް ކަމަށެވެ.

އަމީތާބުގެ "ކޫލީ" ރިލީޒްކުރީ 1982 ގައި އޭނާ ކުޅުނު އެހެން ފިލްމެއް ކަމަށްވާ "ޕުކާރް" އަށް ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބުނުތާ ދެ ހަފުތާ ފަހުންނެވެ.

އެހެންކަމުން އަމީތާބަށް މިފަހަރު އެވޯޑު ލިބުނު ދުވަހާއި އޭނާ އެކްސިޑެންޓުން ސަލާމަތްވީ ދުވަސް އެއް ދުވަހަކަށް ވުމީ އިއްތިފާގެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.