އޮފްބީޓް

އަންހެނަކު ދަތް އެޅި ޖަމަލަކަށް ބޭސްކުރަން ޖެހިއްޖެ!

އިންސާނެއްގެ ގައިގައި ޖަނަވާރެއް ދަތް އަޅައިފިނަމަ ރޭބީސް ޖެހިދާނެ ކަމުގެ ނުރައްކާ ބޮޑުވެ ފަރުވާ ކުރަން ޖެހެ އެވެ. އެހެންވެ އެކި ވައްތަރުގެ ޖަނަވާރު ދަތް އަޅައިފިނަމަ ދޭނެ ބޭސް މިހާރު އީޖާދުކޮށްފައި ވެއެވެ.

ބޮޑު ބައްޔެއްގެ ނުރައްކާ އިތުރުވަނީ ހަމައެކަނި އިންސާނުން ގައިގައި ޖަނަވާރުން ދަތް އެޅުމަކުން ނޫނެވެ. ޖަނަވާރެއްގެ ގައިގައި އިންސާނަކު ދަތްއެޅިޔަސް އެ ޖަނަވަރަކަށް ހަމަ އެހާ ނުރައްކާ ވެއެވެ. މިއީ ގަބޫލުކުރަން ދަތި ވާހަކައެއް ނަމަވެސް ކަން އޮތީ މިހެންނެވެ.

މިފަދަ ހާދިސާއެއްގައި ކެސްޕާ ނަމަކަށް ކިޔާ ޖަމަލަކަށް ވަނީ އެންޓިބައޮޓިކްސް ދީގެން ފަރުވާ ދީފަ އެވެ. ޓައިމްސް އޮފް އިންޑިއާގައި ޖަހާފައިވާ މި ޚަބަރުގައިވާ ގޮތުން މި ޖަމަލުގެ ގައިގައި ދަތްއެޅީ އަންހެނެކެވެ.

އެމެރިކާގެ ލޫޒިއާނާގެ ގްލޯރީއާ ލެންކާސްޓާ، 68، އާއި އޭނަގެ ފިރިމީހާ އެޑްމަންޑް ލެންކާސްޓާ، 73، ޒުލަކަށް ގޮސް އުޅުނީ އެމީހުން ސަލާމަތްކުރި ކަންފަތް ބީރު ކުއްތާއެއް ދެކިލާށެވެ. އެ މީހުން އެ ކުއްތާއަށް ކާއެއްޗެތި އުކަމުން ދިޔަ އެވެ.

އަންހެންމީހާ ފުލުހުން ކައިރީ ބުނީ އެމީހުންގެ ކުއްތާއަށް ޖަމަލު ހަމަލަ ދިނީ ކަމަށެވެ. ނަމަވެސް ފުލުހުން ބުނަނީ ޖަމަލަށް އެންމެ ކުރިން ގޯނާ ކުރީ އަންހެންމީހާ ކަމަށެވެ.

ކުއްތާ އޮތި ޖަމަލު ކޮށީގަ އެވެ. އެހެންވެ އޭތި ސަލާމަތްކުރަން އަންހެންމީހާ އުޅެނިކޮށް ޖަމަލު އަންހެންމީހާގެ ގައިމަތީގައި އިށީނީ އެވެ. ޖަމަލުގެ ބަރުދަނުގައި 272 ކިލޯ ހުއްޓެވެ. ޖަމަލު ކިބައިން ސަލާމަތްވާން އަންހެންމީހާއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އޭތިގެ އެންމެ ފަސޭހައިން އަތު ޖެހުނު ތަނުގައި ދަތް އެޅުމެވެ.

އަންހެންމީހާ ބުނީ އޭނާ ދަތްއެޅީމުން ޖަމަލަށް އެންޓިބައޮޓިކްސް ވެސް ދޭން ޖެހުނު ކަމަށެވެ.