ބޮލީވުޑް

"ބިގް ބޮސް 13"ގައި ޓީވީ ތަރި ދެވޮލީނާ

ސަލްމާން ޚާން ހޯސްޓް ކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް 13" އަންނަ ހަފުތާ އިން ފެށިގެން ދައްކަން ވަނީ ހަމަޖެހިފަ އެވެ. މިހާރު ދަނީ މި ސީޒަންގެ ބައިވެރިން ތައާރަފް ކުރަމުންނެވެ.

އެގޮތުން މިފަހަރު "ބިގް ބޮސް"ގެ ގެއަށް ވަންނަ މަޝްހޫރު މީހުންގެ ތެރޭގައި ޓީވީ ބަތަލާ ދެވޮލީނާ ބަޓަޗަޖީ އާއި ޓީވީ އެކްޓަރު ސިދާރްތު ޝުކްލާ ހިމެނެ އެވެ.

ސިދާރްތު އާއި ދެވޮލީނާގެ އިޝްތިހާރު މިހާރު ކަލާޒް ޗެނަލުން ދައްކަން ފަށާފައިވިޔަސް މި ދެ ތަރިންގެ މޫނެއް ނުދައްކަ އެވެ. އިޝްތިހާރުގައި ބުނަނީ މިއީ މިހާރު ޓީވީގައި މަސައްކަތްކުރާ އެންމެ ރީތި އަދި ހުސްހަށިބައި ތަރިން ކަމަށެވެ. ދެވޮލީނާ އާއި ސްޓާ ޕްލަސްގެ މަޝްހޫރު ޝޯ "ސާތިޔާ"ގައި ގޯޕީ ބަހޫގެ ރޯލު ކުޅުނު ބަތަލާ އެވެ. ސިދާރްތު އަކީ ވެސް ވަރަށް ގިނަ ސިލްސިލާތަކުގެ ލީޑް ރޯލު ކުޅެފައިވާ އެކްޓަރެކެވެ.

މި ދެ ތަރިން ނޫނަސް އިތުރު ޓީވީ ތަރިންތަކެއް މިފަހަރު ބިގް ބޮސްގެ ގެއިން ފެންނާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. އޭގެ ތެރޭގައި ރަޝްމީ ދެސާއީ އާއި ޝިވިން ނަރަންގް އަދި ދިލްޖީތު ކޯރު ހިމެނެ އެވެ. ރަޝްމީ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ޕަރީ ހޫނ މައި" އާއި "ދިލް ސޭ ދިލް ތަކް" އަދި އުތުރަން" ހިމެނެ އެވެ.

ޝިވިންގް މަޝްހޫރުވީ ސްޓާ ޕްލަސްގެ ކާމިޔާބު ޝޯ "ވީރާ" އިންނެވެ. މި ޝޯގައި އޭނާ ކުޅުނީ ވީރާގެ ބޭބެގެ ބައެވެ. މި ޝޯގެ ފަހުން "އިންޓަނެޓް ވާލާ ލަވް" އަދި "ސުރްވީން ގުއްގަލް" ވެސް އޭނާ ކުޅުނެވެ.

ދިލްޖީތު ބޮޑަށް މަޝްހޫރުވީ "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" ގައި އޭނާ ކުޅުނު ރޯލުންނެވެ. "ބިގް ބޮސް 13" ދައްކަން ފަށާނީ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ.