އައިޖީއެމްއެޗް

މިސްކިތް ބަންދުކުރީ ވަގުތީ ގޮތުން: އައިޖީއެމްއެޗް

Sep 27, 2019
3

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ހުރި މިސްކިތް ބަންދު ކުރީ ވަގުތީ ގޮތުން ކަމަށާ އެ މިސްކިތް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ، އެތަނުގައި ހުރި މިސްކިތް ބަންދު ކުރުމާއި ގުޅިގެން ގިނަ ބަަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށުމާ ގުޅިގެންނެވެ.

ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިސްކިތް ބަންދުކުރީ، އެ މިސްކިތާ އިންވެެގެން ހުރި ތަނެއްގައި މަރާމާތުގެ މަސައްކަތެއް ކުރިއަށްދާތީ ކަމަށެވެ. އަދި މިސްކިތް ބަންދުކޮށް ގުދަނަކަށް ހަދާފައިވާ ވާހަކައަކީ ދޮގެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިސްކިތް ތެރޭގައި މިވަގުުތު ހުރީ މަރާމާތަށް ބޭނުން ކުރާ މެޝިނަރީޒެވެ. އޮފިޝަލު ވިދާޅުވީ މަސައްކަތް ނިންމުމަށްފަހު ވަރަށް އަވަހަށް އެ މިސްކިތް ހުޅުވާނެކަމަށެވެ.

އައިޖީއެެމް ހޮސްޕިޓަލްގެ މިސްކިތް ބަންދުކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އަދި އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ ޓްވީޓެއްކޮށްފަ އެވެ.

އޭނާ ވިދާޅުވީ އައިޖީއެމްގައި ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރިކަމަށާ ނަމަވެސް އޭރުވެސް މިސްކިތް ބަންދުކޮށްފައިނުވާ ކަމަށެވެ.

މިސްކިތް ބަންދުކުރުން ކުށްވެރިކޮށް ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.