ލައިފްސްޓައިލް

ކުޑަކުއްޖެއްހެން ހީވާ ޓީޗަރަކަށް ސަމާލުކަން!

އުމުރަށް ވުރެ މާ ހަގުކޮށް ފެނުމަކީ ބައެއް މީހުންނަށް ލައްވާފައިވާ ނަސީބެކެވެ. ނަމަވެސް އުމުރުން 22 އަހަރުގެ ފިލިޕީންސް ޓީޗަރަށް މިކަން ވެފައިވަނީ އޭނާގެ ވަޒީފާއަށް ވެސް އޮތް ބިރަކަށެވެ. ސްކޫލަށް ކިޔަވައިދޭން އޭނާ ދިއުމުން ގިނަ މީހުން ހީކުރަނީ އޭނާ އަކީ ކޮންމެވެސް ގްރޭޑެއްގައި ކިޔަވާ ކުއްޖެއް ކަމަށެވެ. އެއްގޮތަކަށް ވެސް އެއީ ޓީޗަރެއް ކަމަކަށް މީހުންނަކަށް ގަބޫލެއް ނުކުރެވެ އެވެ.

އިއަން ފްރާންސިސް މަންގާ ކިޔަވައި ދެނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ދޭކާ ހަމައަށް ނަމަވެސް އޭނަ ފެނުމުން ހީވަނީ އެއީ އެ ސްކޫލަށް ކިޔަވަން ގޮސް އުޅޭ ގްރޭޑް ފަހެއްގައި ކިޔަވާ ކުއްޖެއް ހެންނެވެ.

މަންގާ ބުނި ގޮތުގައި އޭނާ އަކީ ކުޑައިރު ވަރަށް ބަލިކޮށް އުޅުނު ކުއްޖެކެވެ. އެހެންވެ އޭނާގެ ހެދި ބޮޑުވުމަށް އެކަމުގެ އަސަރު ކޮށްފައިވަނީ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. އޭނާގެ އުމުރުގެ މީހުންނާ އަޅާ ބަލާއިރު އޭނާ ހުންނަނީ މާ ކުރުކޮށެވެ. ނަމަވެސް ގިނަ މީހުންނަށް އޭނާ ކުޑަ ކުއްޖެއްހެން ހީވަނީ އޭނާ އިސްކޮޅުން ކުރު ކަމުންނެއް ނޫނެވެ. އޭނާގެ މޫނުގައި ހުންނަ ތުއްތު ކުއްޖެއްގެ ސިފައިގެ ސަބަބުންނެވެ.

މަންގާގެ ހަޔާތަކީ ވެސް މަލުގެ ދާނެއް ނޫނެވެ. އޭނާއަށް ދިރިއުޅެން ޖެހުނީ ވަރަށް ބުރަ މަސައްކަތް ކޮށްގެންނެވެ. ނަމަވެސް ދުވަހަކުވެސް އެއްވެސް މީހަކު އޭނާއަކަށް ބުލީއެއް ނުކުރެ އެވެ.

އޭނާ ބުނި ގޮތުގައި އޭނާއަށް ބުލީ ނުކުރަނީ އޭނާ އަކީ ހުރިހާ ކުދިންނާ ވެސް ވަރަށް ގުޅޭ މިޒާޖެއްގެ އަދި ފަސޭހައިން ކުދިންނާ އެކުވެރިވާ މިޒާޖެއްގެ ކުއްޖަކަށް ވާތީ ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ނުވެސް ދަންނަ މީހުން ބައެއް ފަހަރަށް އޭނާއަށް ބުލީ ކުރާ ކަމަށާއި ނަމަވެސް އެ ކަހަލަ ކަންތައް އޭނާ ނޭނގޭ ކަމަށް ހަދާލާފަ އަޅާނުލަނީ ކަމަށެވެ.

އޭނާގެ ސިފަ ކިތަންމެ ޅަކޮށް ހުއްޓަސް އަދި އޭނާއަކީ ކިތަންމެ އެކުވެރިކޮށް އުޅޭ މީހަކަށް ވިޔަސް އޭނާ ކިޔަވައިދޭ ގަޑީގައި ކުދިން ބަސްއަހައިގެން ކިޔަވަން އޭނާ ވަރަށް ބާރު އަޅަ އެވެ. އޭނާއަކީ ޓީޗަރަކަށް ވާތީ އޭނާއަށް ހަރުކަށިވާން ޖެހޭ ފަހަރު ވެސް އާދެ އެވެ. އަބަދު ސަކަރާތް ޖަހައިގެން ކަމަކު ނުދާނެ ކަމަށާއި ކްލާހުގައި ސީރިއަސްކޮށް ކިޔެވުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މަންގާ ދެކެ އެވެ.