އޮފްބީޓް

ކެންސަރު ބަލި މީހުނަށް އިސްތަށިގަނޑު ހަދިޔާކޮށްފި

އިންޑިޔާގެ ކެރަލާގެ އަންހެން ފުލުހަކު އޭނާގެ ރީތި އިސްތަށިގަނޑު ކެންސަރު ބަލި މީހުނަށް ވިގް ހެދުމަށް ހަދިޔާ ކޮށްފި އެވެ.

އަޕަރްނާ ލާވަކުމާރް، 46، އޭނާގެ އިސްތަށިގަނޑު ހަދިޔާ ކުރަން ނިންމީ ގްރޭޑް ފަހެއްގައި ކިޔަވަމުންދާ ކެންސަރު ޖެހިފައިވާ ކުއްޖަކާ ބައްދަލުވުމަށް ފަހުގަ އެވެ. އޭނާ މިހާރު ވަނީ ބޯ ބޭލުމަށްފަހު އިސްތަށިގަނޑު އެންޖީއޯ އަކަށް ހަދިޔާ ކޮށްފަ އެވެ. އެ އެންޖީއޯ އަކީ ކެންސަރު ބަލި މީހުންނަށް ވިގް ތައްޔާރުކޮށް ބަހާ އެންޖީއޯ އެކެވެ.

އަޕަރްނާ ބުނި ގޮތުގައި އިންސާނުންގެ ފުރާނަ ސަލާމަތްކުރަން ގުނަވަން ހަދިޔާކުރާ މީހުންނާ ބަލާއިރު އޭނާގެ މި ހަދިޔާއަކީ ވަރަށް ކުޑަކުޑަ އެއްޗެކެވެ. ހަގީގަތުގައި މިއީ އެހާ ބޮޑަށް ފާހަގަ ކުރަންޖެހޭ ވަރުގެ ކަމެއް ކަމަކަށް އޭނާ ނުދެކެ އެވެ.

އޭނާ ބުނީ އަހަރެއް ދެ އަހަރެއްހާ ދުވަސް ތެރޭ އޭނާގެ އިސްތަށިގަނޑު އަނބުރާ ކުރިން ހުރި ވަރަށް ދިގުވާނެ ކަމަށެވެ. އަދި އޭނާ ގަބޫލުކުރަ ގޮތުގައި ހަގީގީ ހީރޯ އިންނަކީ ގުނަވަން ހަދިޔާ ކޮށްގެން އެހެން މީހުންގެ ފުރާނަ ސަލާމަތް ކޮށްދޭ މީހުންނެވެ.

ބޯ ބޭލުމުން މި ވަގުތު އޭނާ ހުރި ސިފަ ކިތަންމެ ހުތުރަސް އޭނާގެ މައްސަލައެއް ނެތެވެ. އޭނާ ދެކޭ ގޮތުގައި ދައްކާ ވާހަކައާއި ކުރާ އަމަލުތައް ރީތިވުން ބޭރު ފުށުން ފެންނަ ރީތި ކަމަށް ވުރެ މާ މުހިއްމެވެ.

އަޕަރްނާ އަށް އޭނާ މިހަދިޔާކުރީ މާ ބޮޑު އެއްޗެއް ކަމަށް ގަބޫލު ނުކުރެވުނަސް މީގެ ކުރިން ވެސް އޭނާ އެކި މީހުންނަށް ވެ ދީފައިވާ އެހީތައް މީޑިއާގެ ސަމާލުކަމަށް އައިސްފައި ވެއެވެ. އެގޮތުން ފަގީރު އާއިލާއެއްގެ މީހެއް މަރުވިއިރު ހޮސްޕިޓަލުގެ ބިލަށް އަރާފައިވާ ފައިސާ ނުދެއްކިގެން އެ މީހާގެ ހަށިގަނޑު ދޫނުކޮށްފައިވާ ކަން އެނގިގެން ގޮސް އޭނާގެ ރަން ތިން ތަނޑު ވިއްކާލާފައި އެ އާއިލާއަށް ހަދިޔާކޮށްފައި ވެއެވެ.

އަޕަރްނާ އަކީ ހަގީގީ ދިރިއުޅުމުގައި ވެސް ހިތްދަތި ދުވަސްތަކެއް ދެކެފައިވާ މީހެކެވެ. ފިރިމީހާ މަރުވުމުން އަންހެން ދެ ދަރިން ބަލާ ބޮޑުކުރީ އޭނާގެ އަމިއްލަ މަސައްކަތުންނެވެ.