މިހާތަނަށް ބުނާތީ އިވެނީ ސިއްހީ ނުރަނގަޅު އާދަތަކާއި އާއިލީ ގޮތުން ވާރުވާ ޖެނެޓިކްސް އަކީ ކެންސަރުގެ މައިގަނޑު ސަބަބު ކަމަށެވެ. ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޮލީ އޭނާގެ ދެ އުރަމަތި ނެގުން ވެސް ގުޅިފައި ވަނީ އޭނާގެ އާއިލާގެ ތެރޭގައި އުރަމަތީގެ ކެންސަރުގެ ބިރު އޮތުމެވެ. އެގޮތުން އޭނާގެ މަންމަ މަރުވީ އުރަމަތީގެ ކެންސަރު ޖެހިގެންނެވެ. އަދި ބޮޑުދައިތައެއް ވެސް ހަމަ މިކަމުގައި ވަނީ މަރުވެފަ އެވެ. އެންޖެލީނާ ޖޮލީ ކެންސަރުން ސަލާމަތްވާން އެޅި ފިޔަވަޅާ އެކު ކެންސަރުގެ ނުރައްކާ އޮތް މިންވަރު ބަލަން ޖެނެޓިކްސް ޓެސްޓް ހަދާ މީހުން ވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ އެވެ.
އެކަމަކު ސައިންސްގެ އާ ހޯދުމަކުން މިހާރު ވަނީ އެހެން ގޮތަކަށް ސާބިތުވެފަ އެވެ. ކެންސަރުގެ ތެރޭގައި ގިނައީ ދިރިއުޅުމުގެ އާދަތަކާއި އާއިލާ ގޮތުން ވާރުތަވާ ޖެނެޓިކްސްއާ ގުޅުން ނެތް ކެންސަރު ކަމަށާއި ކޮންމެ މީހަކަށް ވެސް ކެންސަރު ޖެހިދާނެ ކަމަށް ސައިންސްގެ އާ ހޯދުމެއްގައި ބުނެފި އެވެ. އެކަމަކު ކެންސަރުގެ ޓިއުމަރަކީ ސިއްހީ ނުރަނގަޅު އާދަތައް ގިނަވުމާއި ކަސްރަތު މަދުވުމާއި އާއިލީ ގޮތުން ވާރުތަވާ ޖީންތައް ކަމަށް ސައިންސްވެރިން ބުނަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.
ސައިންސްވެރިން މިހާރު ބުނަނީ ކެންސަރުގެ މައިގަނޑު ސަބަބަކީ "ބަދުނަސީބު" ކަމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ ޖެނެޓިކްސް އާއި ކާނާ އާއި ކަސްރަތާއި ކާނާއާ މާބޮޑު ގުޅުމެއް ނެތެވެ. ކެންސަރު ޖެހުމަކީ އެ މީހެއްގެ ނަސީބާ ގުޅިފައިވާ ކަމެކެވެ. ފަހުގެ ހޯދުުމުން ދައްކަނީ ކެންސަރު ޖެހޭ މީހުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުންނަށް އެ ބަލި ޖެހެނީ ހަށިގަނޑުގެ ސެލްތައް އުފެދި ބެހެމުން ދިއުމުގެ ތެރޭގައި "ކުރިމަތިވާ ގޯހަކުން" ނެވެ. އަދި މިހެން މެދުވެރިވަނީ މީހެއްގެ ޖެނެޓިކްސް ނުވަތަ ދިރިއުޅުމުގެ އާދައާ ގުޅިގެން ނޫން ކަމާއި މިކަމަށް އިންސާނާގެ އެއްވެސް ބާރެއް ނޯންނަކަން ވަނީ ހާމަވެފަ އެވެ.
ގިނަ ސެލްތައް ހެދި ބޮޑުވުމަކީ ނުވަތަ ސެލް ޑިވިޝަން އަކީ އިންސާނަކު ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކޮންމެެެހެން ބޭނުންވާ ކަމެކެވެ. އެހެންވެ މި ޕްރޮސެސް ގިނައިން ހިނގި ވަރަކަށް ކެންސަރު ސެލްއެއް އުފެދުމުގެ ނުރައްކާ ވެސް ބޮޑުވެގެންދެ އެވެ. އެހެންވެ މި ހޯދުން މިހާރު ވެފައި ވަނީ ބައެއް ބާވަތްތަކުގެ ކެންސަރު މާގިނަވެފައި އެހެން ބައެއް ބާވަތްތަކުގެ ކެންސަރު މަދީ ކީއްވެތޯ މިހާ ދުވަހު ސައިންސްވެރިންގެ މެދުގައި އުފެދިފައި އޮތް ސުވާލަށް ލިބުނު ޖަވާބަށެވެ.
މިސާލަކަށް، ކޯލޯން ކެންސަރު ވަރަށް އާންމެވެ. އެކަމަކު ކުޑަ ގޮހޮރުގެ ކެންސަރުގެ އެހާ އާންމެއް ނޫނެވެ. އެހެން އެ ވަނީ ކޯލޯންގެ ސެލްތައް ޑިވައިޑްވުން ގޮހޮރުގެ ސެލްތައް ޑިވައިޑް ވުމަށް ވުރެ ދެ ގުނަ އަވަސް ވުމުންނެވެ.