ލައިފްސްޓައިލް

ހިޓްމޭން 2: އޭޖެންޓް 47 ގެ އާ މިޝަން ރާއްޖޭގައި

Sep 28, 2019
1

މަޝްހޫރު އިންޓަރެކްޓިވް ގޭމް "ހިޓްމޭން" ގެ ބަތަލު "އޭޖެންޓް 47" ގެ އާ މިޝަންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހިމަނައިފި އެވެ.

ގިނަ ބައެެއްގެ މަގުބޫލުކަން ހޯދާފައިވާ ހިޓްމޭން 2 ގައި ހިމެނޭ ގިނަ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވަނީ "ހޭވަން އައިލެންޑް" މިޝަންގެ ގޮތުގަ އެވެ.

އެ މިޝަންގައި އޭޖެންޓް 47 ޖެހެނީ ހޭވަން އައިލެންޑް ނަމަކަށްކިޔާ އެންމެ މަތީ ފެންވަރުގެ ރިސޯޓަކަށް ގެސްޓެއްގެ ގޮތުގައި ގޮސް، އެ ރަށް ހިންގުމުގައި އުޅޭ އިސް ތިން މީހަކު ވަކި ވަގުތެއްގެ ތެރޭގައި މަރާލާށެވެ.

އެ މިޝަންގެ ޓްރެއިލާ އިން ފެންނަ ގޮތުގައި، އެ ގޭމްގެ ޑިޒައިނަރުން ވަނީ ހޭވަން އައިލެންޑް ރާއްޖޭގެ ދޮންވެލި ގޮނޑުދޮށާއި، ވިލު ނޫކުލައިގެ މުދާއެކު ހިތްގައިމު ރިސޯޓެއްގެ ހުރިހާ ސިފަތަކެއް ހިމަނާފަ އެވެ.

އެ މިޝަންގައި ބުނެފައިވާ ގޮތުން، އެ ތިން މީހުން އިސްވެ އެ ރިސޯޓް ހުޅުވާފައިވަނީ ބޮޑެތި މުއްސަނދިންނަށް ގާނޫނާ ހިލާފު ގިނަ ކަންތަތަކެއް ކޮށްދިނުމަށެވެ.