ދިވެހިންނަށް ވަޒީފާ ނުދޭ ވާހަކައަކީ އަބަދުވެސް އޮންނަ ޝަކުވާ އެކެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ވަޒީފާތައް ދިވެހިންނަށް ނުލިބުމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެހެންވެ، ސަރުކާރުން މި ވަނީ ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާ ތަކަށް ބޭނުންވާ ދިވެހިން ހޯދަން ބޮޑު "ޖޮބް ފެއާ" އެއް ފަށާފަ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި އޮންނަ ކުރީގެ ފަރުކޮޅު ފުށި ރިސޯޓުގައި ކުރިއަށްދާ މި ޖޮބް ފެއާގައި 500 އަށް ވުރެ ގިނަ ވަޒީފާ އެބައޮތެވެ. ވަޒީފާ ބޭނުންނަމަ ދާން ކެރޭނެ ހެއްޔެވެ؟
ފަރުކޮޅު ފުށީގައި ކުރި އަށް ދާ "ޖޮބް ފެއާ" ގައިވާ ވަޒީފާ ތަކަށް ބަލާއިރު ހަމައެކަނި އޮތީ އެންމެ އާދައިގެ ވަޒީފާ ތަކެއް ނޫނެވެ. ކޮލިފިނޭޝަނަށް ބަލައި އަދާކުރެވިދާނެ ކިތަންމެ ވަޒީފާއެއް ހިމަނާފައި ވެއެވެ. ސީވީ ހިފައިގެން ގޮސް ވަގުތުން ވަޒީފާ ޔަގީން ކުރެވޭނެ ކިތަންމެ ފުރުސަތެއް ވެސް ހިމަނާފައި ވެއެވެ.
ޖޮބް ފެއާގެ ގަޑިތައް
- 27 ސެޕްޓެމްބަރު ރޭގަނޑު: 9:00 އިން 10:30 އަށް
- 28 ސެޕްޓެމްބަރު ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:30 އަށް
- 29 ސެޕްޓެމްބަރު ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:30 އަށް
އަދި އިތުރުން ކިޔަވަން ބޭނުންވާ ޒުވާނުންނަށް ހާއްސަ ސްކޮލާޝިޕް ފުރުސަތު ތަކެއް ވެސް ހުޅުވާލާފައިވެ އެވެ. ބައެއް ރިސޯޓު ތަކުން ހުޅުވާލާފައިވާ އިންޓާންޝިޕް ފުރުސަތު ތައް ވެސް ފެއާގައި ހިމެނެ އެވެ.
ފަރުކޮޅު ފުށީގައި ކުރި އަށް ދާ ޖޮބް ފެއާގައި 67 ރިސޯޓަކުން ބައިވެރިވެފައިވެ އެވެ. މި ފެއާ ކުރި އަށްދާއިރު ތަފާތު ހަރަކާތް ތަކެއް ވެސް އެތަނުގައި ކުރިއަށް ދާނެ އެވެ.
ފެއާގައި ރާއްޖޭގެ ބޭންޑް ތަކުން ލައިވް މިއުޒިކް ކުޅެމުންދާނެ އެވެ. އަދި ފެއާގެ ތެރޭގައި ކޮންމެ ރެއަކު ވެސް ޓޫރިޒަމް ދާއިރާގައި ކާމިޔާބު ހޯދާފައިވާ އެކި ފަރާތްތަކުގެ ތަޖުރިބާ އާއި އެ މީހުން ކުރިއަށް ދާން ކުރި ދަތުރުގެ ވާހަކަ ހިއްސާ ކުރުން އޮންނާނެ އެވެ.