އަހުމަދު މަހްލޫފު

މިނިސްޓަރު މަހުލޫފާ ސުވާލު ކުރުމުގެ ފުުރުސަތެއް!

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެންޕަވަމަންޓްގެ މަސައްކަތްތަކާއި ގުޅޭގޮތުން އާންމުންނަށް ސުވާލުކުރުމުގެ ފުރުސަަތު ހުޅުވާލެވިފައިވާކަމަށް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތަކާއި، އަދި އެ ވުޒާރާއާއި ގުޅޭގޮތުން އާންމުން ކުރަން ބޭނުންވާ ސުވާލުތަކަށް ފުުރުސަތު ހުޅުވާލާފައިވާކަމަށާ އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުން މަަހަކު އެއްފަހަރު ކުރިއަށް ގެންދިއުމަަށް ނިންމާފައިވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ ޒުވާނުންނާއި ކުޅިވަރުގެ މިނިސްޓްރީއާ ގުޅޭގޮތުން އާންމުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް އޮންލައިން ސެޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ސުވާލުތަކަށް މަހަކު އެއް ފަހަރު ޖަވާބުދޭއިރު، ފުރަތަމަ ސެޝަން އަންނަ އަންގާރަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މަހުލޫފާ އެއްވެސް ސުވާލެއް ކުރަން ބޭނުންނަމަ ހޭޝްޓެގް ޖަހާފައި އަހަރެންގެ ސުވާލު (#AharengeSuvaalu) ޖެހުމަށްފަހު އެ ސުވާލެއް ޓްވީޓްކުރުމަށް ވަނީ އެދިފައެވެ.

ކުރައްވާ އެކިއެކި ކަންކަމާއި ގުޅިގެން ބައެއް ފަހަރު ވަރަށް ބޮޑެތި ފާޑުކިޔުންތައް މިނިސްޓަރު މަހުލޫފަށް އަމާޒުވެއެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅު އޭސީސީއިން އާންމުކުރި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓުގައި މަހުލޫފްގެ ނަން ހިމެނިފައިވުމުންވެސް އޭރު މަހުލޫފަށް ވަރަށް ބޮޑެތި ފާޑުކިޔުން އަމާޒުވެ، ބައެއް ފަރާތްތަކުން ގިނަ ތުހުމަތުތަކެއް ކުރިއެވެ. އަދި މައްސަލަ ބަލާ ނިމެންދެން މިނިސްޓަރު ގޭގައި މަޑުކުރަންވެސް ރައީސް އޮފީހުން އެންގިއެވެ.

ފަހުން އެމްއެމްޕީއާރުސީގެ ޚިޔާނުގައި މަހުލޫފްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމާ، މަސައްކަތަށް ނިކުތުމުގެ ހުއްދަ ރައީސް ދެއްވިއެވެ.

ފާޑުކިޔުން އަމާޒުވިނަމަވެސް، މިނިސްޓަރު މަހުލޫފަކީ ވަރަށް ސޯޝަލް، މީހުންނާ ގުޅޭ ބޭފުޅެކެވެ. ސިޔާސީ ބޭފުޅުންގެ ތެރެއިން އާންމުންގެ ތާއީދު ބޮޑުވެސް ބޭފުޅެކެވެ.