ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(26 ސެޕްޓެމްބަރ 2019 އާ ގުޅޭ)

ޝިޔާނުގެ ކޯލު ލިއަމް ނެގިއެވެ. ޝިޔާނު ގުޅީ ޔުސްރާ ބުނެގެންނެވެ. އަލްމާމެންގޭގައި މަޖާ ހަދާތީ ހޭޒަލް ގޮވައިގެން އަންނާށޭ ބުނުމަށެވެ. ލިއަމް ކޯލު ނިންމާލާފައި ޝިޔާނު ދެއްކި ވާހަކަތައް ހޭޒަލްއަށް ކިޔައިދިނެވެ. ދެން ވެސް ހޭޒަލް ބުނީ އެގެއަށް ދާންވީ ކަމަށެވެ. އެހާ ގަޔާނުވި ނަމަވެސް ލިއަމް ސައިކަލު ދުއްވާލިއެވެ.

އާދައިގެ ދުވެއްޔަގަ ސައިކަލު ދުއްވަމުން އައިސް އަލްމާމެންގޭ ދޮށަށް ލިއަމް މަޑުކޮށްލިއެވެ. މަގަށް ވާގޮތަށް ހެދިފައި ހުރި ބޮޑު ބިޔަ ބަނބުކެޔޮ ގަހުގެ ހިޔާ ދުރަށް ފެތުރިފައި އޮތެވެ. އެގޭ ފާރުކައިރީ ލިއަމް ސައިކަލުގައި މަޑުކޮށްލައިގެން އިނީ ހޭޒަލް ފައިބަންދެންވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހޭޒަލް ފޭބިއެވެ. ސައިކަލު ނިއްވާލައި ހަރު ޖައްސާލުމަށްފަހު ލިއަމްގެ ނަޒަރު ހޭޒަލްއަށް ހުއްޓުނެވެ. ހޭޒަލްގެ ނަޒަރު ހުރީ އަލްމާމެންގޭ ދޮރޯށްޓަށް ހުއްޓިފައެވެ. އޭނަގެ ސިކުނޑީގައި ހިނގާ ޚިޔާލުތަކަކީ ކޮބައިކަން ސީދާ ދެނެގަންނަން ލިއަމްއަށް ނޭނގުނަސް އޭނާ ލަފާކޮށްލިއެވެ. އަލްމާމެންގެއަށް އައުން ރަނގަޅު ކަމެއްކަމުގަ އޭނާ ނުދެކެނީ އެހެންވެއެވެ. ނަމަވެސް ހޭޒަލްގެ ޝައްކުތައް އިތުރުވެދާނޭ ފަދަ އެއްވެސް ކަމެއް ކުރާކަށް މިވަގުތު ލިއަމް ބޭނުމެއްނޫނެވެ. އެއަށްވުރެ އޭނާ އެ ހުރީ ހާސްވެ ކަންބޮޑުވެފައެވެ.

"ދެން ތިހެން ނީނދެ ޝިޔާނަށް ގުޅާބަލަ، ބުނެބަލަ އަހަރެމެން އައިސް ތިބި ވާހަކަ، ލިއަމް ބޭނުމިއްޔާ ގޭތެރެއަށް ވަދެގެން ދާންވީ، އަހަންނަށްވުރެ މިގޭ މީހުންނާ ލިއަމް ގާތެއްނު" ހޭޒަލްގެ އަޑުގައި ހުރީ ޖެއްސުމުގެ ރާގެކެވެ.

ބަހެއްނުބުނެ ލިއަމް ޖީބުގައި އޮތް ފޯނު ނަގައި ޝިޔާނަށް ގުޅާލިއެވެ. އޭނާ މާގިނަ ވާހަކައެއް ނުދައްކައެވެ. ޝިޔާނު ގާތު އެމީހުން ތިބީ ދޮރޯށި ދޮށުގައޭ ބުނެލާފައި ދެން ޝިޔާނު ދެއްކި ވާހަކައަކަށް ލިއަމް ހޫންލައްވާލީއެވެ. އެއާއެކު ފޯނުކޯލު ކަނޑާލައިފިއެވެ. ގިނައިރެއްނުވެ ދޮރޯށިން ބޭރަށް ބޯދިއްކޮށްލި ޝިޔާނު ގޮވާލި އަޑު އިވުނެވެ. އޭނާ އެދުނީ އެތެރެއަށް އައުމަށެވެ. ލިއަމްއާއި ހޭޒަލްއާ އެކުއެކީ ހިނގައިގަތެވެ.

ބަދިގެ ފަރާތުގައި ހުރި ޖޯލިފަތީގައި ޔުސްރާ އިނެވެ. އޭނާއާ ކުރިމަތިވާނޭހެން ޖޯލިފަތި ކައިރީ ބަހައްޓާފައި ހުރި ދިގު ގޮނޑީގެ ދެފަރާތަށް ފައި ލައިގެން އަލްމާ އިނެވެ. ދެ މީހުން ވެސް ތިބީ މަޖާ ހަދަން އެއްޗެހި ކޮށާށެވެ. ޝިޔާނާއެކު ވަދެގެން އައި ލިއަމްއާއި ހޭޒަލް ފެނުމުން ޔުސްރާއާއި އަލްމާ ވެސް ހިނިތުންވެލިއެވެ. އަލްމާގެ ނަޒަރު ލިއަމްއަށް ހުއްޓިލި ހިނދު ހޭޒަލް ވެސް ލިއަމްއަށް ބަލާލިއެވެ. ލިއަމް ހުރީ އިސްއޮބާލައިގެންނެވެ.

"އަދި ރެޑީވަނީ އިނގޭ... އާދޭ ޒެއްލު ވެސް ބައިވެރިވާން" ޔުސްރާ ބުންޏެވެ. ހޭޒަލް ފަނޑު ހިނިތުންވުމެއް ބަދަލުކޮށްލަމުން ބޯޖަހާލިއެވެ.

"އަލްމާ!... ދޭބަލަ އިތުރު ވަޅިއެއް ގެންނަން" ޔުސްރާ ބުންޏެވެ.

"ޒެއްލުއަށް އެނގޭނެތަ މިކަހަލަ އެއްޗެހި ހަދަން" އަލްމާ އަހާލިއެވެ.

"ތިދެން މީހަކަށް ނޭނގޭވަރު ކަމެއްތަ؟ އަލްމާ ހީކުރީ އަހަންނަކީ މަސައްކަތެއްކުރަން ނޭނގޭ އަނތްބެއްކަމަށްތަ؟.... އަހަރެންގެ ކޮންމެ އިޝާރާތަކަށް ގެންގުޅޭ މީހުންނެއް ނުތިބޭ... ލިއަމް އަދި އެހާ މުއްސަންޖެއްނުވޭ... ދޯ ލިއަމް!... އެހެންނޫނަސް ލިއަމްއަކަށް ކަމަކުނުދާނެ ކޮންމެ މީހަކުކަމެއް ކޮށްދީގެން، އަހަރެންކޮށްދޭ ގޮތަކަށް އެހެން ކޮންމެ މީހަކަށް ނުކޮށްދެވޭނެއެއްނު ދޯ... އަނބިމީހާ ވަރެއް ނުވާނެތާ" ހޭޒަލް ބުންޏެވެ.

"ހުރިހާ ގޮތަކުން ބަލާފަ ދޯ ލިއަމް ޒެއްލުއާ މެރީ ކުރީ... އެހެންވީރު އަނބިމީހާއާ ދުރަށްދާން ލިއަމްއަށް ވަރަށް އުނދަގޫވާނެ ދޯ" އަލްމާ ބުންޏެވެ.

"އާން! ތަނަކުން އަންހެނަކު ފެންނައިރަކަށް އަނތްބަކަށް ނުހެދޭނެއެއްނު... ދޯ ލިއަމް" މިފަހަރު ވެސް ހޭޒަލް ދޯ ދިނީ ލިއަމްއަށެވެ. އޭނާއިނީ ފޯނު ނަގައިގެން ފޯނާ ކުޅޭށެވެ. އެހެން ދިމާއަކަށް ސަމާލުކަން ދޭން ބޭނުންނުވާ ކަހަލައެވެ. ނަމަވެސް ހޭޒަލް ދައްކާ ވާހަކަ އޭނާއަށް ސާފުކޮށް އިވެއެވެ. އެ ވާހަކަތަކުގައި ފޮރުވިފައިވަނީ ކީކޭކަން ވެސް އޭނާ ދެނަހުއްޓެވެ. އެއްޗެކޭ ބުނަން ބޭނުންނުވަނީ ހޭޒަލްގެ ހިތުގާވި ވަހުމްތައް އަލިފާންގަނޑެއްގެ ހުޅުގަނޑު ފަދައިން ބޮޑުވެ ފެތުރިދާނޭކަމުގެ ބިރަށެވެ.

"ދެން ދޭ ބަލަ ވަޅި ގެނެސްދެން.... ދޯ ޒެއްލު" ޔުސްރާ އަނެއްކާ ވެސް އަލްމާ ގާތު ބުނެލިއެވެ. އޭނާ ތެދުވަމުން ކޮށަން އިން ކެރެޓުކޮޅުގެ ބާކީ އޮތް ކުޑައެތިކޮޅަކު ލިއަމްއަށް ދިއްކޮށްލިއެވެ. ނަމަވެސް ނިކަން އަވަހަށް ލިއަމް ބޯހޫރުވާލީ ބޭނުމެއްނޫނޭ ބުނާ ފަދައިންނެވެ.

"ލިއަމް ކެރެޓު ކަމެންނު" އަލްމާ ބުންޏެވެ.

"ބޭނުމެއްނޫން" ލިއަމް ބުންޏެވެ.

"އަހަރެން ކާލަފާނަން" އަލްމާގެ އަތުން ކެރެޓުކޮޅު ނަގައި ހޭޒަލް އަނގަޔަށް ލިއެވެ. އަލްމާ ހިނިތުންވާން މަސައްކަތް ކުރިއެވެ. ނަމަވެސް އެތުންފަތަށް ހިނިތުންވުމެއް ވެރިއެއްނުވިއެވެ. އޭނާ އަވަސް އަވަހަށް ބަދިގެއަށް ވަންނަން ދިޔައެވެ. ޔުސްރާ ބުނިހެން ހޭޒަލްއަށް ވަޅިއެއް ހިފައިގެން އަންނާށެވެ.

ޔުސްރާ ކޮށަން އިން ތަށި ދިގު ގޮނޑިމަތީ ހުރި ބޮޑުތަށްޓަށް އޮއްސާލިއެވެ. އަދި އެ ތަށި ހޭޒަލްއަށް ދެމުން އޭގެ ތެރެއަށް ޅަފަޅޯ ދެތިން ފޮތި ލައިދިނެވެ. ޔުސްރާ ބޮޑުތަށި ނަގައި އޭނާގެ އުނގުގައި ހަމަޖައްސާލުމާއެކު އެ ތަށީތެރޭގައި ބާކީ ހުރި ފަޅޯ ފޮތިތައް ކޮށަން ފެށިއެވެ. ޔުސްރާ ކޮށާ ގޮތް ބަލައިގެން އެވަރަށް ހޭޒަލް ވެސް ފަޅޯ ކޮށަމުންދިޔައެވެ. އެ މަސައްކަތުގައި ތިއްބަ ގޭތެރެއިން ބުރުގާ އަޅާފައި ހުރި މުސްކުޅި އަންހެނަކު ނުކުތެވެ. ކުޑަކުއްޖަކު އުރާލައިގެންނެވެ.

"އަހާ!... ލިއަމް އެބައިނިންތަ؟..." އެ އަންހެން މީހާ އެއްޗެކޭ ބުނަން އުޅެފައި ވެސް ލިއަމް ފެނުމުން ފުރަތަމަ ވެސް ގޮވާލީ އޭނާއަށެވެ. ލިއަމް އިސްއުފުލައި ތުންފިއްތައިގެން ކަހަލަ ގޮތަކަށް އަވަސް ހިނިތުންވުމެއް ދިނެވެ. އަދި އަނެއްކާ ވެސް އިސްއޮބާލައި އަތުގައި އޮތް ފޯނަށް ބަލަން ފެށިއެވެ.

"އަލްމާ!... މި ސޮރު ފެންވަރުވާކަށްނުވޭތަ... ރައްޒާގަށް ގުޅައިފިންތަ؟ ރަށަށް އާދެވޭނީ ކިހާތާކުއޭ ބުނިތަ؟ މަށަށް ފެންނަނީ މި ސޮރު ގޮވައިގެން ހޮސްޕިޓަލަށް ދާން، ރޯގާ އެހުރީ މޭގަ ހިފާފަ، އެހެންވެ އެވަރަށް ރޮވެނީ ވެސް" އެ މުސްކުޅި އަންހެން މީހާ ބުންޏެވެ. އޭނާގެ ސަމާލުކަން ޔުސްރާގެ ގާތުގައި އިން ހޭޒަލްއަށް ހުއްޓުނެވެ. އިރުކޮޅަކު ހޭޒަލްއަށް ބަލަން އޭނާ ހުއްޓެވެ. އޭނާ ބަލާވަރުން ހޭޒަލް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"ތީ ޝާފިޔާމެންގޭ ކުއްޖެއްތަ؟" އެ އަންހެން މީހާ އަހާލިއެވެ. އެއާއެކު ޝިޔާނާއި ޔުސްރާ ނިކަން ބާރަށް ހޭންފެށިއެވެ.

"ދޮންއައިސަ ދައްތަ ހީކުރީ އެއީ ޝާފިޔައްތަގެ ޔުމްނާކަމަށް ދޯ" ހެމުންހެމުން ޔުސްރާ ބުންޏެވެ.

"އެމަންޖެއެއްނޫންތަ؟... އެ ބޭރުމީހާއަށް ޝާފިޔާ ވިހޭ ކުއްޖާއެއްނޫންތަ؟... އެމަންޖެ ވެސް މިހާރު މިހާކަށްވަރު ވެދާނެ، ކޮންއިރަކު މިރަށަށް އައީ؟" އަދިވެސް ޔަގީންނުވެ ހުރެ އެ އަންހެންމީހާ ވާހަކަދެއްކިއެވެ.

"ދޮންއައިސަ ދައްތަ ހޯދަން އައިސް އޭނީ" ޝިޔާނު ސަމާސާ ގޮތަކަށް ބުންޏެވެ.

"އެއީ ތެދެއްތަ... މަންޖެ މަންމަ ނުވެސްފެނޭ މިހާރު" ޝިޔާނު ބުނި އެއްޗަކުން ދޮންއައިސައަށް އޮޅުނީއެވެ.

"ސާބަސް މަންމާ!... އެއީ ޔުމްނާއެއްނޫނޭ..." އަލްމާ އިނދެފައި ބުންޏެވެ.

"މީނދަ ލިއަމްގެ އަންހެނުން އެއީ..." ޔުސްރާ ބުނެލިއެވެ.

"ނާހަމަތެދެއް... ދޮގެއް ދޯ... ލިއަމް އުޅެނީ މީހަކާ އިނދެގެންތަ؟" ދޮންއައިސައަށް ބުނެވުނެވެ. ހޭޒަލް ބަލާލީ ލިއަމްއަށެވެ.

"އެއީ އަހަރެންގެ އަންހެނުން... ހޭޒަލް..." ލިއަމް ނިކަން އަވަހަށް ބުންޏެވެ.

"މި އަލްމާ ނުވެސް ބުނޭ ލިއަމްގެ އަނތްބަކު ހުންނަ ވާހަކައެއް، އޭނާއަށް އެއްޗެއް ދީފިންތަ؟... ކަލޭމެން އެމަންޖެ ލައްވާ މަސައްކަތްކުރުވަނީތަ؟" ދޮންއައިސްއަށް އެތަނުގައި ހިނގާ ކަންތައްތަކަށް ނަޒަރު ހިންގާލެވުނެވެ. އަލްމާ އަވަސް ނަޒަރެއް ލިއަމްއަށް ދިނެވެ. ނަމަވެސް ލިއަމް އިނީ އެއަޑު އިވޭ ކަމަށް ވެސް ހަދާނުލައެވެ.

"މަޖާ ހަދަން އުޅޭއިރު އެންމެން ވެސް ބައިވެރިވާންވާނެއެއްނު... ލިއަމްމެންނަށޭ މަޖާ މި ހަދަނީ" އަލްމާ ބުންޏެވެ.

"އެހެންތަ!... އެހެންވީރު މަންމަ އަރްޝަމް ފެންވަރުވާލަފާނަން" ދޮންއައިސަ މިހެން ބުނެ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

"އެއީތަ އަލްމާގެ މަންމަ" ހޭޒަލް އަހާލިއެވެ. އެއާއެކު އަލްމާ ބޯޖަހާލިއެވެ.

މަޖާތަށި މޮޑެން ޔުސްރާގެ ކަނާއަތުގެ ހެދުމުގެ އަތް އުޅަންބޮށްޓަށްވުރެ މައްޗަށް އަރުވާލިއެވެ. އޭނާ އަތްދޮވެގެން އައިސް މަޖާ މޮޑެން ފެށީ ޖޯލިފަތީގެ ކުރިމަތީ ބަހައްޓާފައި ހުރި ދިގު ގޮނޑީގައި އިނދެއެވެ. އޭނާއަށް އަތްގާތްކޮށްދޭން އަލްމާ ހުއްޓެވެ. ޝިޔާނު އިނދެފައި ހޭޒަލްއަށް ގޮވާލުމާއެކު ފޮޓޯއެއް ވެސް ނުނަގަންތޯ އަހާލިއެވެ. އެއާއެކު ހޭޒަލް ފޯނު ނަގައި އެތަނުގައި ހިނގަމުންދާ ކަންކަމުގެ ފޮޓޯތައް ނަގަމުންދިޔައެވެ. މަޖާތަށްޓަށް ޔުސްރާ ފިތާލާ ގިތެޔޮ މިރުސްތަކުގެ ކުޅި ވަސްގަނޑުން ނޭފަތުގެ ހިނދުރީގައި ވެސް ދިލަކަމެއް ހަރުލަމުން ދިޔަ ކަހަލައެވެ. ޝިޔާނު އިނދެގެން މަޖާ އެއްޗެހި ކިޔައެވެ. އޭނާގެ މޫނުން ހީވަނީ ކޮންމެ މިރުހެއް ފިތާލަނީ އޭނާގެ މޫނަށް ހެންނެވެ. އޭނާގެ ސަކަރާތް ފެނި ހޭޒަލްއަށް ވެސް ހެވުނެވެ. ދެ މިރުސް ފިތާލެވެންވާއިރަށް ޝިޔާނު ހޯހޯ ގޮވަން ފަށައިފިއެވެ.

"ފުރަގަސްފަރާތުން ތި ހުރިހާ މިރުހެއް ފައިބާއިރު އަލާކެނޑޭވަރުވާނެ.... މަށަކަށް ކެތެއްނުވާނެ، ތި އެހާ ކުޅިނުކުރާތި، މީނދަ ލިއަމްއަކަށް ވެސް ނުކެވޭނެ" ޝިޔާނު ބުންޏެވެ. ޔުސްރާ ހީނހީނފައި ބޮޑު ގިތެޔޮމިރުހުގެ ތިން މިރުސް ފިތާލިއެވެ. އެވަރުން ވެސް އޭނާއާއި އަލްމާއަކަށް ކުޅިއެއް ނުވިއެވެ.

"އަލްމާ!... ދޭބަލަ ސަމްސާ ހިފައިގެން އަންނަން، މިމީހުން ރަހަބަލަން... އަހަންނަށް އަދިވެސް ކުޅިމަޑު" ޔުސްރާ ބުންޏެވެ. އަލްމާ އަތުގައި ހުރި ރިހާކުރުފުޅި ދިގު ގޮނޑިމަތީ ބަހައްޓާފައި ކާގެއަށް ވަދެ ތިން ސަމްސާ ހިފައިގެން އައެވެ. ޝިޔާނާއި ހޭޒަލްއަށް ސަމްސަލެއް ދިއްކޮށްލިއެވެ. ދެން އޮތް ސަމްސާ އަލްމާ އަތުގައި އޮތެވެ. ޝިޔާނު ރަހަބަލާފައި ދެ ލޯ މަރާ ތަގުޅިކޮށްލިއެވެ. ހޭޒަލް ވެސް ސަމްސަލުން މަޖާގަނޑުން ދިޔަފޮދެއް ނަގައި ރަހަބަލާލިއެވެ. ކަންފަތް ތެރެއިން ކުޅިގަނޑުގެ އާވިކަން ނުކުތް ކަހަލައެވެ. "ޗޫސް" ދަމާލާފައި ސަމްސަލުން ދިޔަފޮދެއް ނަގައި ލިއަމްއަށް ހޭޒަލް ދިއްކޮށްލިއެވެ. ހަމައެވަގުތު އަލްމާ ވެސް މަޖާތަށިން އެތިކޮޅެއް ނަގައި ލިއަމްއަށް ދިއްކޮށްލައިފިއެވެ. އަލްމާއަށް ބަލާލުމެއްނެތި ލިއަމް ހިފީ ހޭޒަލްގެ އަތުގައެވެ. އަދި އެ އަތުގައި އޮތް ސަމްސަލުން ލިއަމް ރަހަބެލިއެވެ.

"ހާދަ ކުޅިއޭ... އެކަމަކު މަޖާ..." ލިއަމް ބުނެލީ ހޭޒަލްއާ ދިމާއަށް ކުޑަކޮށް އެނބުރިލައިގެން ހުރެއެވެ. ލޮލުގެ ހިމަކޮޅުން އަލްމާއަށް ހޭޒަލް ބެލިއެވެ. އޭނާ ސަމްސާ ގެނެސް އަމިއްލަ އަނގަޔަށް ލާފައި ފާޑަކަށް ލިއަމްއަށް ބަލާލިއެވެ. ހީވީ ޤަބޫލުކުރަން އުނދަގޫކަމެއް ކުރިމަތިން ފެނުނީ ހެންނެވެ.

"ދެން ކުޅި ނުކުރާތި... މަށެއްނުކާނަން ދެން ކުޅި ކޮށްފިއްޔާ" ޝިޔާނު އިނދެފައި ޔުސްރާއަށް ބުންޏެވެ. ހީނގަންނަމުން ޝިޔާނުގެ އެދުން ޔުސްރާ ޤަބޫލުކުރިއެވެ.

ތަށިތަށްޓަށް މަޖާ އަޅައިގެން ކާން އެންމެން ތިއްބެވެ. ޝިޔާނާއި ޔުސްރާ ތިބީ ޖޯލިފަތީގައެވެ. ކާގޭގެ މޭޒުދޮށުގައި އެކަކު އަނެކަކަށް ކުރިމަތިވާނޭހެން ހޭޒަލްއާއި ލިއަމް އިނެވެ. ލިއަމް އިނީ ދޮރާ ދިމާއަށް ކުރިމަތިވާނޭ ހެންނެވެ. ޖޯލިފަތި ކައިރީ ހުރި ދިގު ގޮނޑީގެ ކޮޅުގައި އަލްމާ އިނެވެ. އޭނާއާއި ލިއަމްއަށް އެކަކު އަނެކަކު ރީތިކޮށް ފެނެއެވެ. އަލްމާގެ ނަޒަރު ގިނައިން ހުއްޓިފައި ހުރީ ލިއަމްއަށެވެ. އެކަން ލިއަމްއަށް ވެސް އެނގެއެވެ. އޭނާގެ ނަޒަރު ދޮރުން ބޭރަށް ހުއްޓިއްޖެނަމަ ނިކަން އަވަހަށް ނަޒަރު ވަކިކޮށްލާ ހޭޒަލްއަށް ބަލާލައެވެ. މަޖާ ކުޅިކަމުން ހޭޒަލްގެ މޫނުން ވެސް ދާތިކިތައް ފާޅުވޭވޭ ހުއްޓެވެ. ލިއަމްއަށް ވެސް އިނީ ހޫނުވެފަ އެވެ.

"ވަރަށް ހޫނުވެއްޖެ ދޯ" ޓިޝޫތަކެއް ހިފައިގެން އައިސް ކާގެއަށް ވަން އަލްމާ ބުންޏެވެ. އޭނާ މޭޒުމަތީ ޓިޝޫތައް ބަހައްޓާފައި އެތަނުން ދެތިން ޓިޝޫ ނަގައި ލިއަމްއާ ދިމާއަށް އެނބުރިލިއެވެ.

"ދާހިއްލާ ފޯވަނީނު ތިއޮއް... ދައްކާ ފުހެލާނަން" އަލްމާ އުޅުނީ ލިއަމްގެ ދަތްދޮޅީގައި ހިފަހައްޓާލަމުން އޭނާގެ މޫނު ފުހެލަ ދިނުމަށެވެ. ނަމަވެސް ހޭޒަލްގެ ބެލުމުގައިވި ހޫނުކަން ލިއަމްއަށް ވެފައި އިން ހޫނުކަމަށްވުރެ ގަދަކަން އިޙްސާސް ވިއެވެ.

"އަހަންނަށް މޫނު ފުހެވޭނެ" ލިއަމް ބުންޏެވެ.

"ލިއަމްއަށް ނުވާނެކަމަކަށްނޫނޭ... އަހަރެން ފުހެލަދޭން ވެގެންނޭ... މީ އެވަރުކަމެއްނޫނެއްނު" އަލްމާ ބުންޏެވެ. އެހިނދު އަލްމާގެ އަތުގައި ލިއަމް ހިފެހެއްޓިއެވެ. ހޭޒަލް އިންތަނުން ތެދުވިއެވެ. އަދި ޓިޝޫ ހިފައިގެން އައިސް އަލްމާއާއި ލިއަމްގެ ދޭތެރެއަށް ވަނެވެ. އަދި ލިއަމްގެ މޫނު ޓިޝޫއަކުން ރީތިކޮށް ފުހެލަ ދިނެވެ.

"މި ނިމުނީނު މިކަން... ލިއަމްގެ ތަންތަން ފުހެދޭންވާނީ އަހަރެން ދޯ... އަލްމާ ހާސްނުވޭ، އަހަރެން ލިއަމްގެ ކަންކަން ބަލަހައްޓަމޭ" ހޭޒަލް ބުންޏެވެ. ހިނިތުންވާން ނުވާން އުޅޭ ކަހަލަ ގޮތަކަށް އަލްމާގެ ތުންފަތް ހަރަކާތްކޮށްލުމާއެކު މަޑުމަޑުން ބޯޖަހާލިއެވެ. އޭނާއަށް ހޭޒަލް ބުނި އެއްޗަކާ ދެކޮޅު ހެދެން ނެތުމުން އެއްބަސްވީ ކަހަލައެވެ. ކާގެއިން ނުކުތްއިރު އަލްމާގެ މޫނުގައިވީ މާޔޫސްކަމެވެ. އޭނާ އައިސް އިހުއިން ތަނުގައި ދިގުގޮނޑީގައި އިށީނދެއްޖެއެވެ. އަދި މާޔޫސީ ނަޒަރަކުން ލިއަމްއަށް ބަލަންފެށިއެވެ.

މަޖާކައި ނިމި ލިއަމް ކޭތަށި ވެސް ދޮވުނީ ހޭޒަލްގެ ދެއަތުންނެވެ. އެހެންމީހަކާ އެއްވެސް ކަމެއް ހަވާލެއް ނުކުރިއެވެ. ލިއަމްއަށް ފެންއަޅައިދީ ފެންތަށި ދިނީ ވެސް ހޭޒަލްގެ އަތުންނެވެ. ފެންބުއި ތަށި ކާގެއަށް ލާފައި ނުކުތް ހޭޒަލްއާ ޝިޔާނު ވާހަކަދައްކަން ފެށިއެވެ. އެވަގުތު ޖޯލީގައި އިން ލިއަމްއާ ގާތަށް އަލްމާ ދިޔައެވެ. ޝިޔާނު ދެއްކި ވާހަކައަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ހޭޒަލްގެ ކަންފަތް ހުރީ ލިއަމް ގާތު އަލްމާ ދައްކާ ވާހަކައެއް އަޑު އެހުމަށް ހުޅުވިފައެވެ.

"ހިނގާބަލަ އެފަރާތަށް... އެއްކަލަ ދޫނި ބަލާލަން، ލިއަމްގެ އަތުން ކާންނުދޭތާ ކިހާ ދުވަހެއްމިވީ" އަލްމާ ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. އެބުނާ ދޫންޏަކީ ކޮބައިބާވައޭ ހޭޒަލްގެ ހިތަށް ވަގުތުން އެރިއެވެ. ނަމަވެސް މަޑުކޮށްލީ ލިއަމް ކަންތައް ކުރާ ގޮތެއް ބަލާށެވެ. އެހެންވެ ހޭޒަލްގެ ހަރަކާތްތައް ބެހެއްޓީ ލިއަމްއާއި އަލްމާ ކުރާކަމަކަށް ސަމާލުކަމެއް ނެތްހެންނެވެ. އެނާ ހުރީ ޝިޔާނުގެ ވާހަކައިގަ ޖެހިފައި ހުރި މީހަކު ހެންނެވެ.

"ކީއްކުރަން... އަހަރެން ކާންނުދިނެއްކަމަކު އެ މަރެއްނުވާނެއެއްނު..." ލިއަމް ބުންޏެވެ.

"މަރުވެއްޖެއްޔާ ލިއަމް ދެރައެއް ވެސް ނުވާނެ ދޯ" އަލްމާ ނިކަން ގޮތަކަށް ބުނެލިއެވެ.

"އަހަރެން އައުމުގެ ކުރީން ވެސް އެ ދޫނި އުޅުނީ ކައިގެން ބޮއެގެން، ކުޑަދުވަސްކޮޅެއްގެ ތެރޭ އަހަންނާ އޮޅުވުމަކީ އެ ދޫނީގެ މޮޔަކަން، އަހަންނަކީ ތާއަބަދަށް ހުންނާނޭ މީހެއްނޫންކަން އެ ދޫންޏަށް ނޭނގުމަކީ އޭގެ މައްސަލައެއް" ލިއަމް ވާހަކަދެއްކިއިރު އަލްމާއަށް އެއްފަހަރު ވެސް ބަލާނުލިއެވެ.

"ޕްލީޒް... އެންމެފަހަރަކު ހިނގާބަލަ..." އަލްމާގެ އަޑު އިހުނަށްވުރެ ވެސް މަޑުވިއެވެ. ލިއަމް ފަރުވާތެރިކަމާއެކު އަލްމާއަށް ބަލާލިއެވެ. އެއަށްފަހު އޭނާގެ ނަޒަރު ހޭޒަލްއަށް ހުއްޓުނެވެ.

"ހިނގާބާ ލިއަމް" ލިއަމްގެ އަތުގައި އަލްމާ ހިފާލިއެވެ.

"ކޮންތާކަށް؟..." ލިއަމްއާ ދިމާއަށް އެނބުރިލުމާއެކު ހޭޒަލް އަހާލިއެވެ. ހަމައެހިނދު އަލްމާގެ އަތުގެ ތެރެއިން ލިއަމް އަތްދަމައިގަތީ ކަރަންޓު ޝޮކެއް ލިބި ވިއްސައިގެން ދާހާ އަވަހަށެވެ.

"އަލްމާ ގެންގުޅޭ ދޫންޏެއް އެފަރާތުގައި ހުރި ކޮށްޓެއްގަ އިނދެގެން" ލިއަމް ނިކަން އަވަސްއަރުވާލާފައި ބުންޏެވެ. ލިއަމްގެ ހަރަކާތްތައް ހުރި ގޮތުން އަލްމާ ހީވަނީ ކަމެއް ނޭނގިފައި ހުރި މީހަކު ހެންނެވެ. އޭނާ ލިއަމްއަށް ބަލާލުމަށްފަހު ހޭޒަލްއަށް ބަލާލިއެވެ. އެ ދެމެދުގައި އަލްމާއަށް ނޭނގޭ ކަމެއް ހިނގާހެން ހީވާ ކަހަލައެވެ.

"ހިނގާބަލަ... ލިއަމްއަށް އެކަނިތަ އެ ދޫނި ދައްކަނީ، އަހަންނަށް ތިބުނާ ދޫނި ނުދައްކާނަންތަ؟" ހޭޒަލް ނިކަން އުފާވެރި ހިނިތުންވުމެއް ދައްކާލިއެވެ.

"އެބައަންނަން މަންމަ ކައިރިއަށް ގޮސްފަ" ހޭޒަލްއަށް ޖަވާބެއް ނުދޭންވެގެން އަލްމާ ބަހަނާއެއް ދެއްކި ކަހަލައެވެ.

"އޯކޭ..." ހޭޒަލް މިހެން ބުނެ އައިސް ލިއަމްއާ ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. އެމީހުންނާ އެއްޖޯލި ދޫކޮށް ދެން ހުރި ދެ ޖޯލީގައި ތިބީ ޔުސްރާއާއި ޝިޔާނެވެ.

"އިރުއޮއްސެން ވާއިރަށް ހިނގާ ދުއްވާލަން ދަމާ" ޝިޔާނު އިނދެފައި ބުންޏެވެ. ލިއަމް ނިކަން އަވަހަށް އެއްބަސްވިއެވެ. ހީވީ އެގެއިން ނުކުންނަން އޭނާ ބޭނުންވެފައި އިންދާ އެ ނަސީބުލެއްވީ ހެންނެވެ. އޭނާ ހޭޒަލް ގާތު ދުއްވާލަން ނުކުންނަން ބުންޏެވެ. ޔުސްރާ ބުނީ އޭނާ ވެސް ދާން ބޭނުންވާ ކަމަށެވެ. އެކަމަކު އެ ނަސީބެއް އަދިނެތޭ ބުނެ ބަލާލީ ޝިޔާނާ ދިމާއަށެވެ.

"އެދުވަސް އަދި އަންނާނެ... އިރާދަކުރެއްވިއްޔާ ދެން ލަހެއްނުވާނެ" ޝިޔާނު ބުންޏެވެ.

"ކޮބާތަ އަލްމާ... އޭނާ ގާތު ދަނީއޭ ބުނެލަންވާނެއެއްނު" ހޭޒަލް ބުންޏެވެ.

"އެދިޔައީ އަރްޝަމް ގާތަށް ކަންނޭނގެ... އަހަރެން އެބައަންނަން ބުނެފަ" ޔުސްރާ ޖޯލިން ތެދުވިއެވެ.

"އަހަރެމެން ބޭރުގަ މަޑުކޮށްލާނީ ދޯ" ލިއަމް ވެސް ޖޯލިން ތެދުވެފައި ބުންޏެވެ. ޝިޔާނު ތެދުވީ ލިއަމް ތެދުވީމައެވެ. އެމީހުންނާއެކު ދޮރޯށްޓާ ހަމައަށް ހޭޒަލް އައެވެ.

"އަހަރެން އެބަ އަންނަން އަލްމާ ގާތު ދަނީއޭ ބުނެލާފަ... އޭނާ ބިޒީކޮށް އުޅެނިކޮށް ދޮރޯށި ދޮށަށް ނެރޭނެކަމެއްނެތެންނު" ހޭޒަލް ބުންޏެވެ. އަދި ހަލުވިކޮށް އެތެރެއަށް ވަދެގެން އައެވެ. ޔުސްރާ ވަން ދިމާއަށް ހޭޒަލް އައެވެ. އޭނާގެ ފިޔަވަޅު މަޑުޖެހިލީ ޔުސްރާގެ އަޑު އިވިފައެވެ.

"އޭތް! ދެން ބުނެބަލަ... ކީއްވެ ނުނިކުންނަން ތިހުރީ... ކުއްލިއަކަށް މޫޑީވީ ކީއްވެތަ؟... ކަމެއްވީތަ؟" ޔުސްރާ ސުވާލުކުރިއެވެ. ހޭޒަލްއަށް އެ ސުވާލުތައް އިވި ވިސްނާލެވުނެވެ. އަލްމާގެ ޠަބީޢަތް ގޯސްވެގެން އެ އުޅެނީ ލިއަމް އޭނާ ހުއްޓުވީމައޭ ހޭޒަލްގެ ޟަމީރު ބުންޏެވެ. އޭނާ ހުރި ފިޔަވަޅު މަތީ މަޑުކޮށްލީ އަލްމާއާއި ޔުސްރާއާ ދެމެދު ދެކެވޭ ވާހަކައެއް އަޑުއަހާށެވެ. ފަހަރެއްގައި އެމީހުންގެ ވާހަކައިން ކަމެއް ހޭޒަލްއަށް އޮޅުން ފިލާފާނޭ ހީކުރެވެނީއެވެ. އަލްމާ އެހެން އުޅެންވީ ސަބަބެއް އެނގިދާނޭ ހޭޒަލްއަށް ހީވަނީއެވެ.

"މަންމަ ވެސް އަރްޝަމް ގޮވައިގެން އެވަގުތު ނުކުންނަންޖެހޭތަ... އެނގޭނެ ދޯ ބަޔަކު އައިސްގެންކަން އުޅެނީ" އަލްމާގެ އަޑުގައިވީ ނުރުހުމެވެ.

"އެވަރުކަމެއްތަ އެއީ... ލިއަމް އިންދަ އެހެންޏާ ވެސް މަންމަ ނުކުމެއެންނު، އަރްޝަމް ހުންނަކަން ވެސް އެނގޭނެ ދޯ" ޔުސްރާ ބުންޏެވެ.

"އެހެންވިޔަސް ހެވޭ..." އަލްމާ ބުންޏެވެ.

"ރުޅިއައިސްގެން ތިއުޅެނީ މަންމަދެކެއެއްނޫން، އެހެންކަމެއްވެއްޖެ..." ޔުސްރާ ބުންޏެވެ.

"ވަރަށް ފޫހިވޭ..." އަލްމާ ބުނެލިއެވެ.

"ކޮންކަމަކާ؟ ކާކުދެކެ!... އަހަންނަށް ހީވަނީ އަލްމާ ވަރަށް ވިސްނަންވެއްޖެހެން، އަހަންނަށް މިހާރު އެނގިއްޖެ ތިވެގެން އުޅޭގޮތެއް، ހުރިހާ އެއްޗެއް އަހަންނަށް ކިޔައިދީ..." ޔުސްރާ ބުންޏެވެ.

(ނުނިމޭ)