ރިޔާދު (ސެޕްޓެމްބަރު 29) - ޔަމަނާއި ސައުދީ އަރައްބިއްޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި ދިން ވަރުގަދަ ހަމަލާތަކަކަށްފަހު، ގިނަ އަދަދަކަށް ސައުދީ ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށް ހޫތީ ހަނގުރާމަވެރިން ބުނެފި އެވެ.
ހޫތީންގެ ތަރުޖަމަނާކު މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ނަޖްރާން ނަމަކަށް ކިޔާ އަވަށެއްގެ ކައިރިން ތިން ބްރިގޭޑްގެ ސައުދީ ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ ކުރިމަތިލުންތަކުގައި އެތަކެއް ސައުދީ ސިފައިންނެއް މަރުވެފައިވާއިރު، ގިނަ އަދަދަކަށް ސައުދީ ސިފައިން ހޫތީންގެ ބެލުމުގެ ދަށުގައި ތިބި ކަމަށްވެސް އޭނާ ބުނެފައިވެ އެވެ. ނަމަވެސް، ސައުދީ ސަރުކާރުން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ހައްޔަރު ކޮށްފައިވާ ސައުދީ ސިފައިންގެ މައުލޫމާތު ހޫތީންގެ ޓީވީ މެދުވެރިކޮށް މިއަދުގެ ވަގުތެއްގައި ހާމަ ކުރާނެ ކަމަށެވެ.
ދެ ފަރާތުގެ ދެމެދުގައި މި ކުރިމަތިލުން ހިނގާފައިވަނީ، ޑްރޯންއާއި މިސައިލްތަކެއް މެދުވެރިކޮށް ސައުދީގެ މައި ތެޔޮ ކުންފުނި އަރަމްކޯއަށް ހޫތީން ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށެވެ.
ނަމަވެސް، ސައުދީގެ އިތުރުން އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކުން އެ ހަމަލާތަކުގެ ތުހުމަތު ކުރަނީ އިރާނަށެވެ.
ސައުދީއާއި ޔޫއޭއީގެ ކޯލިޝަނުން ޔަމަނުގައި 2015 ގެ މާޗް މަހު ހަރަކާތްތެރިވާން ފަށާފައި ވަނީ އޭރު ވެރިކަމުގައި ހުންނެވި އަބްދު-ރައްބު މަންސޫރު ހާދީގެ ވެރިކަން ހޫތީ ޖަމާއަތުން ވައްޓާލުމާއި ގުޅިގެން ނެވެ. އެއަށް ފަހު ދެ ފަރާތުގެ ކުރިމަތިލުންތަކުގައި ދިހަ ހާހުން މީހުން މަރުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށްް އެހީދޭ ޖަމާާއަތްތަކުން ހާމަކުރެ އެވެ.
ޔަމަނުގެ 24.1 މިލިއަން ރައްޔިތުންނަށް ވަނީ އެހީ ބޭނުންވެފަ އެވެ. އެއީ އެ ގައުމުގެ އާބާދީގެ ތިންބައިކުޅަ ދެބައެވެ.