މިދިޔަ ދެ ހަފްތާގެ ތެރޭގައި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ގުޅިގެން އުފައްދާފައިވާ އަސްކަރީ ކޯލިޝަނުން ދެމުންދާ ވައިގެ ހަމަލާތައް 80 ޕަސަންޓް މަދުވެފައިވާކަމަށް އދ. އިން ބުނެފި އެވެ.
ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ފެށުނީ، 2015 ވަނަ އަހަރު، އެ ގައުމުގެ ހުޅަނގުގެ ބޮޑު ބައެއް ހޫތީންގެ އަތްދަށަށް ދިއުމާއި ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ރައީސް އަބްޑްރާބު މަންސޫރު ހާދީ ވަނީ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވެފަ އެވެ.
އިރާނުން އެހީވެދޭ ހޫތީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ވަނީ ޔަމަނުގެ ސަރުކާރަށް އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތުގެ ތެރެއިން ވައިގެ މަގުން އެކަނިވެސް 1،000 އަށް ވުރެ ގިނަ ހަމަލާ މިހާތަނަށް ދީފައިވާއިރު، އެ ހަމަލާތަކުގައި އާއްމުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު މަރުވެފައިވާއިރު، ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން ސްކޫލްތަކާއި ހޮސްޕިޓަލުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.
ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. ހޫތީން އިސްވެ ހުށަހެޅީ ސައުދީއަށް ދެމުންދިޔަ ޑްރޯން ހަމަލާތައް ހުއްޓާލުމަށެވެ. އޭގެ ބަދަލުގައި ސައުދީ ކޯލިޝަނުން ޔަމަނަށްދޭ ވައިގެ ހަމަލާތައް ހުއްޓާލުމަށް ވަނީ ހުށަހަޅައިފަ އެވެ.
އަދި އެ އެއްބަސްވުން އިތުރަށް ފުޅާކޮށް، އެ ސަރަހައްދުގައި ސުލްހަ ގާއިމުކުރުމުގެ ދޮރު ހުޅުވިފައިވާކަމަށް ސައުދީ ރަސްގެފާނު ސަލްމާން ވަނީ މިދިޔަ ބުދަ ދުވަހު ވިދާޅުވެފަ އެވެ.
ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ފަސް އަހަރު ވީ އިރު، އެތައް މިލިޔަން މީހުންނެއް ވަނީ ބަނޑަށް ޖެހިފަ އެވެ.