ލައިފްސްޓައިލް

ޕްރޮފެސަރެއްގެ ރަނގަޅުކަމުން ތައުރީފު އޮހެނީ!

ދަރިވަރަކަށް އެހީތެރިވުމުގެ ގޮތުން ކޮލެޖެއްގެ ޕްރޮފެސަރަކު ކަންތައް ކުރި ގޮތަށް ގިނަ ބަޔެއްގެ ތައުރީފު އޮހެމުން އެބަދެ އެވެ. މި ޕްރޮފެސަރު އެހީވީ ކޮލެޖުގައި އޭނާ ކިޔަވައިދެމުންދިޔަ ޒުވާން މަންމަ އަކަށެވެ. އެ މަންމަގެ ކުޑަކުޑަ ފިރިހެން ދަރިފުޅު ބަލައިދޭނެ މީހަކު ނެތިގެން ކްލާހަށް އޭނާ ގެނައުމުގެ ހުއްދަކަށް ޕްރޮފެސަރުގެ ކިބައިން އެދުނެވެ.

މި ހުއްދަ ޕްރޮފެސަރު ދީފައި ހަމައެކަނި ފުއްދާލީކީ ނޫނެވެ. ދަރިވަރު ކުލާހުގައި އިނދެ ނޯޓްސްތައް ލިޔެ ހަދަންދެން ޕްރޮފެސަރު ވަނީ އޭނަގެ ދަރިފުޅު ބަލަހައްޓާދީފަ އެވެ. އެގޮތުން ތިން ގަޑިއެއްހާއިރު އޭނާ އެ ކުއްޖާ ބުރަކަށީގައި ބަނދެގެން ހުއްޓެވެ.

ޕްރޮފެސަރުގެ މި ހިތްހެޔޮކަމާއި ރަނގަޅުކަން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާހަގަކޮށް އެއީ "ހީރޯ" އެއް ކަމަށް ސިފަ ކޮށްފައި ވެއެވެ.

ޑރ. ރަމާތާ ސިސޯކޯ ސިސޭ ކޮށްދިން މި ހެޔޮކަންތައް ސޯޝަލް މީޑިއާގައި ވައިރަލްވީ އޭނާގެ އަންހެންދަރިފުޅު ޕޯސްޓްކުރި ފޮޓޯއަކާ ގުޅިގެންނެވެ. މި ފޮޓޯއާއެކު ސިސޭ މިކަން މިގޮތަށް ކުރި ސަބަބުވެސް އޮޅުން ފިލުވައިދީފައި ވެއެވެ.
ސިސޭ އަކީ އެމެރިކާގެ ޖޯޖިއާގެ ލޯރެންސްވީލްގެ ކޮލެޖެއްގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ޓީޗަރެކެވެ.

ޔާހޫ ލައިފްސްޓައިލް އަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނިގޮތުގައި އޭނާގެ ދަރިވަރު އަދި ޒުވާން މަންމަ އޭނާއަށް ގުޅާފައި އޭނާގެ ދަރިފުޅު ބަލަހައްޓައިދޭން ހަވާލުކޮށްފައިވާ މީހާ އެ ދުވަހު ނައިސްގެން އޭނާއަށް ހެނދުނުގެ ކުލާހަށް ދާން ދަތިވެގެން އުޅޭ ވާހަކަ ބުނި ކަމަށެވެ.

"އަހަރެންގެ މަންމަ އަކަށް ރޯލް މޮޑެލް އެއް. އެފަދަ މަންމައެއްގެ ކިބައިން އުފަންވުމުގެ ނަސީބު ލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ރަހުމަތެއް،" އޭނާގެ މަންމަގެ ވާހަކަ އޮންލައިންގައި ހިއްސާކުރަމުން ސިސޭގެ އަންހެންދަރިފުޅު ލިޔެފައި ވެއެވެ.

ސިސޭގެ ދަރިފުޅު އިތުރަށް ލިޔެފައިވާ ގޮތުގައި އޭނާގެ މަންމަ ތިން ގަޑިއިރުވަންދެން ކުލާހުގައި ކިޔަވައިދިނީ އެ ތުއްތު ކުއްޖާ ބުރަކަށީގައި ބާއްވައިގެންނެވެ. އަދި އެ ވަގުތުތަކުގެ ތެރޭގައި އެ ކުއްޖާއަށް ކާން ވެސް ދިނެވެ.

ސިސޭގެ ފުރަގަހުގައި ފޮތިގަނޑަކުން ބަނދެފައި އޮތް ކުއްޖާ އަރާމުގައި ނިދާލާފައި އޮތްތަން ފެނިފައި ވަރަށް ގިނަ ބަޔަކު އުފާކޮށް ހިތްހަމަޖެހުމުގެ ޝުއޫރުތައް ފާޅުކުރި އެވެ. ސިސޭ ކިޔަވައިދޭ ދަރިވަރުންގެ ތެރެއިން ވަރަށް ގިނަ ކުދިން ބުނެފައިވާ ގޮތުގައި ސިސޭ އަކީ ހިތްހެޔޮކަމާއި އެހީތެރިކަމުގެ ގޮތުން އެއްވަނައިގެ ޓީޗަރެކެވެ.

ސިސޭ ބުނި ގޮތުގައި އޭނާގެ ދަރިވަރަށް މީގެ ކުރިން ވެސް ކްލާހަކަށް ހާޒިރުނުވެވި ފިލާވަޅުތަކެއް ގެއްލިފައި ވެއެވެ. އަދި އިމްތިހާނު ފެށެން ވަރަށް ކައިރިވެފައި ވުމާއެކު އިތުރު ކުލާހެއް ގެއްލިއްޖެނަމަ އުނދަގޫވާނެ އެވެ.

ސިސޭ، 51، އަކީ މާލީ އަށް އުފަން މީހެކެވެ. ސިސޭ ބުނި ގޮތުގައި އޭނާގެ އުފަން ރަށުގައި އެކި ކަހަލަ ފޮތިން ކުއްޖާ ބުރަކަށީގައި ބަނދެގެން އުޅުމަކީ މަންމައިން ވަރަށް އާދަކޮށް ކޮށްއުޅޭ ކަމެކެވެ.