އޮފްބީޓް

"ޓޫތު ފެއަރީ"ގެ ހަގީގަތް އެނގުމުން ކުއްޖަކު ލިޔުނު ސިޓީ!

ކުޑަކުދިންގެ ވާހަކަ ފޮތްތަކުގައި "ޓޫތު ފެއަރީ" އެއްގެ ވާހަކަ ވަރަށް ގިނައިން ލިޔެފައި ހުރެ އެވެ. މި ވާހަކަތައް ކިޔާ ކުދިން ގަބޫލު ކުރަނީ "ޓޫތު ފެއަރީ" އަކީ ހަމަ ހަގީގަތުގައި ވެސް އުޅޭ އެއްޗެއް ކަމަށެވެ. ނަމަވެސް "ޓޫތު ފެއަރީ" ގެ ހަގީގަތް ފަޅާއެރުމުން އިނގިރޭސި ވިލާތުގެ ކުޑަ އަންހެންކުއްޖަކު އޭނާގެ މައިންބަފައިންނަށް ލިޔުނު ސިޓީއަކަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފަ އެވެ. އަދި މި ކުޑަކުއްޖާގެ މައުސޫމް ކަމުން ވަރަށް ގިނަ ބަޔަކު އޭނާއަށް ލޯބީގެ ޝުއޫރުތައް ވަނީ ފާޅުކޮށްފަ އެވެ.

ލަންޑަންގައި ދިރިއުޅޭ ނުވަ އަހަރުގެ މި އަންހެންކުއްޖާ ލިޔުނު ނޯޓުގައި ލިޔެފައިވާ ގޮތުގައި ޓޫތު ފެއަރީ އައިސް އޭނާގެ ވެއްޓުނު ދަތް ނަގާފައި އޭގެ ބަދަލުގައި ފައިސާ ބަހައްޓާ ކަމަށް ބުނެ އޭނާގެ މައިންބަފައިން ހަދަނީ ދޮގުކަން އޭނާއަށް އެނގިއްޖެ އެވެ. އެހެންވެ 100 ޕައުންޑް ދޭންޖެހޭނެ ކަމަށް މި ކުއްޖާގެ ނޯޓުގައި ބުނެފައި ވެއެވެ.

ކުޑަކުއްޖާ ލިޔުނު ނޯޓު ޓުވީޓް ކުރަމުން އެ ކުއްޖާގެ ބައްޕަ ސޭމް ފްރީޑްމަން ބުނި ގޮތުގައި އޭނާގެ ދަރިފުޅުގެ ދަތެއް ވެއްޓުމުން ބާލީސް ދަށަށް ލާފަ އޮއްވާ ދަތް ނަގާފަ އެތާނގައި އެއް ޕައުންޑްގެ ނޫޓެއް ބާއްވަން އޭނާ އުޅެނިކޮށް ދަރިފުޅު ލިޔެފައިވާ ނޯޓް ފެނުނީ އެވެ.

އެ ނޯޓުގައި ލޯބިވާ ޓޫތު ފެއަރީ އަށް -- ޑިއާ ޓޫތު ފެއަރީ -- ޖަހާފައި ކަނޑާލާފައި ލޯބިވާ މަންމަ އާއި ބައްޕައަށް -- ޑިއާ މަމް އެންޑް ޑޭޑް -- ލިޔެފައި އޮތެވެ. އަދި ދަތް ނަގާފައި ފައިސާ ބަހައްޓަނީ އެމީހުން ކަން އޭނާއަށް އެނގޭ ކަމަށާއި ދޮގު ހަދާނެ ކަމެއް ނެތް ކަމަށް މި ކުއްޖާގެ ނޯޓުގައި ވެއެވެ.

"ކުޑަ އެއްޗެއް ބުނަންތަ، އެއް ޕައުންޑްގެ ބަދަލުގައި 100 ޕައުންޑް ބާއްވާތި. [މީ ވަރަށް ރަނގަޅު ޚިޔާލެއް]، އުފާވެރި ރެއަކަށް އެދެން،" ކުއްޖާ ލިޔެފައި ވެއެވެ.

ނިންމާލަމުން ކުއްޖާގެ ތައާރަފަކަށް އޭނާ ލިޔެފައިވަނީ "ދޮގު ހަދާ މީހުން އެންމެ މޮޅަށް ހޯދާ ޖާސޫސް" މިހެންނެވެ. އަދި ތިރީގައި ކުއްޖާގެ ނަން ލިޔުމަށްފަހު ފޭވަރިޓް ދަރިފުޅު ކަމަށް ވެސް ލިޔެފައި އޮތެވެ.

"އަހަރެމެންގެ އަނގައިން ވެއްޓޭ ހުރިހާ ދަތަށް ކަލޭމެން ކުރަނީ ކީއް؟ ބުނެބަލަ!" ތިރީގައި ވަކިން ޕޯސްޓް ސްކްރިޕްޓް ޖަހާފައި ކުއްޖާ ލިޔެފައި ވެއެވެ.

މި ކުއްޖާގެ ނޯޓް ސޯޝަލް މިޑިއާ އިން ފެނިގެން ކޮމެންޓްކުރި ބައެއް މީހުން ލިޔެފައިވާ ގޮތުގައި ޖާސޫސްކުރާ މީހުންނަށް ވުރެ މިކުއްޖާ މާ މޮޅެވެ. އަދި އޭނާ ސުވާލު ކޮށްލާފައި ހުރިލެއް މޮޅުކަމަށް އަނެއް ބަޔަކު ތައުރީފު ކުރި އެވެ. އަދި ފައިސާއަށް ޑިމާންޑްކޮށްފައިވާ ގޮތް ވެސް އަނެއް ބަޔަކަށް ވަރަށް ކަމުދިޔަ އެވެ.