އަހުމަދު ޝިޔާމް

މި ސަރުކާރުގެ ތަރައްގީއަކީ ވަންވޭތައް ބަދަލު ކުރުން: ޝިޔާމް

މި ސަރުކާރަށް ތަރައްގީގެ މަޝްރޫއެއް ނުހިންގޭ ކަމަށާއި ތަރައްގީގެ ނަމުގައި ކުރާ ކަމަކީ މާލޭގެ މަގުތަކުގެ ވަންވޭތައް ބަދަލު ކުރުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެ އެވެ.

މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި އަމަލު ކުރަން ޖެހޭ ވަންވޭ އުސޫލުތަކަށް ބަދަލު ގެނެސް، ގިނަ މަގުތަކުގައި ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖައްސައި، އެ އުސޫލަށް އަމަލު ކުރަން ފެށިކަން އިއްޔެ ވަނީ ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފަ އެވެ.

މާލޭ ސަރަހައްދުގައި ބޮޑު މަޝްރޫއެއް ނުފަށާ އަނެއްކާ ވެސް ވަންވޭތަކަށް ބަދަލު ގެނައުމުން ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން މާލޭގެ މަގުތަކުގެ "ބޮޑު މަޝްރޫއެއް" ނިންމައި ރައްޔިތުންނަށް ހުޅުވާލައިފި ކަމަށެވެ. އަދި ވިދާޅުވީ ތަރައްގީއަށް އެ ނޫން ކަމެއް ސަރުކާރުން ކުރާތަން ނުފެންނަ ކަމަށެވެ.

"އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުގެ ސަމާލު ކަމަށް މި ޓްވީޓް ޕޯސްޓް ކޮށްލަން. ތަރައްގީއަށް މި ނޫން ކަމެއް މި ސަރުކާރުން ކުރާތަން ދެކެން ބޭނުންވާ ރައްޔިތުން ހާދަ ގިނަ ވެއްޖެއޭ." އޭނާގެ ޓްވީޓްގައި ވެއެވެ.

ޝިޔާމް އެހެން ވިދާޅުވިއިރު، ވިއްސާރަ މޫސުމުގައި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއެއް ރާވަމުންދާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މަޝްރޫއު އަދި އިއުލާން ނުކުރެ އެވެ.

މާލެ ސަރަހައްދުގެ އިތުރުން އެހެން ސަރަހައްދުތަކުގައި ވެސް ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ލަސް ކަމަށް ބުނެ ސަރުކާރަށް ދަނީ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.