ކުޅިވަރު

50 އަހަރު ތެރޭ އިންޓަގެ އެންމެ ރަނގަޅު ފެށުން

ސަމްޕްޑޯރިއާގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި 53 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގްގެ ފުރަތަމަ ހަ މެޗުން އިންޓަ މިލާން މޮޅު ވެއްޖެ އެވެ.

މުޅި އިންޓަގެ ތާރީހްގައި ވެސް ސީޒަންގެ ފުރަތަމަ ހަ މެޗުން އިންޓަ މޮޅުވީ ދެ ފަހަރު އެވެ. އެއީ މި ސީޒަންގެ އިތުރުން 1966 - 1967 ސީޒަންގަ އެވެ. އެހެން ނަމަވެސް އެ ސީޒަން ރަނގަޅަށް ފެށި ނަމަވެސް އެ އަހަރުގެ ލީގް ކާމިޔާބު ކުރީ ޔުވެންޓަސް އެވެ.

ޗެލްސީގެ ކުރީގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ ކޯޗް ކަމުގައި މި ސީޒަނާ ކުރިމަތިލި އިންޓައިން ވަނީ ލީޗަ، ކަލިއަރީ، އުޑިނޭޒީ، އޭސީ މިލާން، ލާޒިއޯ އަދި ސަމްޕްޑޯރިއާ އަތުން މޮޅުވެފަ އެވެ.

ރޭގެ މެޗުގައި އިންޓަގެ ފުރަތަމަ ލަނޑު ސްޓެފާނޯ ސެންސީ ކާމިޔާބު ކުރީ ލާޓޫރޯ މާޓިނޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މި ސީޒަންގައި ލޯން އުސޫލުން މެންޗެސްޓާ ޔުނައިޓަޑް ދޫކޮށް އިންޓައަށް ގުޅުނު އެލެކްސިސް ސަންޗޭޒް ވަނީ އިންޓަގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 22 ވަނަ މިނެޓްގައި ލަނޑު ޖަހައި ދެ ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު އިންޓައިން ނިންމާލި އެވެ. ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓްގައި ސަންޗޭޒްއަށް ދެއްކި ރަތް ކާޑާއެކު އިންޓައިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

ސަމްޕްޑޯރިއާގެ ލަނޑު ކާމިޔާބު ކުރީ ޔަކޫބް ޔަންކްޓޯ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 55 ވަނަ މިނެޓްގަ އެވެ. އޭގެ ފަސް މިނެޓް ފަހުން ސަމްޕްޑޯރިއާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ރޮބާޓޯ ގައިޔަރުޑީނީ އެވެ.

ޔުވެންޓަސްވެސް ވަނީ ސްޕަލްގެ މައްޗަށް 2-0 ން މޮޅުވެ އިންޓަގެ ފަހަތުގައި ވިއްދާފަ އެވެ. ޔުވެންޓަސްގެ ލަނޑުތައް ކާމިޔާބު ކުރީ މިރެލެމް ޕިއާނިޗް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އިންޓައިން އެއް ވަނައިގައި އޮތީ 18 ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސް ދެ ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ.