ޝާހްރުކް ހާން

"ކިލް ބިލް" ރިމޭކަށް ޝާހްރުކް އެއްބަސްވީތަ؟

ފިލްމުތައް އުފައްދާ ނިކިލް ދިވޭދީ މިއަހަރުގެ ކުރީކޮޅު ވަނީ ހޮލީވުޑް މަޝްހޫރު ފިލްމް "ކިލް ބިލް" ގެ ރިމޭކް ރައިޓްސް ގަނެފަ އެވެ. ބޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުން މިހާރު މި ފިލްމު އުފެއްދުމުގެ މަސައްކަތް ފަށަން ނިކިލް ދަނީ ތައްޔާރު ވަމުންނެވެ. އަދި ފިލްމުގެ ނުބައިބައި ކެރެކްޓާ ބިލްގެ ރޯލަށް ޝާހްރުކް ޚާން ހަމަޖެއްސުމަށް މިހާރު މަޝްވަރާތައް ކުރިޔަށްދާ ކަމަށް ވެސް ޚަބަރު ލިބެ އެވެ.

ޝާހްރުކް ޚާން އެންމެ ފަހުން ފެނިފައިވަނީ 2018 ގައި ނުކުތް "ޒީރޯ" އިންނެވެ. އޭގެ ފަހުން އޭނާ އެއްވެސް ފިލްމެއް ކުޅެން ސޮއި ނުކުރާތީ އޭނާގެ ފޭނުން ޝަކުވާ ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

މި ފިލްމު ކުޅެން ރަސްމީކޮށް އަދި ޝާހްރުކް ސޮއި ނުކުރި ނަމަވެސް މިއީ އޭނާ ކުޅެން ވިސްނާ ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. ސަބަބަކީ ޑައިރެކްޓަރު އަނުރާގު ކަޝޭޕް އާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން އޮތީމަ އެވެ. "ކިލް ބިލް" ގައި އުމާ ތާމެން ކުޅުނު ރޯލް އޭގެ ހިންދީ ރިމޭކްގައި ކުޅޭނެ ބަތަލާއަކު ހަމަޖެއްސުމުގެ މަސައްކަތް ވެސް މިހާރު ކުރިޔަށްދާ ކަމަށް ވެއެވެ.

މިކަމާ ގުޅޭ ގޮތުން ޝާހްރުކް އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. ޝާހްރުކް އެންމެ ފަހުން ކުޅުނު "ޒީރޯ" އާއި "ޖަބް ހެރީ މެޓް ސޭޖަލް" އަށް ވެސް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ނާކާމިޔާބަކާ ވަނީ ކުރިމަތިވެފަ އެވެ.